04 ޖެނުއަރީ 2023 - 09:36

އިދިކޮޅު ޕީޕީއެމާއި ޕީއެންސީން މާލޭގައި ރޭ ބޭއްވި މުޒާހަރާ އިން ހައްޔަރުކުރި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ދޫކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މުޒާހަރާ އިން ހައްޔަރުކުރި ހަތަރު މީހުން ދޫކޮށްލާފައިވާ ކަމަށެވެ. މުއިއްޒުގެ އިތުރުން ހައްޔަރުކުރީ އިދިކޮޅުގެ އެކްޓިވިސްޓުންތަކެކެވެ.
މުއިއްޒު ހައްޔަރުކުރި ސަބަބެއް ފުލުހުން ނުބުނެ އެވެ. އޭނާ އެކު ޕީޕީއެމާއި ޕީއެންސީގެ ލީޑަޝިޕްގެ އިސް ބޭފުޅުން ވެސް ރޭ މުޒާހަރާއަށް ނުކުތެވެ.
އިދިކޮޅުން ސިލްސިލާކޮށް މާލޭގެ މަގުތަކުގައި މުޒާހަރާކުރަމުންދަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމާ ގުޅިގެން އެމަނިކުފާނު ދޫކޮށްލަން ގޮވާލަ އެވެ.
ވ. އާރަށް މައްސަލާގައި މަނީ ލޯންޑްރިން އާއި ރިޝްވަތުގެ ކުށް ސާބިތުވެ، ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމެއް އިއްވާފައިވާތީ ޔާމީނަށް އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ޝަރުތު ވަނީ އުނިވެފަ އެވެ.
ޕީޕީއެމާއި ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުން އިސްކޮށް ތިއްބަވައި އިހްތިޖާޖްކުރަނީ ޔާމީންގެ މައްޗަށް ހުކުމް އިއްވީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުވާލަން ކަމަށް ވިދާޅުވެ އެވެ.
ޕީޕީއެމުން ބުނެފައިވާ ގޮތުގައި ޔާމީން މިނިވަންވުމާ ހަމައަށް މުޒާހަރާތައް ކުރިއަށް ގެންދާނެ އެވެ. އެމަނިކުފާނުގެ ނަންފުޅު ވޯޓު ކަރުދާހުގައި ނެތި ރިޔާސީ އިންތިހާބު ބޭއްވުމުގެ ފުރުސަތު ނުދޭނެ ކަމަށް ވެސް އިދިކޮޅުން ބުނެފައިވެ އެވެ.