ރައީސް ޕްރައިމަރީ ކެމްޕެއިިނަށް ރ. އަތޮޅަށް
ރައީސް ޕްރައިމަރީ ކެމްޕެއިިނަށް ރ. އަތޮޅަށް

މި މަހުގެ 28 ގައި އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރ. އަތޮޅަށް ވަޑައިގެންފި އެވެ.

ރައީސްގެ ކެމްޕެއިންގެ ފުރަތަމަ ޖަލްސާ ފެއްޓެވީ މިދިޔަ ބުދަ ދުވަހު މާލެއިންނެވެ. އަތޮޅު ތެރޭގެ ކެމްޕެއިން ރ. އަތޮޅުން ފައްޓަވާފައި މިވަނީ މިދިޔަ އަހަރުގެ ބައިނަލްއަގްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާ ގުޅިގެން ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް، ރ. އަލިފުއްޓަށް އިއްޔެ ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެވެ.

ޕްރައިމެރީ ކެމްޕެއިންގެ އެންމެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ރައީސް ވަޑައިގެންނެވީ ރ. އަތޮޅުން މާކުރަތަށެވެ. މިއަދު ހެނދުނު އެރަށަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ސަޕޯޓަރުން ކިޔެވެ.

އެރަށުގެ އިތުރުން އިންނަމާދޫ އާއި މީދޫއަށް ވެސް ވަޑައިގެން އެރަށުގައި ތިބި އެމްޑީޕީ މެމްބަރުންނާ ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިފައިވެ އެވެ. ބޮޑު ޖަލްސާ އޮންނާނީ މީދޫގަ އެވެ.

"އެމްޑީޕީ ކުރިއަށް" ޝިއާރާ އެކު ރައީސްގެ ކެމްޕެއިން ފަށައިގެން ކުރިއަށް ގެންދާއިރު މިފަހަކާ ޖެހެންދެން ވެސް އެމަނިކުފާނު ކެމްޕެއިން ހަރަކާތްތައް ނުފައްޓަވާތީ ގިނަ ބައެެއްގެ ފާޑުކިޔުން އަމާޒުވި އެވެ.

އެމަނިކުފާނާ ވާދަކުރައްވާ، އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ގެންދަވަނީ ވަރަށް ފޯރީގައި ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދަވަމުންނެެވެ. މާލޭގައި ޑޯޓުޑޯ ހަރަކާތްތަކެއް ބޭއްވުމަށް ފަހު އެމަނިކުފާނު ވެސް މިހާރު ވަނީ އަތޮޅު ތެރެއަށް ކެމްޕެއިން ހަރަކާތްތައް ފައްޓަވައިފަ އެވެ.