06 ޖެނުއަރީ 2023 - 13:58

ލަންޑަން (ޖެނުއަރީ 6) - އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 1-0 އިން މޮޅުވެ މެންޗެސްޓާ ސިޓީން، އެއް ވަނައިގައި އޮތް އާސެނަލް އާ ފަސް ޕޮއިންޓަށް ގާތް ކޮށްފި އެވެ.
ބަލިވިއަސް، އުނދަގޫ ހާލަތެއްގައި އޮތް ޗެލްސީން ވަނީ ރޭގެ މެޗުގައި މޮޅަށް ކުޅެފަ އެވެ. މި ފަހުން ޗެލްސީން ނެރެމުން އަންނަ ދަށް ނަތީޖާތަކާ އެކު ވެސް ދަނޑަށް ވަން ޗެލްސީގެ ސަޕޯޓަރުން ވެސް ވަނީ ރޭގެ މެޗަށް ފަހު، ކުޅުންތެރިންގެ ހިތްވަރަށް ތައުރީފް ކޮށްފަ އެވެ.
މެޗު ފެށިގެން ފަސް މިނިޓު ތެރޭ ޗެލްސީގެ ރަހީމް ސްޓާލިން އަށް އަނިޔާ ވެގެން ވަނީ ބަދަލު ކުރަން ޖެހިފަ އެވެ. އަދި 20 މިނިޓު ހަމަ ނުވަނީސް ކްރިސްޓިއަން ޕުލިސިކަށް ވެސް އަނިޔާ ވެގެން ބަދަލު ކުރަން ޖެހުނެވެ.
ބަދަލުގައި ތަޖުރިބާކާރު ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ބަދަލުގައި ކޯޗު ގްރަހަމް ޕޮޓާ ވަނީ ޒުވާން ކުޅުންތެރިން ކުޅެން އަރުވައިފަ އެވެ. ޕުލިސިކްގެ ބަދަލުގައި އެރި ކާނީ ޗުކުމެކާ ފޮނުވާލި ހަމަލާއެއްގެ ހުރަހަކަށް ވީ ގޯލުގެ ދަނޑިއެވެ. ދެވަނަ ހާފުގައި ތިއާގޯ ސިލްވާ އާއި ޒުވާން ކުޅުންތެރިޔާ ލެވިސް ހޯލް ފޮނުވާލި ބޯޅަތައް ގޯލާ އަމާޒެއް ނުވި އެވެ.
މެންޗެސްޓާ ސިޓީ އަށް އެމީހުންގެ އަސްލު ކުޅުން ރޭގެ މެޗުގައި ނުދެއްކުނު އިރު، ދެ ވަނަ ހާފުގައި ޗެލްސީގެ ކުރީގެ ކުޅުންތެރިޔާ ނޭތަން އަކީ ބޮލުން ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒު ވެފަ އެވެ. އެޓީމުން ޖެހި ހަމައެކަނި ލަނޑު 63 ވަނަ މިނިޓުގައި ޖެކް ގްރީލިޝް ދިން ބޯޅައަކުން ޖަހައިދިނީ ރިޔާދު މަހްރޭޒް އެވެ.
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ މަހްރޭޒް އާއި ގްރީލިޝް ކުޅެން ނެރުނީ އެޓީމުން ލީޑު ނެގިތާ ހަތަރު ވަރަކަށް މިނިޓު ކުރިންނެވެ.
މިއާ އެކު ލީގުގައި އެންމެ ފަހުން ޗެލްސީ ކުޅުނު އަށް މެޗުގެ ތެރެއިން ހަތަރު މެޗުން ބަލި ވެފައި ވާއިރު، މޮޅުވީ އެންމެ މެޗަކުންނެވެ. އެއީ ވޯލްޑް ކަޕް ބްރޭކަށް ފަހު ކުޅުނު ފުރަތަމަ މެޗުގައި ބޯންމަތާ ދެކޮޅަށް ކުޅުނު މެޗުންނެވެ.
މި ނަތީޖާއާ އެކު ސިޓީން ވަނީ 17 މެޗުން 39 ޕޮއިންޓް ހަމަކޮށްފަ އެވެ. އެއް ވަނައިގައި އޮތް އާސެނަލް ވަނީ 44 ޕޮއިންޓް ހޯދައިފަ އެވެ. އަދި ޗެލްސީ އޮތީ ޗެމްޕިއަންސް ލީގު ޖާގައަކާ 10 ޕޮއިންޓް ފަހަތުގައި، 25 ޕޮއިންޓާ އެކު 10 ވަނައިގަ އެވެ.
މެންޗެސްޓާ ސިޓީ ވަނީ އެންމެ ފަހުން ޗެސްލީއާ ދެކޮޅަށް ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެފަ އެވެ.
ޗެލްސީ އަށް ދެން ވެސް އޮތީ ސިޓީއާ ދެކޮޅަށް ކުޅޭ މެޗެކެވެ. އެފްއޭ ކަޕްގެ ތިން ވަނަ ބުރުގެ މެޗުގައި އާދިއްތަ ދުވަހުގެ ރޭ ނުކުންނާނީ ސިޓީގެ ދަނޑުގަ އެވެ. ނޮވެމްބަރު މަހު ލީގް ކަޕުން ވެސް ޗެލްސީ ކެޓީ ސިޓީ އަތުން ބަލިވެގެންނެވެ.