06 ޖެނުއަރީ 2023 - 14:18

މާލޭގެ މިސްކިތްތައް މަރާމާތުކުރުމަށް ފައިސާ ހޯދުމަށް ދެ ދުވަހުގެ ފަންޑްރައިޒިން އިވެންޓެއް ބާއްވަން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
"ޗާލު މިސްކިތް" ގެ ނަމުގައި ފަންޑް ރެއިޒިން އިވެންޓެއް ބާއްވާ ގޮތަށް ހަމަޖެހިފައި ވަނީ މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް އާޓިފިޝަލް ބީޗްގަ އެވެ.
އެ އިވެންޓް މިއަދު އޮންނާނީ ހަވީރު 4:00 އިން އިރުއޮއްސި 6:00 އާ ހަމައަށް އަދި ރޭގަނޑު 8:00 އިން 11:00 އާ ހަމައަށެވެ. މާދަމާ އެ ހަރަކާތް ބާއްވާނީ ހެނދުނު 9:00 އިން އިރުއޮއްސި 6:00 އާ ހަމައަށެވެ.
މިސްކިތްތަކުގައި ކުރަން ހުރި މަރާމާތުތަކަށް ފަންޑް ރެއިޒްކުރުމަށް ބާއްވާ އެ އިވެންޓަށް ރައްޔިތުންނަށް ދައުވަތު ދެއްވަމުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މި އިވެންޓް އޮންނާނީ ކުޑަކުދިންގެ ހަވީރަކާ އެކު ކަމަށެވެ. އަދި އިވެންޓުގައި ބައިވެރިނުވެވުނަސް މިސްކިތްތައް މަރާމާތުކުރުމުގެ މަސައްކަތްތައް އޮންލައިންކޮށް ވެސް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.
ކައުންސިލުގެ ބެލުމުގެ ދަށުން މާލޭގެ މިސްކިތްތައް ބަލަހައްޓަމުން އަންނައިރު ބަޖެޓްގެ ދަތިކަން ކައުންސިލަށް ވަނީ ކުރިމަތިވެފަ އެވެ. އެހެންވެ، އެކި މަސައްކަތްތައް ނުކުރެވި ލަސްވެފައިވާ ކަމަށް ކައުންސިލުން ކުރިން ވެސް ބުނެފައިވެ އެވެ.