04 ޖެނުއަރީ 2023 - 10:40

ބާސެލޯނާ (ޖެނުއަރީ 4) - ސިނގިރޭޓް ފިލްޓަރު ހޮވައި މަގުތައް ސާފު ކުރުމުގެ އަގު ސިނގިރޭޓް އުފައްދާ ކުންފުނިތަކުން ދައްކަން ޖެހޭ ގޮތަށް ސްޕެއިން އިން ނިންމައިފި އެވެ.
ސިނގިރޭޓް ބޯ އެތައް ބަޔަކު ގިނަ ފަހަރަށް ސިނގިރޭޓް ފިލްޓަރު އެއްލާލަނީ މަގު މައްޗަށެވެ. އެ މައްސަލަ ބޮޑުވުމުން ސްޕެއިންގެ ތިމާވެއްޓާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން މަގުތަކަށް އަޅާ ސިނގިރެޓް ފިލްޓަރުން މަގުތައް ސާފު ކުރުމުގެ އަގު ކޮންމެ އަހަރަކު ސިނގިރޭޓް އުފައްދާ ކުންފުނިތަކުން ދައްކަން ޖެހޭނެ އެވެ.
މަގުތަކަށް އަޅާ ޕްލާސްޓިކާއި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ފަދަ ތަކެތިން މަގުތައް ސާފު ކުރުމުގެ ގޮތުން އެކަމާ ގުޅޭ ކުންފުނިތަކުން އޭގެ އަގު ވެސް ދައްކަން ޖެހޭނެ އެވެ. މިދިޔަ ހުކުރު ދުވަހު އަމަލު ކުރަން ފެށި އުސޫލު އެންމެ ފުރަތަމަ ތަންފީޒު ކުރަން ފެށީ ކަޓަލާން ސަރަހައްދުގަ އެވެ.
ސިނގިރޭޓް އުފައްދާ ކުންފުނިތަކުގެ ޒިންމާ ވަކިން ބޮޑެވެ. ސިނގިރޭޓް ބުއިމަށް ފަހު އެއްލާލާ ފިލްޓަރާއި ބާކީ ބައި މަގުތަކަށް ނާޅަން އާންމުން ހޭލުންތެރި ކުރުމަށް ހިނގާ ހޭލުންތެރިކަމުގެ ޕްރޮގްރާމްތަކުގެ ހަރަދާ ވެސް އެ ކުންފުނިތަކުން ހަވާލުވާން ޖެހޭނެ އެވެ.
ކަޓަލާންގެ އެޖެންސީއަކުން ލަފާ ކުރާ ގޮތުގައި ސިނގިރޭޓް ބޯ ކޮންމެ މީހެއްގެ ބޮލަކަށް ދައްކަން ޖެހޭ 21 ޑޮލަރު ކޮންމެ އަހަރަކު ދައްކާއިރު ސިނގިރޭޓް އުފައްދާ ކުންފުނިތަކުން ޖުމުލަ އެއް ބިލިއަން ޑޮލަރު ކޮންމެ އަހަރަކު ދައްކަން ޖެހޭނެ އެވެ.
މިހާރު ބެލެވިފައިވާ ގޮތުގައި އެ އަގު ދައްކަން ސިނގިރޭޓް އުފައްދާ ކުންފުނިތަކުން ސިނގިރޭޓް ވިއްކާ އަގު އިތުރަށް ބޮޑު ކުރާނެ އެވެ. އޭގެ ސަބަބުން ބައެއް މީހުން ދުންފަތުގެ އިސްތިއުމާލު ކުރުމާ ދުރަށް ދާނެ ކަމަށް ވެސް ލަފާ ކޮށްފައި ވެއެވެ.
ސްޕެއިންގެ ސަރުކާރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި އެ ގައުމުގެ 22 ޕަސެންޓް މީހުންނަކީ ސިނގިރޭޓް ބޯ މީހުންނެވެ. އެއީ އީޔޫގެ ގައުމުތަކާ އަޅާއިރު އެއީ 18.4 ޕަސެންޓެވެ. އަދި އެ ގައުމުގެ ޒުވާނުންގެ މެދުގައި ސިނގިރޭޓް ބުއިމުގެ އާދަ އިތުރުވަމުން އަންނަކަން ވެސް ފާހަގަ ކޮށްފައި ވެއެވެ.