05 ޖެނުއަރީ 2023 - 09:16

ބާމިންހަމް (ޖެނުއަރީ 5) - ނިމިދިޔަ ފީފާ ވޯލްޑް ކަޕުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމު ހޯދުމަށް ފަހު އާޖެންޓީނާގެ އެމިލިއާނޯ މާޓިނޭޒް ޕްރިމިއާ ލީގުގެ އެސްޓަން ވިލާއާ އެކު ކުޅުނު ފުރަތަމަ މެޗު އެއްވަރު ވެގެން ނިމިއްޖެ އެވެ.

އެސްޓަން ވިލާގެ ދަނޑުގައި، ރެލިގޭޝަން ގައި އޮތް ވުލްވްސް އާ ދެކޮޅަށް ކުޅުނު މި މެޗު އެއްވަރު ވީ 1-1 އިންނެވެ.

ވުލްވްސް އިން ވަރުގަދަކޮށް ފެށި މެޗުގައި ފުރަތަމަ ލީޑު ނެގީ ވެސް ނޮވެމްބަރު މަހު ހޫލެން ލޮޕެޓެގީ ހަވާލު ވުމަށް ފަހު ކުޅުން ވަރަށް ބޮޑަށް ރަނގަޅު ކޮށްފައިވާ ވުލްވްސް އެވެ. މެޗުގެ 12 ވަނަ މިނިޓުގައި އޭރިއާ ތެރެއިން ޑަގްލަސް ލުއިޒް ކައިރިން ނައްޓާލާފައި އެޓީމަށް ލީޑު ނަގައިދިން ލަނޑު ޖެހީ ޑެނިއެލް ޕޮޑެންސް އެވެ.
ލީޑު ނެގުމުގެ ކުރިން ވުލްވްސް އަށް ލިބުނު ކޯނަރެއްގައި ޑިފެންޑަރު ނޭތަން ކޮލިންސް ބޮލުން ފޮނުވާލި ބޯޅައެއް ގޯލް ލައިން މަތިން ދިފާއު ކުރީ ވިލާގެ ޑިފެންޑަރު އާޒީ ކޮންސާ އެވެ. އަދި މާޓިނޭޒް ވަނީ މެތިއުސް ނޫނޭޒް ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ހުށިޔާރު ކަމާއެކު ދިފާއު ކޮށްފަ އެވެ.
ދެ ވަނަ ހާފުގައި ވިލާ އަށް އެއްވަރު ކޮށްދިނީ ޑެނީ އިންގްސް އެވެ. މެޗުގެ 78 ވަނަ މިނިޓުގައި އިންގްސް މި ލަނޑު ޖެހީ، ކޯޗު އުނެއި އެމެރީ އޭނާ ކުޅެން އެރުވިތާ 11 މިނިޓު ތެރޭ އެވެ.
މެޗުން އެއްވަރު ވުމާ އެކު ވުލްވްސް އަށް ވަނީ އަދިވެސް ރެލިގޭޝަން ޒޯނުން އަރައި ނުގަނެވިފަ އެވެ. ތާވަލްގެ 19 ވަނައިގައި އެޓީމު އޮތީ 18 މެޗުން 14 ޕޮއިންޓް ހޯދައިގެންނެވެ.
އެސްޓަން ވިލާއާ ކުޅެ އަމިއްލަ ދަނޑުގައި މިދިޔަ ހަފްތާ ބަލިވި ޓޮޓެންހަމް ވަނީ، ރަށުން ބޭރުގައި ރޭ ކްރިސްޓަލް ޕެލަސްއާ ވާދަކޮށް ވޯލްޑް ކަޕް ބްރޭކަށް ފަހު ފުރަތަމަ ފަހަރަށް މޮޅުވެފަ އެވެ.
ހެރީ ކޭން އާއި ސޮން ހެއުން މިން ވެސް ގޯލު ޖެހި މި މެޗުގައި ޓޮޓެންހަމުން ކްރިސްޓަލް ޕެލަސް ބަލިކުރީ 4-0 ގެ ނަތީޖާއަކުންނެވެ.
ޓޮޓެންހަމުން ލީޑު ނެގީ ދެ ވަނަ ހާފު ފެށިގެން ގާތް ގާތުގައި ކޭން ޖަހައިދިން ދެ ގޯލުންނެވެ. ފުރަތަމަ ލަނޑު އޭނާ ޖެހީ 48 ވަނަ މިނިޓުގައި އިވާން ޕެރިސިޗް ނަގައިދިން ހުރަހަކުންނެވެ. އަދި ދެ ވަނަ ލަނޑު ކާމިޔާބު ކޮށްދިނީ އޭގެ ފަސް މިނިޓު ފަހުންނެވެ. މިއީ ލީގުގައި ކޭން ކުޅުނު 300 ވަނަ މެޗުން އޭނާ ޖެހި 198 ވަނަ ގޯލެވެ.
މެޗުގެ 68 ވަނަ މިނިޓުގައި ޓޮޓެންހަމްގެ ތިން ވަނަ ލަނޑު ޖަހައިދިނީ މިޑްފީލްޑަރު މެޓް ޑޮހާޓީ އެވެ. ހަތަރު ވަނަ ލަނޑު ސޮން ކާމިޔާބު ކުރީ 72 ވަނަ މިނިޓުގަ އެވެ.
ޕެލަސް އިން މެޗުގައި ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް ގޯލާ އަމާޒުކޮށް ނުލެވުނެވެ. މެޗުގެ ފަހު ވަގުތު ޓޮޓެންހަމްގެ ކެޕްޓަން ހޫގޯ ލޮރިސް ވަނީ ޕެލަސްގެ ޖޯޑަން އަޔޫ އާއި ވިލްފްރެއިޑް ޒާހާ ފޮނުވާލި ހަމަލާތައް ދިފާއު ކޮށްފަ އެވެ.
މި ނަތީޖާއާ އެކު ޕެލަސް ވަނީ ލީގުގެ 12 ވަނައަށް ވެއްޓިފަ އެވެ. އަދި އެސްޓަން ވިލާ ހޯދި ޕޮއިންޓާ އެކު އެ ޓީމު ވަނީ ޕެލަސް އާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށް، ގޯލުގެ ތަފާތުން 11 ވަނައަށް ޖެހިލައިފަ އެވެ.
މިދިޔަ ހަފްތާ ވިލާ އަތުން ވަލިވެގެން ފަސް ވަނައަށް ވެއްޓުނު ޓޮޓެންހަމް މިވަނީ ރޭގެ މޮޅާ އެކު 18 މެޗުން 33 ޕޮއިންޓް ހަމަކޮށްފަ އެވެ.
ރަށުން ވޭރުގައި ރޭ ނޮޓިންހަމް ފޮރެސްޓުން ވަނީ 1-0 އިން، ލީގުގެ ފުލުގައި އޮތް ސައުތެމްޓަން ބަލިކޮށް ރެލިގޭޝަން ޒޯނުން ކުރިއަށް ޖެހިލައިފަ އެވެ. މެޗުގައި އެ ޓީމުން ޖެހި ހަމައެކަނި ގޯލު ފުރަތަމަ ހާފުގައި ޖަހައިދިނީ ޓައިވޫ އަވޮނިޔީ އެވެ.
ލީޑްސް ޔުނައިޓެޑާއި ވެސްޓް ހޭމް ޔުނައިޓެޑް ރޭ ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ.
ލީޑްސް ޔުނައިޓެޑުން 27 ވަނަ މިނިޓުގައި ވިލްފްރެއިޑް ނޮންޓޯ ކާމިޔާބު ކޯށްދިން ގޯލުން ލީޑު ނަގާފައި ވަނިކޮށް ފުރަތަމަ ހާފު ނިމެނިކޮށް ލިބުނު ޕެނަލްޓީއަކުން ލޫކަސް ޕަކޭޓާ ވަނީ ވެސްޓް ހޭމަށް ނަތީޖާ އެއްވަރު ކޮށްދީފަ އެވެ. އަދި ދެ ވަނަ ހާފު ފެށިގެން ފުރަތަމަ މިނިޓުގައި ޖިއާންލޫކާ ސްކަމާކާ ވަނީ ވެސްޓް ހޭމަށް ލީޑު ވެސް ނަގައިދީފަ އެވެ.
ލީޑްސް އިން ޕޮއިންޓެއް ހޯދީ 70 ވަނަ މިނިޓުގައި ރޮޑްރިގޯ މޮރޭނޯ ކާމިޔާބު ކޮށްދިން ގޯލުންނެވެ.