އައިއެމްއެފްގެ ރިޕޯޓު ހޯދަން އީވާ އެދިވަޑައިގެންފި
އައިއެމްއެފްގެ ރިޕޯޓު ހޯދަން އީވާ އެދިވަޑައިގެންފި

ރާއްޖޭގެ އިގުތިސޯދީ ތަރައްގީގެ އަމާޒުތަކާއި މާލީ ހާލަތު ވަޒަންކޮށް އައިއެމްއެފް އިން ހެދި ރިޕޯޓުގެ ކޮޕީއެއް ދިނުމަށް، މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިއަދު އެދިވަޑައިގެންފި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް ފޮނުއްވި ސިޓީގައި އީވާ ވިދާޅުވީ ޑިސެމްބަރު 20، 2022 ގައި އައިއެމްއެފް އިން ނެރުނު ނޫސް ބަޔާނުން، އެ ފަންޑުގެ ފަންނީ މުވައްޒަފުންގެ ޓީމެއް ރާއްޖެއަށް ޒިޔާރަތްކޮށް ރާއްޖޭގެ އިގުތިސޯދީ ކުރިއެރުމާއި ދައުލަތުގެ މާލީ މައުލޫމާތު ހޯދައި ރާއްޖޭގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރުމަށްފަހު ރިޕޯޓެއް އެކުލަވާލާފައިވެ އެވެ.

އެ ރިޕޯޓު އައިއެމްއެފްގެ އެގްޒެކެޓިވް ބޯޑުން އެސެސްކޮށްފައިވީއިރު، ދައުލަތުގެ ދަރަނީގެ މިންވަރު ކަންބޮޑުވާ މިންވަރަށް އިތުރުވެފައިވާކަން ފާހަގަކޮށް "ސަސްޓެއިންޑް ފިސްކަލް ކޮންސޮލިޑޭޝަން" އަކީ "ޓޮޕް ޕްރިއޮރިޓީ"ގެ ގޮތުގައި ފާހަގަކޮށްފައިވާކަމަށް އީވާ ވިދާޅުވި އެވެ.

ނަމަވެސް އެ ރިޕޯޓު އާއްމުކުރަނީ ރިޕޯޓު ރައްދުވާ ގައުމެއްގެ ސަރުކާރުގެ ރުހުމާއެކުގަ އެވެ.

އީވާގެ ސިޓީގައި ވިދާޅުވީ 2020 ވަނަ އަހަރުގެ ފަހުން އައިއެމްއެފްގެ އާޓިކަލް IV ގެ ދަށުން ރާއްޖެއާ ގުޅޭގޮތުން އެކުލަވާލާ ރިޕޯޓުތައް އާއްމުކޮށްފައިނުވާ ކަމަށެވެ. އެހެންވެ، އޭނާ ވަނީ އެ ރިޕޯޓުގެ ކޮޕީއެއް ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް އެދިވަޑައިގެންފަ އެވެ.

"ރާއްޖޭގެ އިގުތިސޯދީ އަދި މާލީ ހާލަތާ ގުޅޭގޮތުން ސަރުކާރުގެ އަމާޒުތައް ބައްޓަންކުރެވިފައިވާ ގޮތާ މެދު އައިއެމްއެފް އިން ދެކޭ ގޮތް އެންމެ ތަފްސީލުކޮށް ދެނެގަނެވޭތީ އާޓިކަލް IV ގެ ދަށުން ރާއްޖެއާ ގުޅޭގޮތުން އެކުލަވާލާފައިވާ އައިއެމްއެފްގެ ޕްރެސް ރިލީސްގައި ބަޔާންކުރާ ރިޕޯޓުގެ ކޮޕީއެއް ލިބޭނެ ގޮތް ހަމަޖައްސައިދެއްވުން އެދެމެވެ." އީވާގެ ސިޓީގައިވެ އެވެ.

އައިއެމްއެފްގެ ރިޕޯޓުގެ ކޮޕީ ހޯދަން އެދިވަޑައިގެންނެވިއިރު، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިއްޔެ ވަނީ ރާއްޖޭގެ އިގުތިސާދު ދަނީ ބާރަށް ކުރިއަރަމުން ކަމަށް އައިއެމްއެފްގެ ރިޕޯޓުގައި ބުނާ ކަމަށް ވިދާޅުވެފަ އެވެ.

މިއީ، އޭނާ ވިދާޅުވި ގޮތުގައި ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށް އެޅި ހާލަތާ ބައްދަލު ފިޔަވަޅުތަކާއި ސަރުކާރުގެ އިގުތިސާދީ ސިޔާސަތުގެ ނަތީޖާ އެވެ.

"ދިވެހި އިގުތިސާދު މި ވަނީ ބަލިމަޑުކަމުގެ ކުރިން އޮތް ހިސާބަށް އަނބުރާ ރުޖޫއަވެފައި. ދެހާސް ބާވީސް ވަނަ އަހަރަށް އަޅުގަނޑުމެން އަމާޒު ހިފި 1.6 މިލިއަން ފަތުރުވެރިން މިހާރު ވަނީ ރާއްޖެ ޒިޔާރަތްކޮށްފައި. މި އަހަރު 1.8 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާނެކަމަށް ލަފާކުރެވޭ." އަމީރުގެ ޓްވީޓުގައި ވިދާޅުވި އެވެ.