އާރަށް މައްސަލާގެ ފައިސާ ދައުލަތަށް ނެގުމުގެ ބައި އިސްތިއުނާފް ކުރަން މަޝްވަރާ ކުރަނީ
އާރަށް މައްސަލާގެ ފައިސާ ދައުލަތަށް ނެގުމުގެ ބައި އިސްތިއުނާފް ކުރަން މަޝްވަރާ ކުރަނީ

ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ލޯންޑާ ކުރިކަން ސާބިތުވި ފައިސާ ދައުލަތަށް ނެގުމުގެ ބައި އިސްތިއުނާފް ކުރުމާ މެދު މަޝްވަރާ ކުރަމުން އަންނަ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

އާރަށް ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް، އެ ފައިސާ ލޯންޑާ ކުރެއްވިކަން ސާބިތުވެ ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމެއް ކްރިމިނަލް ކޯޓުން މިދިޔަ ހަފުތާގައި ވަނީ އިއްވައިފަ އެވެ.

ލޯންޑާކުރި އެއް މިލިއަން ޑޮލަރާއި އެއާ އެއްކޮށް އިންވެސްޓްކުރި އިތުރު 2.4 މިލިއަން ޑޮލަރާއި އަދި އެ ފައިސާ އިންވެސްޓްކޮށްގެން ލިބުނު ފައިދާ ދައުލަތަށް ނަގަން އެ މައްސަލާގެ ތެރެއިން ދައުލަތުން ކްރިމިނަލް ކޯޓުގައި އެދުނެވެ. އެކަމަކު ކޯޓުގެ ހުކުމުގައި އެކަމާ މެދު ގޮތެއް ކަނޑައަޅާފައެއް ނުވެ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ އެ ބައި އިސްތިއުނާފް ކުރުމާ މެދު މަޝްވަރާ ކުރަމުންދާ ކަމަށެވެ. އަދި މިހާތަނަށް އެކަމުގައި ގޮތެއް ނުނިންމާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އާރަށް މައްސަލާގައި ޔާމީނަށް ރިޝްވަތު ދިންކަން ސާބިތުވެ، ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ތިން އަހަރާއި ދެ މަހުގެ ޖަލު ހުކުމެއް ވެސް އިއްވި އެވެ.

ޔާމީންގެ މައްޗަށް ކުރި ހުކުމާ އެކު، އަންނަ ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމުގެ ގާނޫނީ ޝަރުތެއް އެމަނިކުފާނުގެ ކިބައިން މިހާރު ވަނީ އުނިވެފަ އެވެ.