ހަމައެކަނި ޗައިނާ ދަތުރުވެރިންނަށް އަމާޒުކުރާ ނަމަ ރައްދު ފިޔަވަޅު އަޅާނަން: ޗައިނާ
ހަމައެކަނި ޗައިނާ ދަތުރުވެރިންނަށް އަމާޒުކުރާ ނަމަ ރައްދު ފިޔަވަޅު އަޅާނަން: ޗައިނާ

ބެއިޖިން (ޖެނުއަރީ 4) - ހަމައެކަނި ޗައިނާގެ ދަތުރުވެރިންނަށް އަމާޒުކޮށް ކޮވިޑްގެ ފިޔަވަޅުތައް އަޅާ ގައުމުތަކަށް ޗައިނާއިން ވެސް ރައްދުގައި ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު އެ ގައުމުގެ ސަރުކާރުން ދީފި އެވެ.

ކޮވިޑް ފެނުނު ޗައިނާގެ ބޯޑަރު ތިން އަހަރު ފަހުން ހުޅުވާލައި، އެ ގައުމުގެ ރައްޔިތުންނަށް ވެސް ދަތުރު ކުރުމުގެ ހުއްދަ ސަރުކާރުން ވަނީ ދީފަ އެވެ. އެމެރިކާ އާއި ކެނަޑާ، އިނގިރޭސިވިލާތާއި ޔޫރަޕްގެ ބައެއް އެހެން ގައުމުތަކުގެ އިތުރުން ޖަޕާނާއި ދެކުނު ކޮރެއާއިން ބުނެފައި ވަނީ އެ ގައުމުތަކުގެ ބޯޑަރުން އެތެރެއަށް ޗައިނާގެ ދަތުރުވެރިންނަށް ވަދެވޭނީ ފުރުމުގެ ކުރިން ހައްދައިފައިވާ ކޮވިޑްގެ ނެގެޓިވް ނަތީޖާ އަށް ބެލުމަށް ފަހު ކަމަށެވެ.

ހަމައެކަނި ޗައިނާގެ ދަތުރުވެރިންނަށް ހާއްސަކޮށް އެ ފިޔަވަޅުތައް އަޅަން ނިންމުމުން އެ ގައުމުގެ ފޮރިން މިނިސްޓްރީން ބުނީ އެކަން ބަލައިނުގަންނާނެ ކަމަށެވެ.

"ބައެއް ގައުމުތަކުން ފިޔަވަޅު އަޅައިފައި ވަނީ ސީދާ ޗައިނާގެ ދަތުރުވެރިންނަށް އަމާޒުކޮށް،" އެ ގައުމުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން މައޯ ނިންގް ވިދާޅުވި އެވެ.

"ސައިންޓިފިކް ނަޒަރުން ބަލާއިރު ވެސް އަސާސެއް ނެތް ކަމެއް މިއި. ހަމައެކަނި ޗައިނާގެ ދަތުރުވެރިންނާ ދެކޮޅަށް ފިޔަވަޅު އަޅާ ގައުމުތަކަށް ޗައިނާއިން ވެސް ފިޔަވަޅު އަޅަން ޖެހިދާނެ."

ޗައިނާގެ ކޮވިޑްގެ ހާލަތާ ބެހޭގޮތުން ސީދާ ސާފު މައުލޫމާތު އެ ގައުމުން ހާމަ ނުކުރާ ކަމަށް ބުނެ ބައެއް ގައުމުތަކުން ވަނީ ފާޑު ކިޔައިފަ އެވެ. ޗައިނާއިން ބުނީ ކޮވިޑް ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. އަދި ޑިސެމްބަރު މަހު ޗައިނާއިން ކޮވިޑް ޖެހިގެން މަރުވީ 22 މީހުން ކަމަށް އެ ގައުމުން ވަނީ ބުނެފަ އެވެ.