04 ޖެނުއަރީ 2023 - 14:14

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާނަކަށް، މި ފަހަރު ވެސް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ހަމަޖައްސައިފި އެވެ.
އެ މަނިކުފާނުގެ ކެމްޕެއިން މެނޭޖަރު މުހައްމަދު ނާޝިޒު ކުރެއްވި ޓްވީޓުގައި ވިދާޅުވީ، މި މަހުގެ 28 ވަނަ ދުވަހު ބާއްވާ ޕްރައިމަރީގެ ކެމްޕެއިނާ ގުޅޭ މައުލޫމާތު މީޑިއާއާ ހިއްސާކުރައްވާނީ މާރިޔާ ކަމަށެވެ.
އެމްޑީޕީގެ ޗެއާޕާސަންކަން މީގެ ކުރިން އަދާކުރެއްވި މާރިޔާ ވަނީ އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާނުކަން ކުރައްވައިފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވާ، ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގެ ފުރަތަމަ ޖަލްސާ، "އެމްޑީޕީ ކުރިއަށް" މިރޭ ބާއްވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އެ ޖަލްސާ އޮންނާނީ އާޓީފިޝަލް ބީޗް ކުރިމަތީގައި ހުންނަ ޕާޓީގެ މައި ހަރުގޭގައި މިރޭ 9:00 ގަ އެވެ.
ރައީސްގެ ކެމްޕެއިން ޖަލްސާތައް އާންމުކޮށް ބާއްވަމުން އަންނަނީ އިސްކަންދަރު ސްކޫލު ކުރިމަތީގައި ހުންނަ ދަނޑިކޮށި ޖަގަހައިގަ އެވެ.