04 ޖެނުއަރީ 2023 - 09:39

ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމަކީ ފަސޭހަ މަސައްކަތެއް ނޫން ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ބުނެފި އެވެ.

ރާއްޖޭގެ ކޯޗު ކަމުގައި އޭނާގެ ދެވަނަ އަހަރު ގުނަމުންދާ މޮރިއޭރޯ ބުނީ އެންމެ ބޮޑު ގޮންޖެހުމަކީ ދިވެހި ކުޅުންތެރިންނަކީ ހަމައެކަނި ފުޓްބޯޅަ އަށް ހުސްވެެގެން ތިބި ކުޅުންތެރިންނަށް ނުވުން ކަމަށެވެ.

ތި ހީކުރާ ވަރަށް ވުރެ އުނދަގޫ. ވަރަށް ގިނަ މީހުން ބުނި މޮރިއޭރޯއޭ ކަލޭ އަށް އެނގޭނެ ނޫންހޭ ހުރިހާ ކަމެއް. އެކަމަކު އެމީހުން އެ ހީކުރާހާ ކަންކަން ފަސޭހައެއް ނޫން،" އޭނާ ނިސްބަތްވާ އިޓަލީގެ "ލަ ރިޕަބްލިކާ" ނޫހަށް ދިން އިންޓަވިއުގައި މޮރިއޭރޯ ބުންޏެވެ.
"އަހަރެން ކޯޗުކޮށް ދެނީ ޕްރޮފެޝަނަލް ނޫން ކުޅުންތެރިންނަށް. މާނައަކީ އެ މީހުންނަކީ އެހެން ވަޒީފާތައް އަދާކުރަމުން ފުޓްބޯޅަ ކުޅޭ ކުޅުންތެރިންނޭ. އެކަމަކު އެ ކުޅުންތެރިންގެ މެދުގައި މަސައްކަތް ކުރުމަށް ދޭ އަހަމިއްޔަތުކަން ބޮޑު. އިތުރަށް ކުރިއެރުން ހޯދުމަށް މަސައްކަތް ކުރުމުގައި އެ ކުޅުންތެރިންގެ ފަރާތުން ހިތްވަރު ފެނޭ. އެކަމަކު ފުޓްބޯޅައިގެ ނަޒަރުން ބަލާއިރު އެއީ ފަސޭހަ ކަމެއް ނޫން."
އޮކްޓޯބަރު މަހު ރާއްޖޭޣެ ކޮންޓްރެކްޓް އާ ކުރި މޮރިއޭރޯ ބުނީ އޭނާގެ އާއިލާ އާ ދުރުގައި ހުންނަން ޖެހުމުން އުނދަގޫތަކެއް ހުރި ނަމަވެސް އޭނާގެ ހުރިހާ ސަމާލުކަމެއް ހުރީ ރާއްޖޭގެ ގައުމީ ޓީމަށް ކަމަށެވެ.
"އަހަރެންގެ ހުރިހާ ސަމާލުކަމެއް މި ހުރީ މި މަސައްކަތަށް ސަރަހައްދީ މުބާރާތުގެ ޗެމްޕިއަންކަން ހޯދަން އަހަރެމެން ބޭނުން. ޒުވާން ކުޅުންތެރިން ޑިވެލޮޕް ކުރަން ޖެހޭ. އަދި ކޮލިފައިންގައި މުހިންމު މުބާރާތަކަށް ކޮލިފައިވާން ވެސް އެއީ އުންމީދެއް،" މޮރިއޭރޯ ބުންޏެވެ.
އޭނާގެ ކޯޗު ކަމުގެ ދަށުން މިދިޔަ އަހަރު ރާއްޖެއިން ކުޅުނު ނުވަ މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވި އެވެ. މާޗް މަހު ބަންގްލަދޭޝްއާ ދެކޮޅަށް މާލޭގައި ކުޅުނު މެޗު ދިވެހި ޓީމުން ކާމިޔާބު ކުރީ 2-0 ންނެވެ. އެ މެޗުގައި ރާއްޖެއިން ރަނގަޅު އެޓޭކިން ގޭމެއް ކުޅުނެވެ.
އޭގެ ފަހުން އޭޝިއަން ކަޕް ކޮލިފިކޭޝަންގައި އުޒްބެކިސްތާނާއި ތައިލެންޑް އަތުން ރާއްޖެ ބަލިވި އެވެ. އެކަމަކު ކޮލިފައިންގައި ސްރީ ލަންކާ އަތުން މޮޅުވި އެވެ. ބުރުނާއީ ދާރުއްސަލާމްގައި ކުޅުނު އެކުވެރި ކަމުގެ ދެ މެޗުގައި ލާއޯސް އާއި ބުރުނާއީ އަތުން މޮޅުވި އެވެ. ނޮވެމްބަރު މަހު ސިންގަޕޫރާއި މެލޭޝިއާ އާ ދެކޮޅަށް ކުޅުނު މެޗުތަކުން ރާއްޖެ ބަލިވީ އެވެ.
އޮކްޓޯބަރުގައި މޮރިއޭރޯގެ ކޮންޓްރެކްޓް އާ ކުރި ނަމަވެސް އޭނާ އަށް ވެސް ބަރާބަރަށް މުސާރަ ދީފައި ނުވާ މައްސަލަ ވަނީ ފެންމަތި ވެފަ އެވެ. އެ މައްސަލަ މީޑިއާގައި ފެންމަތި ކުރީ މޮރިއޭރޯގެ އެސިސްޓެންޓް ކޯޗަކަށް ރާއްޖޭގައި މަސައްކަތް ކުރި ސިމާއޯ ކޮސްޓާ އެވެ. އެކަމަކު އެކަމާ ބެހޭގޮތުން އެފްއޭއެމް އާއި މޮރިއޭރޯ ވެސް ވާހަކަ ދައްކައިފައެއް ނުވެ އެވެ.
މޮރިއޭރޯގެ ކޯޗުކަމުގެ ދަށުން މި އަހަރު ރާއްޖެއަށް އޮތް އެންމެ މުހިންމު ޗެލެންޖަކީ ވޯލްޑް ކަޕު ކޮލިފައިންނެވެ. އަދި މި އަހަރު ސާފް ޗެމްޕިއަންޝިޕް ވެސް އޮންނާނެ އެވެ.