04 ޖެނުއަރީ 2023 - 12:02

ވޮށިންޓަން (ޖެނުއަރީ 4) - އެމެރިކާގެ މަޖިލީހުގައި 100 އަހަރުގެ ތެރޭ ފުރަތަމަ ފަހަރަށް ރައީސަކު އިންތިހާބު ނުކުރެވި މަޖިލީހުގެ ފުރަތަމަ ޖަލްސާ ނިންމާލަން ޖެހިއްޖެ އެވެ.
ނޮވެމްބަރު މަހު ބޭއްވި އިންތިހާބަށް ފަހު ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ނުވަތަ ކޮންގްރެސްގެ އާ ދައުރު އިއްޔެ ރަސްމީކޮށް ފެށި އެވެ. އެކަމަކު ރައީސަކު ހޮވުމަށް ތިން ފަހަރު ވޯޓަށް އަހައިގެން ވެސް އެކަށީގެންވާ އަދަދަށް އެއްވެސް ކެނޑިޑޭޓަކަށް ވޯޓެއް ނުލިބުނެވެ. އެ މަޖިލީހުގެ ރައީސް ކަމަށް އައުމުގެ ފުރުސަތު އެންމެ ބޮޑު ކެނޑިޑޭޓަކީ އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ކެލިފޯނިއާގެ މެންބަރު ކެވިން މެކާތީ އެވެ. އެކަށީގެންވާ ވަރަށް އޭނާ އަށް ވޯޓް ނުލިބުނީ އަމިއްލަ ޕާޓީގެ ބައެއް މެންބަރުން ވެސް އޭނާ އާ ދެކޮޅަށް ވޯޓް ދެއްވުމުންނެވެ.
ރައީސްގެ މަގާމަށް އިންތިހާބު ކުރެވޭނީ މަދުވެގެން 218 ވޯޓް ލިބިގެންނެވެ.
މިއީ 100 އަހަރުގެ ތެރޭ އެއް ފަހަރު ވޯޓް ލައިގެން ކޮންގްރެސް އަށް ރައީސަކު އިންތިހާބު ނުކުރެވުނު ފުރަތަމަ ފަހަރެވެ. އިއްޔެގެ ޖަލްސާގައި ވެސް ރައީސަކު އިންތިހާބު ނުކުރެވުމުން ޖަލްސާ ނިންމާލި އެވެ. ރައީސަކު ހޮވުމަށް ހަތަރު ވަނަ ފަހަރަށް މިއަދު ވޯޓް ނަގާނެ އެވެ.
ރައީސަކު އިންތިހާބު ކުރެވެންދެން ވޯޓަށް އަހަން ޖެހޭނެ އެވެ. މަޖިލީހުގެ އެހެން މަސައްކަތް ފެށޭނީ ރައީސަކު އިންތިހާބު ކުރުމަށް ފަހު އެވެ. ކޮންގްރެސްގައި އިދިކޮޅު ރިޕަބްލިކަން ޕާޓީގެ 222 މެންބަރު ތިއްބަވަ އެވެ. ވެރިކަން ކުރާ ޑިމްކްރެޓިކް ޕާޓީގައި 212 މެންބަރު ތިއްބަވަ އެވެ. ކޮންގްރެސްގެ ރައީސް ކަމަށް އެ ޕާޓީގެ މެންބަރު ވޯޓް ދެއްވަނީ ނިއު ޔޯކު ތަމްސީލު ކުރާ އެއް މެންބަރު ހަކީމް ޖެފްރީސް އަށެވެ.