07 ޖެނުއަރީ 2023 - 14:46

ރ. އަލިފުށީ ކުނި ގޮނޑުގައި ބަހައްޓާފައި ހުރި ފައިބަރުތަކެއްގައި މީގެ އިރުކޮޅެއް ކުރިން ރޯވެ ވަރަށް ބޮޑަށް އަނދަން ފަށައިފި އެވެ.

ކައުންސިލުގެ ނައިބު ރައީސް އިބްރާހިމް ޒަހީން "މިހާރު" އަށް ވިދާޅުވީ، އެ ރަށު ކުނި ގޮނޑުގައި އަނދަމުންދަނީ ބޯޓުފަހަރު ބަނުމަށް ބޭނުންކުރާ ފައިބަރުގެ ތެރެއިން އުކާލުމަށް ތައްޔާރުކޮށް، ވަކިން ސަރަހައްދެއްގައި ބަހައްޓާފައި ހުރި ފައިބަރުތަކެއްގައި ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އަލިފާންގަނޑު ވަނީ ކުނި ގޮނޑުގައި ފެތުރި ވަރަށް ބޮޑުވެފަ އެވެ. އެ ތަނުގައި ހުރި އިމާރަތަކަށް ވެސް ގެއްލުން ވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ވިދާޅުވި އެވެ.
އަލިފާންގަނޑު ރޯވާން ދިމާވި ސަބަބެއް އަދި ނޭނގެ އެވެ.
ޒަހީން ވިދާޅުވީ، ވަކި ހާއްސަ ގޮތަކަށް ނައްތާލަން ޖެހޭ އެ ފައިބަރަކީ ވަރަށް އަވަހަށް އަލިފާން ހިފައި، ރޯވާ ޒާތުގެ އެއްޗެއް ކަމަށެވެ. އެ ރޯވުމުން އަރާ ދުމުން ސިއްހަތަށް ވެސް ނުރައްކާ ވާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.
"އެ [އަލިފާން] ނިއްވާލުމަކީ ވަރަށް އުނދަގުލުން ބުރަ މަސައްކަތުން ނޫނީ ނުކުރެވޭނެ ކަމެއް،" ޒަހީން ވިދާޅުވި އެވެ.
އަލިފުށީގައި ފަޔާ ސްޓޭޝަނެއް ނެތަސް އެ އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ރަށުގެ މުއައްސަސާތަކާއި ރައްޔިތުން ގުޅިގެން ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ރަށުގައި ފަޔާ ފައިޓިން ތަމްރީނު ހޯދާފައި ހުރި ޓީމަކުން ވެސް އެ މަސައްކަތުގައި އުޅޭ ކަމަށް ވިދާޅުވި އެވެ.
ކިއްސަރު ވަޑާމަށް މަޝްހޫރު އަލިފުށީގައި ބޯޓުފަހަރު ބަނުމަށް ފައިބަރުގެ މަސައްކަތް ވަރަށް ބޮޑަށް އޮވެ އެވެ. އެއީ ސިއްހަތަށް ވެސް އަސަރު ކުރާ ކަމަކަށް ވާއިރު، މިދިޔަ ބުރާސްފަތި ދުވަހު އެ ރަށަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގަތުމުން ކައުންސިލުން ވަނީ ބޯޓު ޔާޑު ސަރައްދުގައި އުފެދޭ ފައިބަރު ކުނި ނައްތާލެވޭނެ ނިޒާމެއް ގާއިމު ކުރަން އެދިފަ އެވެ.
އަލިފުށީގައި ކެންސަރު ބަލި ގިނަވާ ކަމަށް ފާހަގަކޮށް އެކަން ދިރާސާ ކުރަން ވެސް ރައީސްގެ އަރިހުގައި އެދުނެވެ.