04 ޖެނުއަރީ 2023 - 23:23

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ސަރުކާރަށް އަމާޒު ކުރައްވަމުން ގެންދެވި ފާޑު ކިޔުންތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ހޫނު ރައްދުތައް ދެއްވައިފި އެވެ.

އެމްޑީޕީގެ ހަރުގޭގައި މިރޭ ބޭއްވި "އިބޫ 2023" ޕްރައިމަރީ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަކީ އެތެރޭގެ އިންތިހާބަކަށް ވާއިރު ނަޝީދަކީ އެމަނިކުފާނާ އިދިކޮޅު ކެންޑިޑޭޓެއް ނޫން ކަމަށާއި އެއީ ވާދަވެރި ކެންޑިޑޭޓެއް ކަމަށެވެ.

އެހެންކަމުން މިހާތަނަށް ވެސް މަސައްކަތް ކުރަމުން އައީ "ރިއެކްޓް" ނުކޮށް އުޅެވޭތޯ ކަމަށާއި ނަމަވެސް މިހާރު ބައެއް ކަންކަމުގައި ޖަވާބު ދެއްވައި ހަގީގަތް ސާފު ކޮށްދޭން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ސަރުކާރު ހިންގަވާއިރު އެކި ކަންކަމާ ގުޅޭ ގޮތުން ހިޔާލު ދެއްވައި މަޝްވަރާ ކުރަން އަބަދުވެސް ފުރުސަތު އޮންނާނެ ކަމަށާއި ނަމަވެސް އެއްވެސް މީހެއްގެ އަޅަކަށް ވެވަޑައިނުގަންނަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"މިއީ ރިޔާސީ ދެ ވަނަ ދައުރެއްގައި ވެސް ދޫނުކޮށްލާނެ ކަންތައްތަކެއް ނޫން. އެއްވެސް މީހެއްގެ އަޅަކަށް ނުވާނަން. އަޑު އަހާނަން، އެކަމަކު ކަންކަން ނިންމާނީ ރައްޔިތުންނަށް ފައިދާ ވާގޮތަށް،" ރައީސް ވިދާޅުވި އެވެ.
ކޮވިޑުގެ އާލަމީ ވަބާއާއެކު ކޮންމެ ދުވަހެއް ހޭދަކުރަމުން ދިޔަ އިރު އިދިކޮޅު ފަރާތްތަކުންނާއި އެމްޑީޕީގެ އެތެރެއިން ވެސް އުނދަގޫތަކާއި ދަތިތައް ކުރިމަތިކުރުވި ކަމަށް ރައީސް ވިދާޅުވި އެވެ.
ސަރުކާރާ މެދު ނަފްރަތު އުފެއްދުމަށްޓަކައި ޕާޓީގެ އެތެރެއިން މަދު ބަޔަކު މަސައްކަތް ކުރަމުން ދިޔަ ނަމަވެސް ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ކުރެވުނު މަސައްކަތްތަކާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"މިއަދު އެ ބޭފުޅުންނަށް ދަންނަވާނީ އެކަން ހުއްޓާލައްވާށޭ. ހުއްޓާލައްވާފައި ވަޑައިގެން އަޅުގަނޑުމެންނާއެކު ރައްޔިތުންނަށް ހިދުމަތް ކުރުމަށް ވެފައިވާ ވައުދުތައް ފުއްދުމަށް މަސައްކަތް ކުރައްވާ،" އެމްޑީޕީގެ ނަޝީދު ފެކްޝަނަށް އަމާޒު ކުރައްވާ ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ފަސް އިންތިހާބަކާއި ރިޔާސީ އެއް އިންތިހާބު ކާމިޔާބު ކުރައްވައިގެން ކަމަށެވެ. އެ ތަޖުރިބާއާއެކު އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރައްވަން ނިންމެވީ އިތުރު ދައުރެއް ކާމިޔާބު ކުރާނެ ފޯމިއުލާ އެނގިވަޑައިގެން ކަމަށާއި އިތުރު ފަސް އަހަރަށް އެމްޑީޕީ އަށް ވެރިކަމެއް ހޯދައި ދެވޭނެ ކަމުގެ ފުރިހަމަ ޔަގީން ކަން އެބައޮތް ކަމަށް ރައީސް ވިދާޅުވި އެވެ.
"އެއް އަހަރަކަށް ނޫން، ދެ އަހަރަކަށް ނޫން، ތިން އަހަރަކަށް ނޫން ފަސް އަހަރަށް،" ނަޝީދު ވިދާޅުވެފައިވާ ބައެއް ވާހަކަތަކަށް ނުސީދާ ރައްދު ދެއްވަމުން އެމަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ވާދަ ކުރެއްވި 2008 ވަނަ އަހަރުގައި ފުރަތަމަ ބުރުގައި އެމްޑީޕީއަށް ލިބުނީ 25 ޕަސަންޓު ކަމަށާއި ވެރިކަމަށް އިންތިހާބުވީ ކޯލިޝަން ހަދައިގެން ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް ދެ މަސް ނުވަނީސް ކޯލިޝަން ރޫޅި ފަހަރަކު އުނދަގުލަކާ ކުރިމަތިލާން ޖެހި އެމްޑީޕީ އަނެއްކާވެސް ނިކުންނަން ޖެހުނީ މަގުމައްޗަށް ކަމަށް ރައީސް ވިދާޅުވި އެވެ.
އެއާ ޖެހިގެން އައި 2013 ވަނަ އިންތިހާބުގައި 48 ޕަސަންޓު އެމްޑީޕީއަށް ލިބުނަސް އެ އިންތިހާބު ވެސް ކާމިޔާބު ނުވީ ކޯލިޝަން ހަދާނެ ޕާޓީއެއް އެމްޑީޕީއަށް ނުލިބިގެން ކަމަށް ރައީސް ވިދާޅުވި އެވެ.
"މިއީ ވިސްނަން ޖެހޭނެ ކަންކަން. ކޮން ކެނޑިޑޭޓަކާ އެކީ ގޮސްގެންތޯ ސިޔާސީ އެހެން ފިކުރުތަކުގެ މީހުން ވެސް އެކީ މަސައްކަތް ކުރާނީ،" ރައީސް ވިދާޅުވި އެވެ.
ރާއްޖެ ބަނގުރޫޓުވެ މުޅި ގައުމު ހުއްޓުމަކަށް އަންނަ ކަމަށާއި ސްރީ ލަންކާގެ ހާލަތަށް ރާއްޖެ ގެންދަން ބޭނުންވެގެން ރެއާ ދުވާލު ތަކުރާރުކޮށް އެ ވާހަކަތައް ނަޝީދު ދައްކަވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވި އެވެ. މި މަހު އެކަނި ލޯނު އަނބުރާ ދައްކަން 70 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމާއި ކުރިޔަށް އޮތް ކޮންމެ މަހަކު 40-50 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި ވާހަކަތައް ރައީސް ތަކުރާރު ކުރެއްވި އެވެ.
ރައީސް ވިދާޅުވީ އެކަންކަމުގެ ހަގީގަތަކީ މިމަހު ދައްކަން ޖެހެނީ 29 މިލިއަން ޑޮލަރު ކަމަށާއި އަންނަ މަހު 14 މިލިއަން ޑޮލަރު އަދި މާޗު މަހު 27 މިލިއަން ޑޮލަރު ކަމަށެވެ.
ހުރިހާ ކަމެއް އޮޅުވާލައިގެން އެ ދައްކަވަނީ ސިޔާސީ މަންފާ ހޯދުމަށް ކަމަށާއި އޭގެ ގެއްލުން ރައްޔިތުންނަށް ވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"މި ވާހަކަތައް ރައްޔިތުންނަށްޓަކައި އޮޅުން ފިލުވާދޭން ބޭނުން ވަނީ. މިއީ ރިއެކްޓް ކުރުމެއް ނޫން،"
މަސްވެރިކަމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ވެލިއު އެޑް ކުރަން ޖެހޭ ވާހަކަ ނަޝީދު ވިދާޅުވާ ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގައި 50 ޓަނު ބަންދު ކުރެވޭ ފެލިވަރު ފެކްޓަރީ 15 ޓަނަށް ކުޑަ ކުރެއްވި ކަމަށް ރައީސް ވިދާޅުވި އެވެ.
"ދެން ކޮން ވެލިއު އެޑެއްތޯ ކުރެވޭނީ،" ނަޝީދަށް ފާޑު ވިދާޅުވަމުން ރައީސް ވިދާޅުވި އެވެ.
ސައްބީސް ރުފިޔާއަށް މަސް ކިލޯއެއް ނަޝީދު ސަރުކާރުގައި ގަތް ވާހަކައަކީ ތެދުފުޅެއް ކަމަށާއި ނަމަވެސް މަސް އެކްސްޕޯޓު ކުރަމުން އައީ ޓަނަކުން 290 ޑޮލަރު ގެއްލުމުގައި ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އޭގެ ސަބަބުން މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ވެސް ނުދެއްކޭ ކަމަށް ރައީސް ވިދާޅުވި އެވެ.
"މިއޮތީ ރިޔާސީ އިންތިހާބެއް. އަޅުގަނޑަށް ކޮށްލެވިދާނެ 30ރ އަށް ވެސް. އެކަމަކު އެއީއެއް ނޫން މަސްވެރިކަމުގެ ދާއިރާ ކުރިއަރުވާނެ ގޮތަކީ،" ރައީސް ވިދާޅުވި އެވެ.
އިނގިރޭސި ވިލާތަށް ވިއްކާ ދަޅު މަހުން ޓެކްސް ކަނޑާލުމުގެ މަސައްކަތް ކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކަމަށާއި އެ މަސައްކަތް ކޮށް ނިންމި ހިސާބުން ނަޝީދު އޭގެ ކްރެޑިޓް ނަންގަވަން މަސައްކަތް ކުރެއްވި ކަމަށް ރައީސް ވިދާޅުވި އެވެ.
ފުވަމުލަކުގައި ހުންނަވައި އެ ރަށުގައި ތަރައްގީގެ މަޝްރޫއެއް ނުހިންގައޭ ނަޝީދު ވިދާޅުވުމުން "އެއީ ދެން ބޮޑު ޖޯކެއް" ކަމަށް ރައީސް ވިދާޅުވި އެވެ.
"ފުވަމުލަކުގައި 786 މިލިއަން ރުފިޔާގެ ޕްރޮޖެކްޓް އެބަ ހިންގަން. މިހާތަނަށް ހަރަދުކޮށް ނިންމައިފިން 438 މިލިއަން ރުފިޔާ. މަގުތައް ނިމެނީ، ގިރާ ސަރަހައްދު ހިމާޔަތް ކުރެވެނީ. އޭގެ ބޭރުން ބޮޑު މަގެއް ލެވޭ. މިސްކިތް އެޅެނީ ސްކޫލުތަކުގެ ހޯލާއި ކްލާސް ރޫމްް އެޅޭ،" ރައީސް ވިދާޅުވި އެވެ.
މިހާރު މަސައްކަތް ކުރަމުން އަންނަނީ ބަނދަރު ބޮޑު ކުރުމުގެ މަސައްކަތް ކުރުން ކަމަށާއި އެ ރަށުގެ މަސްވެރިންނަށް މަސް ކިރޭނެ ގޮތް ލަސްތަކެއް ނުވެ ހަމަޖައްސަވައި ދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު ހިތުން ދެން މިރެއަށް ނިންމާލާނަން. އެހެން ނޫނީ ދެން ރިއެކްޓް ކުރެވެން ފަށާނީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ކަންކަމުގައި ރިއެކްޓް ނުކުރައްވާ ކަމަށް އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވިދާޅުވި ވިދާޅުވުން ބޭނުންކުރައްވައި، ނަޝީދު ގެންދަވަނީ ރައީސަށް ފާޑުވިދާޅުވަމުންނެވެ.