ވަޒީފާގެ ބިރޭ ކިޔައިގެން ވާހަކަ ދެއްކުމަކީ އެމްޑީޕީގެ މެމްބަރުންނަށް ކުރާ ބޮޑު މަލާމާތެއް: މާރިޔާ
ވަޒީފާގެ ބިރޭ ކިޔައިގެން ވާހަކަ ދެއްކުމަކީ އެމްޑީޕީގެ މެމްބަރުންނަށް ކުރާ ބޮޑު މަލާމާތެއް: މާރިޔާ

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ގުޅުވައިގެން މެމްބަރުންނަށް ބިރު ދައްކާ ކަމަށް ބުނުމަކީ އެ ބިޔަ ޕާޓީގެ ހިތްވަރު ގަދަ މެމްބަރުންނަށް ކުރެވޭ މަލާމާތެއް ކަމަށް، ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާނުކަން ކުރައްވާ މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

ނަޝީދުގެ ކެމްޕެއިން ޓީމުން ނެރުނު ނޫސް ބަޔާނަށް ރައްދު ދެއްވަމުން ޑިފެންސް މިނިސްޓަރުކަން ވެސް ކުރައްވާ މާރިޔާ ވިދާޅުވީ އެމްޑީޕީ އަކީ ވަޒީފާގެ ބިރަށް ބަސް ނުޖެހުނު މީހުންގެ ޕާޓީ ކަމަށެވެ.

ނަމަވެސް ވަޒީފާގެ ބިރޭ ކިޔައިގެން ވާހަކަ ދެއްކުމަކީ އެ ބިޔަ، ބޮޑު ޕާޓީގެ ހިތްވަރު ގަދަ މެންބަރުންނަށް ކުރެވޭ ބޮޑު މަލާމާތެއް ކަމަށް މާރިޔާގެ ޓްވީޓުގައި ވިދާޅުވި އެވެ.

ނަޝީދުގެ ކެމްޕެއިން ޓީމުން ނެރުނު ބަޔާނެއްގައި ބުނީ އެ ޕާޓީގެ މެމްބަރުންނާއި ސަޕޯޓަރުންގެ ބުރަ މަސައްކަތުން 2018 ގައި ނުކުމެ ވެރިކަން ބަދަލުކުރަން ވޯޓުލީ އެތައް ކަމެއް އަލުން އިޔާދަވަމުންދާކަމުގެ ކަންބޮޑުވުން މެމްބަރުން ފާޅުކުރަމުން އަންނަ ކަމަށެވެ.

އެގޮތަށް ކުރަމުންދާ ކަންކަމުގެ ތެރޭގައި ދައުލަތުގެ އެކި ވަޒީފާތަކުގައި ތިބި ނަޝީދަށް ތާއީދުކުރާ މުވައްޒަފުން އެމީހުން ވަޒީފާ އަދާކުރަމުންދާ ރަށް ނޫން އެހެން ރަށްރަށުގެ ވަޒީފާތަކަށް ބަދަލުކުރަމުންގެންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށައި އޭގެ ބޭނުމަކީ އެމީހުން ވޯޓުލުމުން މަހްރޫމްކޮށް ނަޝީދުގެ ކެމްޕެއިނުގައި ރަށުގައި ހަރަކާތްތެރިވުން ދުރުކުރުވުން ކަމަށް ބަޔާނުގައި ބުންޏެެވެ.

"ވާދަވެރި ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުނުކުރާ މުވައްޒަފުންނަށް ސަރުކާރުން އެކި ގޮތްގޮތުން ބިރުދައްކަމުންދާ ކަމުގެ ޝަކުވާތައް ވެސް ދަނީ ލިބެމުންނެވެ. އެގޮތުން، ވާދަވެރި ކެންޑިޑޭޓަށް ތާއީދުނުކުރާ މުވައްޒަފުންނަށް ވަޒީފާތަކުގައި ނުތިބެވޭނޭކަމަށް ބުނެ ބައެއް މިނިސްޓަރުން މިނިސްޓްރީތަކުގެ މުވައްޒަފުންނަށް ބިރުދައްކައި އިންޒާރުދެމުންދާ ކަމުގެ ޝަކުވާތައްވެސް ލިބެމުންދެ އެވެ،" ބަޔާނުގައި ވެ އެވެ.

ރައީސްގެ ކެމްޕެއިން ޖަލްސާތަކުގައި ބައިވެރިވުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް އެ ކުންފުނިތަކުގެ އިސްވެރިން އަންގަމުންދާ ކަމަށާއި ހަރަކާތްތަކުގައި ބައިވެރިނުވާ ނަމަ، އެ މުވައްޒަފުންނާ މެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ވެސް ދެމުންދާ ކަމަށް ނަޝީގެ ކެމްޕެއިން ޓީމުގެ ބަޔާނުގައި ބުންޏެވެ.