03 ޖެނުއަރީ 2023 - 14:18

ލިވަޕޫލުގެ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހް ސޮއި ކޮށްފައިވާ ޖޯޒީ އެއް، ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ހަދިޔާ އަކަށް ފޮނުވައިފި އެވެ.
މައުމޫނަށް ސަލާހު ފޮނުވި ހަދިޔާ ހަވާލު ކޮށްދިނީ ލިވަޕޫލާއި އިޓަލީގެ ގިނަ ކުޅުންތެރިންނާ ގާތް ގުޅުމެއް އޮންނަ ރާއްޖޭގެ ސިމާއު ސައީދެވެ.
މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި އެ ޖާޒީ ސިފަކުރައްވާފައި ވަނީ ހަޒާނާއެއް ފަދައިންނެވެ. އަދި ސަލާހަކީ ޝައްކެއް ވެސް ނެތް ގޮތުގައި ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށް ވެސް މައުމޫން ކުރެއްވި ޓްވީޓުގައި ވެއެވެ.
އުމުރުފުޅުން 85 އަހަރުގެ މައުމޫނަކީ ބެލެވޭ ގޮތުގައި ރާއްޖޭގައި ހުރި އެންމެ ދުވަސްވީ ލިވަޕޫލްގެ ސަޕޯޓަރެވެ. މައުމޫން ވަނީ މީގެ ފަސްދޮޅަހަކަށް އަހަރު ކުރިން ލިވަޕޫލަށް ސަޕޯޓް ކުރައްވަން ފައްޓަވައިފަ އެވެ.
ލިވަޕޫލްގެ ކާމިޔާބާއި ނާކާމިޔާބީގައި ވެސް އެމަނިކުފާނަކީ ޓްވިޓާގެ އިތުރުން ރާއްޖޭގެ ލިވަޕޫލް ސަޕޯޓަރުންގެ ވައިބާ ގުރޫޕް ގައި ވެސް ޝުއޫރުތައް ފާޅު ކުރައްވާ ބޭފުޅެކެވެ.
ރަޖިސްޓްރީ ކޮށްގެން ހިންގާ ރާއްޖޭގެ ލިވަޕޫލްގެ ރަސްމީ ސަޕޯޓަރުންގެ ގުރޫޕުން ލިވަޕޫލްގެ ކުރީގެ ކުޅުންތެރިޔާ ޑެނިއެލް އެގާ ރާއްޖެ ގެނެސް ސަޕޯޓަރުންނާ ބައްދަލު ކޮށްލުމުގެ ފުރުސަތު ދިނުމުގެ ގޮތުން ބޭއްވި ހަފްލާއެއްގައި ވެސް މައުމޫން ބައިވެރިވެ ވަޑައިގެންނެވި އެވެ. މީގެ އިތުރުން ލިވަޕޫލްގެ ސަޕޯޓަރުންގެ ގުރޫޕާ އެކު ބައެއް ހާއްސަ މެޗުތައް ވެސް އެކީގައި ބައްލަވާފައި ވެއެވެ.