06 ޖެނުއަރީ 2023 - 18:51

ހދ. ކުޅުދުއްފުށީގެ ތަރައްގީއަށް މި ސަރުކާރުން ރާވާފައިވާ މަޝްރޫއުތައް ކުރިއަށްދާ ސްޕީޑު ވަރަށް ލަސް ކަމަށް ވިދާޅުވެ، އެމްޑީޕީގެ ޕްރައިމަރީގައި އޭނާގެ ތާއީދު އޮތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ކަމަށް އެ ސިޓީގެ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުލް ލަތީފު މިއަދު އިއުލާންކުރައްވައިފި އެވެ.
އެމްޑީޕީގެ ދެބައިވެ އުފެދުނު ހިޔާލުތަފާތުވުންތަކުގެ ތެރޭގައި ޔާސިރު މިހާތަނަށް ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަޅީގަ އެވެ.
ޔާސިރު ކުރެއްވި ޓްވީޓުގައި ވިދާޅުވީ މި ސަރުކާރަށް ބޭނުންވި ހުރިހާ ކަމެއްގައި ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އެއްބާރުލުން ދީފައިވާ ކަމަށެވެ. ނަމަވެސް ކުޅުދުއްފުށީގައި ހިންގަން ނިންމާފައިވާ މަޝްރޫއުތައް ކުރިއަށް ދަނީ ވަރަށް ލަސް ދުވެއްޔެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންވެ، މި މަހުގެ 28 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކުރެއްވި ތާއިދު އަނބުރާ ގެންނަވައި، އެ އިންތިހާބުގައި ވާދަކުރައްވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދުކުރައްވަން ނިންމަވާފައިވާ ކަމަށް ޔާސިރު ވިދާޅުވި އެވެ.
ކުޅުދުއްފުށީގެ ތަރައްގީގެ މަޝްރޫއުތައް ލަސްކަމަށް ވިދާޅުވެ ޔާސިރުގެ ތާއިދު އަނބުރާ ގެންދެވިއިރު، އެ ރަށުގެ އުތުރު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދު އެއްވެސް ބޭފުޅެއްގެ ކެމްޕެއިނަކުން ނުފެނެ އެވެ.
ނަމަވެސް އެ ސިޓީގެ މޭޔަރު އަހުމަދު އާތިފު ވެސް ވަނީ ކުޅުދުއްފުއްޓަށް އެންމެ ބޮޑު ތަރައްގީއަކާއި ހެޔޮ ބަދަލެއް ގެނެސްދީފައިވަނީ ނަޝީދުގެ ވެރިކަމުގައި ކަމަށް ވިދާޅުވެ، ރިޔާސީ ޕްރައިމަރީގައި އެ މަނިކުފާނަށް ތާއިދުކުރައްވަން ނިންމަވައިފަ އެވެ.
ކުޅުދުއްފުށީގެ ތަރައްގީއަށް ގިނަ މަޝްރޫއުތަކެއް ވަނީ ބަޖެޓުގައި ހިމަނައިފަ އެވެ. އޭގެ ތެރެއިން ބައެއް މަސައްކަތްތައް ހަވާލުކުރި ނަމަވެސް ކުރިއަކަށް ނުދެ އެވެ. އޭގެ ތެރޭގައި އެއާޕޯޓު ސަރަހައްދުގައި ހިލަތޮށި ޖެހުން ހިމެނެ އެވެ. އެއާޕޯޓުގައި ލައިޓް ހަރުކުރުމާއި އެ ރަށު އެއާޕޯޓަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ވެސް ސަރުކާރުގައި ވަނީ އެދިފަ އެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް ކުރިއަކަށް ނުދާ ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ޓާޝަރީ ހޮސްޕިޓަލްގެ އާ އިމާރާތުގެ ބިންގާ ނޭޅި ލަސްވުމާއި މަގުތަކުގެ އަމަލީ މަސައްކަތް ކުރިއަށް ނުގޮސް ލަސްވުމާއި އަފީފުއްދީނާއި ޖަލާލުއްދީން ސްކޫލުގެ އާ އިމާރާތް ނުހެދި ލަސްވުމަކީ އެ ރަށު ރައްޔިތުންގެ ކަންބޮޑުވުންތަކެވެ.