07 ޖެނުއަރީ 2023 - 00:12

ރާއްޖޭގައި 2012 އިން ފެށިގެން އޮތް ހަލަބޮލިކަމުން ހަމަޖެހުން ގާއިމްކުރެވި، އެއްވެސް ރަށެއް އަދި ސިޔާސީ ފިކުރެއް ބާކީނުކޮށް އަސާސީ ހިދުމަތް ފޯރުކޮށްދިނުން ހުއްޓެން އެމަނިކުފާނު ބޭނުން ނުވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

ވެރިކަމުގެ ދެ ވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވައި ކުރިއަށް ގެންދާ ކެމްޕޭންގައި ރ. މީދޫގައި ރައީސް މިރޭ ވިދާޅުވީ އެމަނިކުފާނުގެ އަމާޒަކީ ރައްޔިތުންނަށް ހަމަޖެހުން ގެނެސްދިނުން ކަމަށެވެ. ވެރިކަމުގެ ދެ ވަނަ ދައުރަކަށް ކުރިމަތިލައްވައި ކާމިޔާބީ ހޯއްދަވަން ބޭނުންވާ ސަބަބަކީ ވެސް އެއީ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ވެރިކަން ފެށިއިރު ރ. އަތޮޅަށް ބެލި ނަމަވެސް މީހުން ދިރިއުޅޭ 15 ރަށުގެ ތެރެއިން އަސާސީ ހިދުމަތް ލިބެނީ މަދު ރަށަކުންނެވެ. މި ސަރުކާރުން މަސައްކަތްކުރަނީ ސިއްހީ ހިދުމަތާއި ތައުލީމް އަދި ދަތުރުފަތުރު ވިޔަސް އެއްވެސް މީހަކު ބާކީ ނުކޮށް ހިދުމަތް ފޯރުކޮށްދިނުމަށްކަން ފާހަގަކުރެއްވި އެވެ.
އެހެންވެ، އެކަން ހުއްޓުނު ނުދިނުމަށް އެ މަނިކުފާނު ރިޔާސީ އިންތިހާބު ކާމިޔާބުކުރުން ވަރަށް މުހިއްމު ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސިޔާސީ އެކި ފިކުރުތަކާއި މީހުންނާ އެކު އެމަނިކުފާނު ވެރިކަން ކުރެއްވިޔަސް އެމްޑީޕީގެ ހިޔާލާއި ވިސްނުން ކުރިއަށް ނެރެ ރާއްޖެ ތަރައްގީ ކުރެވޭނެ ކަމަށެވެ.
ދެ ވަނަ ދައުރެއް ހޯއްދެއްވުމަށް ނުކުމެވަޑައިގެން ހުންނެވީ އެމްޑީޕީއަށް ކާމިޔާބު ހޯދައިދިނުމަށް ކަމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ހަރަކާތްތަކާއި ބައްދަލުވުންތަކުން ވެސް، ރިޔާސީ އިންތިހާނު ބޮޑު ތަނުން ކާމިޔާބުކުރެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހު ބެހިފައިވާ ގޮތުން ކޯލިޝަނެއް ނުހަދައި އެކަނި އިންތިހާބަށް ނުކުމެ 50 ޕަސެންޓް ހޯދުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެމްޑީޕީއަކީ އެންމެ ބޮޑު ޕާޓީ ކަމަށާއި އެކަމަކު މަދުވާ ޕަސެންޓް ނުލިބި، އެންމެ ބޮޑު ޕާޓީ މަގުމަތިވާންވީތީ ނުވަތަ ނޫންތޯ މިއީ ކުރަންވީ ސުވާލު ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް 48 ޕަސެންޓް ވޯޓު ވެސް ދެވިދާނެ. 110،000 ވޯޓު ވެސް، 120،000 ވޯޓު ވެސް ދެވިދާނެ. އެކަމަކު މި މީހުން އަނެއްކާ މަގުމަތީގައި އުޅެންވީތޯ ނޫންތޯ. މިއީ އުފައްދަންޖެހޭ ސުވާލަކީ." އެ މަނިކުފާނު ވިދާޅުވި އެވެ.
ޕްރައިމަރީގައި ވޯޓުލާއިރު އެންމެން ވެސް ވިސްނުން ގެންގުޅެން ޖެހޭނީ ކޮށްފައި ހުރި ތަޖުރިބާގެ މައްޗަށް ކަމަށް ރައީސް ވިދާޅުވި އެވެ. އާ ގާނޫނު އަސާސީގެ ދަށުން 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވުނު ގޮތް އެނގޭ ކަމަށާއި އެމްޑީޕީގެ ފުރަތަމަ ވެރިކަން ތިން އަހަރު ފަހުން މަގުމަތިވެގެން ދިޔަ ގޮތް މިހާރު ވެސް ހަނދާނުގައި އެބަހުރިކަން ފާހަގަކުރެއްވި އެވެ.
އެއަށްފަހު، 2012-2018 އާ ހިސާބަށް ރާއްޖޭގެ ހާލަތު އޮތްގޮތް ހަނދާނުން ފިލައިގެން ނުދާނެ ކަމަށާއި އެކަން ފޮހެލަން ވެސް ބޭނުން ނުވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަނިޔާވެރިކަން، ބިރުވެރިކަން. އަޅުގަނޑުމެން ބޭނުންވަނީ އަލުން އެ އަނިޔާވެރިކަމަށް ދާންތޯ ނުވަތަ ސުލްހަވެރިކަމާއެކު އުޅެންތޯ." ރައީސް ސުވާލު އުފެއްދެވި އެވެ.
ރައީސް ވަނީ ރ. އަތޮޅުގެ ބައެއް ރަށްރަށުގައި ކުރަމުން އަންނަ މަސައްކަތްތަކާއި ސަރުކާރުން ރާވާފައިވާ ބައެއް މަޝްރޫއުތަކުގެ ތަފްސީލު ހިއްސާކޮށްދީފަ އެވެ. މަޑުއްވަރީ ދާއިރާއަށް ވައުދުވި ހުރިހާ ވައުދެއް ގާތްގަނޑަށް ނިމިފައިވާ ކަމަށް ރައީސް އެ މަނިކުފާނު ވިދާޅުވި އެވެ.