04 ޖެނުއަރީ 2023 - 13:45

އަހަރު ނިމުނު އިރު ބަޖެޓުން 40 ބިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، މިދިޔަ އަހަރު ވެސް އެންމެ ބޮޑު ހޭދައެއް ކުރީ މުވައްޒަފުންގެ މުސާރަ އާއި ހިންގުމުގެ ހަރަދުގެ ގޮތުގަ އެވެ. މިދިޔަ އަހަރު މުވައްޒަފުންގެ މުސާރަ އާއި އޮފީސްތައް ހިންގުމަށް ބަޖެޓުން 28 ބިލިއަން ރުފިޔާ ހޭދަކުރި އެވެ. އެއީ ބަޖެޓުގެ ގާތްގަނޑަކަށް 70 ޕަސެންޓެވެ.
ބަޖެޓުގެ ހޭދައިގެން ތެރެއިން އާސަންދަ އާއި އެހީގެ ގޮތުގައި ދައުލަތުން ވަނީ 8.4 ބިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. އަދި ސަރުކާރުން ދޭ ބަދަލުގެ ގޮތުގައި 45 މިލިއަން ރުފިޔާ ހޭދަކުރި އެވެ. ލޯނު އަނބުރާ ދެއްކުމަށް ދައުލަތުން ވަނީ 2.6 ބިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ.
މިދިޔަ އަހަރު ކެޕިޓަލް ހަރަދުތަކަށް ހޭދަކުރީ 12 ބިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން ތަރައްގީގެ ޕްރޮޖެކްޓްތަކަށް ހޭދަކުރީ ދެ ބިލިއަން ރުފިޔާ އެވެ. އޭގެ އިތުރުން ޕީއެސްއައިޕީ މަޝްރޫއުތަކަށް 8.8 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
އަހަރު ނިމުނު އިރު ދައުލަތުގެ ބަޖެޓު ޑެފިސިޓް 12 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރު ނިމުނު އިރު ދައުލަތަށް ވަނީ 27.5 ބިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ މިދިޔަ އަހަރު ލަފާކުރި ބަޖެޓުގައި ލިބޭނެ ކަމަށް ކަނޑައެޅި އާމްދަނީ އަށް ވުރެ ތިން ބިލިއަން އިތުރު އަދަދެވެ. އާމްދަނީ އެހާ ބޮޑަށް ރަނގަޅުވީ، ޓޫރިޒަމް ދާއިރާއިން ލިބުނު ޓެކްސް އިތުރުވުމުންނެވެ.
މި އަހަރަށް ދައުލަތުން ކަނޑައަޅާފައިވާ ބަޖެޓަކީ 42 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 32 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އަދި 40 ބިލިއަން ރުފިޔާ ވަނީ ހަރަދު ކުރަން ވަނީ ކަނޑައަޅައިފަ އެވެ.