03 ޖެނުއަރީ 2023 - 12:04

އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ. ފުއްގިރި ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތު ނަގައި، ފައިސާ ލޯންޑާ ކުރި ކަމަށް ބުނެ ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުވާ ކުރާ މައްސަލައިގައި އެމަނިކުފާނާއި ދައުލަތުގެ ފަރާތުން ވެސް އާ ހެކިތަކެއް ހުށަހަޅާނެ ކަމަށް މިއަދު ކޯޓުގައި ބުނެފި އެވެ.
ވ. އާރަށް މައްސަލާގައި ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް މިދިޔަ ހަފުތާގައި އިއްވި ޔާމީންގެ މައްޗަށް ފުއްގިރި މައްސަލާގައި ދައުވާ ކުރަނީ އެ ރަށް ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ހޯދައި، އެ ފައިސާ ލޯންޑާކުރި ކަމަށް ބުނެ އެވެ.
އެ މައްސަލާގައި ޔާމީނާއި ސަން ކޮންސްޓްރަކްޝަން ކުންފުންޏާއި ސަން އިންވެސްޓްމަންޓްގެ މައްޗަށް ވެސް މަނީ ލޯންޑްރިންގެ ދައުވާކުރެ އެވެ. އަދި މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާގެ މައްޗަށް ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ ވެސް ކުރެ އެވެ.
އާރަށުގެ މައްސަލަ ކްރިމިނަލް ކޯޓުގައި ބާއްވަން ފެށުމުން ގިނަ ދުވަސްތަކެއް ވަންދެން އަޑުއެހުމެއް ނުބާއްވައި އޮތް ފުއްގުރި މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމަކީ އެ މައްސަލަ ބަލާ ގާޒީ ބަދަލުވި ފަހުން ބޭއްވި ފުރަތަމަ އަޑުއެހުމެވެ. ކުރިން މައްސަލަ ބެއްލެވީ، ޔާމީންގެ އާރަށު މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލެވެ.
ނަދީމް މައްސަލައާ ހަވާލުވެވަޑައިގެންނެވި އިރު މައްސަލަ އަދި ކުރިއަށް ގޮސްފައި އޮތީ ޝަރީއަތުގެ ކުރިން ހުށަހަޅުންތައް ހުށަހެޅުމުގެ މަރުހަލާގަ އެވެ. އޭނާ މިއަދު ވަނީ ހުރިހާ ހަސްމުންގެ ކިބައިން މައްސަލަ ހިނގާފައި އޮތް ހިސާބު ސާފު ކުރައްވައި، ގާޒީ ބަދަލުވި ކަމުގެ ލިޔުން ލިބުނުތޯ ވެސް ބައްލަވައިފަ އެވެ.
ގާޒީ ބަދަލުވި ކަމުގެ ލިޔުން ލިބުނުތޯ ސުވާލުކުރުމުން ދައުވާ ރައްދުވާ ހުރިހާ ފަރާތްތަކުން ބުނެފައި ވަނީ އެ ލިޔުން ނުލިބޭ ކަމަށެވެ. އެ ލިޔުން ކޯޓުން ފޯރުކޮށްދޭނެ ކަމަށް މިއަދު ނަދީމް ވިދާޅުވި އެވެ.
ދައުލަތުން ވަނީ މައްސަލައާ ގުޅޭ އިތުރު މައުލޫމާތުތަކެއް ލިބިފައިވާތީ ކޯޓަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށާއި އަދި އިތުރު ހެކިތައް ހުށަހެޅުމަށް އެދޭ ކަމަށް ބުނެފަ އެވެ. އެއީ ފުއްގިރީގެ މުއާމަލާތާ ގުޅިގެން ޕެންޑޯރާ ޕޭޕާސްއިން ހާމަވި މައުލޫމާތުތަކެއް ކަމަށް ދައުލަތުން ބުންޏެވެ.
ދައުލަތުން ހުށަހަޅާ ކަންކަމާ ގުޅިގެން ޝަރީއަތުގެ ކުރީގެ ހުށަހެޅުމެއް ހުށަހަޅަން ފުރުސަތު ދެއްވުމަށް ޔާމީންގެ ވަކީލު އަބްދުﷲ ޝިޔާޒު އެދިވަޑައިގަތެވެ. އަދި ޔާމީންގެ ފަރާތުން ވެސް މިއަދުގެ ވަގުތެއްގައި އާ ހެކިތަކެއް ލިބޭނެ ކަމަށް ބެލެވޭ ކަމަށް ވިދާޅުވެ އެ ހެކިތައް ހުށަހަޅަން ފުރުސަތު ދެއްވުމަށް އެދިވަޑައިގަތެވެ.
ގާޒީ ނަދީމް ވިދާޅުވީ، އާ ހެކިތައް ހުށަހެޅުމުން ބެލުމަށްފަހު ބަލައިގަންނަން ޖެހޭ ނަމަ އެ ހެކިތައް ބަލައިގަންނަން ނިންމާނެ ކަމަށެވެ. ދެން އަޑުއެހުމެއް އޮންނާނީ އާ ހެކިތަކާއި ލިޔުންތަކާ ގުޅޭގޮތުން ހުށަހެޅުމެއް އޮތް ނަމަ ހުށަހެޅުމަށް ފުރުސަތު ދިނުން ކަމަށް ވިދާޅުވި އެވެ.
މިއަދުގެ އަޑުއެހުމުގައި ރިޒާގެ ވަކީލު ހުސްނީ މުބާރިކް ވަނީ ގާޒީ ނަދީމް މައްސަލައިން ތަނާޒުލުވާން ޖެހޭ ހާލަތެއް އޮތް ކަމަށް ވިދާޅުވެ އެކަމަށް އެދިވަޑައިގެންފަ އެވެ. ސަބަބަކީ ނަދީމް އަކީ މި މައްސަލައިގައި ހެކިބަސް ދެއްވަން ހަމަޖެހިފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅަކަށް ވާތީ އެވެ. އޭނާ ފާހަގަކުރެއްވި އަނެއް ކަމަކީ ފުއްގިރި މައްސަލައިގައި ކުރިން ރިޒާ ތަމްސީލު ކުރެއްވި ވަކީލު އަހުމަދު ޔާމީން، މި މައްސަލައިގައި ހެކިބަސް ދޭ އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ކަމެވެ.
ފުށުއަރާ މަސްލަހަތު ތަފްސީލުކޮށްދޭން އެދުމުން ހުސްނީ ވިދާޅުވީ، އަދީބު ނައިބު ރައީސްކަމުން ވަކިކުރެވުނު ފަހުން އޭނާގެ މައްޗަށް ކުރެވުނު ތުހުމަތަކާ ގުޅިގެން ނަދީމް އޭނާގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ކަމަށެވެ. އަދި މި މައްސަލައަކީ އަދީބު ދައުލަތާ އެކު އިއުތުރާފު އެއްބަސްވުމެއް ހަދައިގެން ހެކިބަސް ދޭ މައްސަލައެއްކަން ފާހަގަކޮށް އަދީބުގެ މަސްލަހަތެއް އޮތް ކަމަށް ވިދާޅުވި އެވެ.
ހުސްނީގެ ވާހަކަތަކަށް ތާއީދު ކުރައްވައި ޔާމީންގެ ފަރާތުން ބުނީ، އަދީބު ދައުލަތާއެކު އިއުތިރާފު އެއްބަސްވުމެއް ހަދައިގެން ހެކިބަސް ދޭއިރު، އޭނާ ޔާމީނާ މެދު ޒާތީ ކަމެއް ގެންގުޅުއްވާ ކަމަށެވެ. އަދި ނަދީމް އަދީބަށް އެހީތެރިވި ބަންދުގެ މައްސަލައަކީ ފިނިފެންމާ ލޯންޗުގެ މައްސަލަ ކަމަށާއި އެއީ ޔާމީނާ ގުޅުން އޮތް މައްސަލައެއްކަން ފާހަގަކުރެއްވި އެވެ.
އެހެންނަމަވެސް، ދައުލަތުން ފާހަގަކުރީ ރިޒާގެ ވަކީލަކަށް ކުރިން ހުންނެވި އަހުމަދު ޔާމީން ތަނާޒުލުވާން ޖެހުނީ އޭނާ އެމްއެމްޕީއާރްސީގެ މައްސަލައިގައި ޒިޔަތުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމުން ކަމެވެ.
ނަދީމް ވިދާޅުވީ އޭނާ އަދީބުގެ ވަކީލެއްގެ މަސައްކަތް ކުރެއްވީ، މީގެ ހަތް އަހަރު ކުރިން އޭނާގެ ބަންދާ ގުޅޭ ކަމެއްގައި ކަމަށެވެ. އަދި އޭނާ އަށް ތުހުމަތު ކުރެވުނު ކުށެއްގެ ތަހުގީގަށް ވެސް ގޮސްފައި ނުވާނެ ކަމަށާއި ދައުވާ ކުރެވުނު ކުށަކާ ގުޅިގެން ވެސް ގާނޫނީ ހިދުމަތެއް ދީފައި ނުވާނެ ކަމަށް ވިދާޅުވި އެވެ.
އެހެން ވިދާޅުވި ނަމަވެސް، ތަނާޒުލުވާން އެދުނު އެދުމާ މެދު އިތުރަށް ވިސްނަވާފައި ގޮތެއް ނިންމަވާނެ ކަމަށް ނަދީމް ވިދާޅުވި އެވެ.
މި މައްސަލައިގައި ދެން އަޑުއެހުމެއް އޮންނާނެ ތާރީހެއް މިއަދު އިއުލާނު ނުކުރެ އެވެ. ނަދީމް ވިދާޅުވީ، މައްސަލަ ތާވަލުކޮށް ފަހުން އެކަން އަންގަވާނެ ކަމަށެވެ.