03 ޖެނުއަރީ 2023 - 22:12

އިދިކޮޅު ޕީޕީއެމާއި ޕީއެންސީން މާލޭގައި ކުރިއަށް ގެންދާ މުޒާހަރާ އިން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހައްޔަރުކޮށްފައިވާ ކަމަށް ޕީޕީއެމުން ބުނެފި އެވެ.

ޕީޕީއެމުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ މުޒާހަރާގެ ތެރެއިން މުއިއްޒު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ވީޑިއޯ ވެސް ވަނީ ހިއްސާކޮށްފަ އެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް މުއިއްޒު ގެންގޮސްފައިވާ ކަން ފުލުހުންގެ މީޑިއާ އޮފިޝަލް ވެސް ކަށަވަރުކޮށްދެއްވި އެވެ.
އިދިކޮޅުން ސިލްސިލާކޮށް މާލޭގެ މަގުތަކުގައި މުޒާހަރާކުރަމުންދަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމާ ގުޅިގެން އެމަނިކުފާނު ދޫކޮށްލަން ގޮވާލަ އެވެ.
ވ. އާރަށް މައްސަލާގައި މަނީ ލޯންޑްރިން އާއި ރިޝްވަތުގެ ކުށް ސާބިތުވެ، ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމެއް އިއްވާފައިވާތީ ޔާމީނަށް އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ޝަރުތު ވަނީ އުނިވެފަ އެވެ.
ޕީޕީއެމާއި ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުން އިސްކޮށް ތިއްބަވައި އިހްތިޖާޖްކުރަނީ ޔާމީންގެ މައްޗަށް ހުކުމް އިއްވީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުވާލަން ކަމަށް ވިދާޅުވެ އެވެ. މި އިހްތިޖާޖުން ކޮންމެ ރެއަކު ވެސް ބަޔަކު ހައްޔަރުކުރެ އެވެ.
މީގެ ތެރެއިން ގިނަ ބަޔަކު ކޮންމެ ރެއަކު ދޫކޮށްލަ އެވެ.
ޕީޕީއެމުން ބުނީ މިރޭގެ މުޒާހަރާ އިން މިހާތަނަށް 3 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މުއިއްޒު ހައްޔަރުކުރުމާ ގުޅިގެން މާލޭ ސިޓީ ކައުންސިލުން ނެރުނު ނޫސް ބަޔާނުގައި ވަނީ އެކަން ކުށްވެރިކޮށްފަ އެވެ. އެއީ، ގާނޫނުއަސާސީން ލިބިދޭ ހައްގުގެ ބޭނުންކުރަމުން ދަނިކޮށް، މޭޔަރުގެ ބާރާއި އަޑު ކަނޑުވާލަން ހިންގި އަމަލެއްގެ ގޮތުގައި ސިފަކޮށްފައިވެ އެވެ.
"ވީމާ މާލެ ސިޓީގެ މޭޔަރު ޑރ. މުއިއްޒު ވަގުތުން ދޫކޮށްލުމަށް މި ކައުންސިލުން ގޮވާލަމެވެ،" ޕީޕީއެމްގެ އަޣުލަބިއްޔަތު އޮންނަ ކައުންސިލްގެ ބަޔާނުގައިވެ އެވެ.
ޕީޕީއެމުން ބުނެފައިވާ ގޮތުގައި ޔާމީން މިނިވަންވުމާ ހަމައަށް މުޒާހަރާތައް ކުރިއަށް ގެންދާނެ އެވެ. އެމަނިކުފާނުގެ ނަންފުޅު ވޯޓު ކަރުދާހުގައި ނެތި ރިޔާސީ އިންތިހާބު ބޭއްވުމުގެ ފުރުސަތު ނުދޭނެ ކަމަށް ވެސް އިދިކޮޅުން ބުނެފައިވެ އެވެ.
ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރ. ފުއްގިރި މައްސަލައިގެ ޝަރީއަތް ވެސް މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ އެވެ. ފުއްގިރި މައްސަލާގައި ދައުވާ ކުރަނީ އެ ރަށް ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ހޯއްދަވައި، އެ ފައިސާ ލޯންޑާކުރި ކަމަށް ބުނެ އެވެ.