05 ޖެނުއަރީ 2023 - 11:53

ލަންޑަން (ޖެނުއަރީ 5) - އުމުރުން 18 އަހަރު ވަންދެން ހިސާބު މާއްދާ ކިޔަވަން އިނގިރޭސި ވިލާތުގެ ކިޔަވާ ކުދިންނަށް އެ ގައުމުގެ ބޮޑު ވަޒީރު ރިޝީ ސުނަކު އިލްތިމާސް ކުރައްވައިފި އެވެ.
އާ އަހަރުގެ ފުރަތަމަ ތަގްރީރުގައި ސުނަކު އިއްޔެ ވިދާޅުވީ މާލީ މުއާމަލާތްތަކުގައި އެ ގައުމުގެ ހުރިހާ ރައްޔިތުންނަށް ވެސް އިތުބާރާ އެކު މަސައްކަތް ކުރަން އޭނާ ބޭނުންވާ ކަމަށެވެ.
"މުޅި ދުނިޔެ ޑޭޓާ އާއި ސެޓެޓިސްޓިކްތަކަށް ބަރާސޯވަމުން ދާއިރު ކޮންމެ ވަޒީފާއެއްގައި އެ ކަންތައްތަކަށް އިސްކަން ދޭއިރު، އެ ހުނަރުތަކުން އަހަރެމެންގެ ދަރިން ތަމްރީން ނުކުރުމަކީ އަހަރެމެންގެ ދަރިން ފަހަތަށް ދާނެ ކަމެއް،" ސުނަކް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިނގިރޭސިވިލާތުގައި 16 އަހަރާއި 19 އަހަރާ ދެމެދުގެ ދަރިވަރުންގެ ތެރެއިން ހިސާބު ކިޔަވަނީ ދެބައިކުޅަ އެއްބައި ދަރިވަރުންނެވެ. އޭގެ ތެރޭގައި ސައިންސްގެ މާއްދާތައް ކިޔަވާ ދަރިވަރުން ހިމެނެ އެވެ. ސަބަބަކީ ޖީސީއެސްއީ އިމްތިހާނުގައި ހިސާބު މާއްދާ މަޖުބޫރު ކޮށްފައި އޮތުމުންނެވެ.
ހިސާބު މާއްދާ ކިޔަވަން އަމިއްލަ އަށް ބޭނުންވެގެން ކިޔަވާ ދަރިވަރުންގެ އަދަދު ދަނީ މަދުވަމުންނެވެ.
ފާޑު ކިޔާ ފަރާތްތަކުން ބުނަނީ އެކަށީގެންވާ މިންވަރަށް ހިސާބު ޓީޗަރުން ނެތް ނެތް ކަމަށާއި ހިސާބު ޓީޗަރުން ނެތި އެކަން ނުކުރެވޭނެ ކަމަށެވެ.
"ހިސާބު ޓީޗަރުންގެ އަދަދު ވަނީ ބޮޑު ތަނުން މަދުވެފައި. އެހެންވީމަ އެ ޕްލޭން މި ވަގުތު ހާސިލެއް ނުކުރެވޭނެ،" އިންގްލެންޑްގެ ސްކޫލް އަދި ކޮލެޖްތަކުގެ ލިޑާސް އެސޯސިއޭޝަނުން ނެރުނު ބަޔާނުގައި ވެއެވެ.