ރައީސްގެ ޖަލްސާ ބާއްވާ ހަރުގެ ކުރިމަތީގައި ޕީޕީއެމުން މިރޭ މުޒާހަރާކުރަނީ
ރައީސްގެ ޖަލްސާ ބާއްވާ ހަރުގެ ކުރިމަތީގައި ޕީޕީއެމުން މިރޭ މުޒާހަރާކުރަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވާ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގެ ފުރަތަމަ ޖަލްސާ މިރޭ އެމްޑީޕީގެ މައި ހަރުގޭގައި ބާއްވާއިރު އެތަނުގެ ކުރިމަތީގައި، އާޓިފިޝަލް ބީޗުގައި އިދިކޮޅުން މުޒާހަރާކުރަން ނިންމައިފި އެވެ.

ރައީސްގެ ޖަލްސާ ބާއްވާ ހަރުގެ ކުރިމަތީގައި ޕީޕީއެމުން މިރޭ މުޒާހަރާކުރަނީ
ރައީސްގެ ޖަލްސާ ބާއްވާ ހަރުގެ ކުރިމަތީގައި ޕީޕީއެމުން މިރޭ މުޒާހަރާކުރަނީ

ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު މީޑިއާތަކަށް މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ވ. އާރަށުގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވި ހުކުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް މިރޭ 8:45 ގައި އާޓިފިޝަލް ބީޗުގައި އޮންނާނެ ކަމަށެވެ. އެ ހަރަކާތް ބޭއްވުމަށް އިއްޔެ ފުލުހުންގެ ހުއްދަ ހޯދަފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަދި މިރޭގެ އިވެންޓުގެ ސެކިއުރިޓީ ބަލަހައްޓައިދިނުމަށް ވެސް ފުލުހުންނަށް އެދިފައިވާނެ،" އޭނާ ވިދާޅުވި އެވެ.

އާޓިފިޝަލް ބީޗުގައި މިރޭ މުޒާހަރާކުރަން ނިންމިއިރު، ސިލްސިލާކޮށް އިހްތިޖާޖު ފެށި ފަހުން އިދިކޮޅުން އަޑު އުފުލަނީ މަގުތަކުގަ އެވެ. އާޓިފިޝަލް ބީޗަށް އެއްވާން ސިޓީ ކައުންސިލްގެ ހުއްދަ ވެސް ހޯދައި، އިންތިޒާމްކުރީ މިރެއަށެވެ.

ރައީސްގެ ކެމްޕެއިން ޓީމުން މިއަދު ބުނީ ރައީސް ބައިވެރިވެވަޑައިގަންނަވާ ހާއްސަ ޖަލްސާ، އާޓީފިޝަލް ބީޗް ކުރިމަތީގައި ހުންނަ ޕާޓީގެ މައި ހަރުގޭގައި މިރޭ 9:00 ގައި އޮންނާނެ ކަމަށެވެ. މީގެ ކުރިން ރައީސްގެ ކެމްޕެއިން ޖަލްސާތައް އާންމުކޮށް ބާއްވަމުން އައީ އިސްކަންދަރު ސްކޫލު ކުރިމަތީގައި ހުންނަ ދަނޑިކޮށި ޖަގަހައިގަ އެވެ.

މި މަހުގެ 28 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިންގައި ރައީސްގެ ޝިއާރަކީ އެމްޑީޕީ "ކުރިއަށް" އެވެ.

އެމަނިކުފާނާ ވާދަކުރައްވާ އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ފޯރީގައި ކެމްޕެއިން ހަރަކާތްތައް ހިންގަމުންނެވެ. މާލޭގައި ޑޯޓުޑޯ ކެމްޕެއިންތަކާއި އެކި ސަރަހައްދުތަކުގައި ނަޝީދުގެ ކެމްޕެއިން ޖަލްސާތައް އަންނަނީ ބާއްވަމުންނެވެ. އަދި މިއަދު ހިޔާ ފްލެޓް ސަރަހައްދަށް ވަޑައިގެން، ހާއްސަ ސައެއް ބާއްވަން ވެސް ނިންމާފައިވެ އެވެ.