07 ޖެނުއަރީ 2023 - 13:24

މި އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން ނުކުންނަވާ ކެންޑިޑޭޓަކު ކަނޑައަޅަން މި މަހު ބާއްވާ ޕްރައިމަރީގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނ. އަތޮޅަށް މިއަދު ވަޑައިގެންފި އެވެ.

ހަތަރު އަތޮޅަކަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި އެ މަނިކުފާނު މިއަދު ހެނދުނު ވަނީ ނ. އަތޮޅު ކެނދިކުޅުދުއަށް ވަޑައިގެންފަ އެވެ. އެ ރަށުން އެމްޑީޕީގެ ސަޕޯޓަރުން އެ ޕާޓީގެ އިސް ލީޑަރަށް ހޫނު މަރުހަބާއެއް ކިޔެވެ.

ކެނދިކުޅުދު އަށް ވަޑައިގަތުމަށް ފަހު އެ ރަށުގެ އެމްޑީޕީ ހަރުގޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެ ޕާޓީގެ މެމްބަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދެއްކެވި އެވެ. އެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ވެސް ވާހަކަދެއްކެވި އެވެ.

ރައީސް ނ. އަތޮޅުގެ ތިން ރަށަކަށް މިއަދު ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވެ އެވެ. ދެން ވަޑައިގަންނަވާނީ މިއަދު ހަވީރު ނ. މަނަދުއަށެވެ. އެ ރަށުގައި ވެސް ޕާޓީގެ މެމްބަރުންނާ ބައްދަލުކުރަން ވަނީ ހަމަޖެހިފަ އެވެ.
މިއަދު އެންމެ ފަހު ރަށަކަށް ވަޑައިގަންނަވާނީ އެ އަތޮޅު ވެލިދު އަށެވެ. މިރޭ 8:30 ގައި އެ ރަށުގައި އެ މަނިކުފާނުގެ ކެމްޕެއިން ޖަލްސާއެއް ބާއްވަވާނެ އެވެ.
މިދިޔަ ހުކުރު ދުވަހު ފެއްޓެވި ކެމްޕެއިން ދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންމެ ފުރަތަމަ ވަޑައިގަތީ ރ. އަތޮޅަށެވެ. އެ އެތޮޅުން އެންމެ ފަހު ރަށަކަށް ވަޑައިގަތީ މީދު އަށެވެ.
ރައީސްގެ ކެމްޕެއިން ދަތުރުފުޅުގައި ދެން ވަޑައިގަންނަވާނީ ބ. އަތޮޅާއި ޅ. އަތޮޅަށެވެ. ދަތުރުފުޅު ނިންމަވާލައްވާނީ އަންނަ އަންގާރަ ދުވަހު އެވެ.