06 ޖެނުއަރީ 2023 - 13:46

ވޮޝިންޓަން (ޖެނުއަރީ 5) - ހަތަރު ދުވަސް މަތިން 11 ފަހަރު ވޯޓަށް އަހައިގެން ވެސް އެމެރިކާގެ މަޖިލީހަށް ރައީސަކު ނުހޮވި މަޖިލިސް އަނެއްކާ ވެސް ހުއްޓާލައިފި އެވެ.
ނޮވެމްބަރު މަހު އިންތިހާބު ކުރި އެމެރިކާގެ މަޖިލީހުގެ ތިރިގޭގެ އާ ދައުރު ހޯމަ ދުވަހު ފެށީ މަޖިލީހުގެ ރައީސް އިންތިހާބު ކުރުމުގެ އެޖެންޑާއިންނެވެ. އެ އެޖެންޑާ ފުރިހަމަ ނުކުރެވި ހަތަރު ދުވަސް ފާއިރު ވެއްޖެ އެވެ.
ރައީސްކަމަށް އައުމުގެ ފުރުސަތު އެންމެ ބޮޑު ކެންޑިޑޭޓަކީ އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ކެލިފޯނިއާގެ މެންބަރު ކެވިން މެކާތީ އެވެ. އެކަމަކު މިހާތަނަށް 11 ފަހަރު ވޯޓަށް އަހައިގެން ވެސް ބޭނުންވާ ވަރަށް ވޯޓް ހަމައެއް ނުވެ އެވެ.
މަޖިޅިހުގެ ރައީސަކުން ހޮވަން ބޭނުން ވަނީ 218 މެންބަރުގެން ވޯޓެވެ. އެކަށީގެންވާ މިންވަރަށް އޭނާ އަށް ވޯޓް ނުލިބެނީ މަޖިލީހުގައި ހަނި މެޖޯރިޓީއެއް އޮތް ރިޕަބްލިކަން ޕާޓީގެ ބައެއް މެންބަރު ވެސް އޭނާ އާ ދެކޮޅަށް ވޯޓް ދޭތީ އެވެ. އެގޮތުން 222 މެންބަރު ތަމްސީލު ކުރާ އެ ޕާޓީ އަށް ނިސްބަތްވާ 20 މެންބަރަކު އޭނާ އާ ދެކޮޅަށް ވޯޓް ދީފައިވެ އެވެ.
ރޭ މަޖިލީހުގެ ޖަލްސާ ނިންމާލީ މިއަދު އަނެއްކާ ވެސް ރައީސަކު ހޮވުމަށް ބާއްވާ ޖަލްސާ ބާއްވާނެ ކަމަށް އިއުލާން ކުރަމުންނެވެ.
މަޖިލީހުގެ މަސައްކަތް ފެށޭނީ ރައީސަކު އިންތިހާބު ކުރުމަށް ފަހު އެވެ. މެކާތީގެ ނަން ގެންދަވައި އެހެން މެންބަރަކަށް ފުރުސަތު ދެއްވައި ފިނަމަ ރައީސަކު އިންތިހާބު ކުރެވިދާނެ ކަމަށް ބެލެވެ އެވެ.
މަޖިލީހަށް ރައީސަކު ހޮވުން މީގެ ކުރިން ދިގު ދެމެިގެން ދިޔައީ 1923 ގަ އެވެ. އެ އަހަރު މަޖިލީހަށް ރައީސަކު ހޮވުނީ ނުވަ ފަހަރު ވޯޓް ލައިގެންނެވެ.