18 ޖެނުއަރީ 2023 - 06:41

ކުރިން ނަމަ ބަންގްލަދޭޝް، އިންޑިއާ ނުވަތަ ލަންކާ އެވެ؛ އެކަމަކު ވިޔަފާރިތަކުގެ މޫނުމަތިން މިހާރު އެ ގައުމުތަކުގެ "ސިފަ" މުޅިން އެއްފަރާތް ކޮށްލައިފި އެވެ. މިހާރު ފެންނަނީ، ނޭޕާލް، އިންޑޮނޭޝިޔާ އަދި ފިލިޕިންސްގެ ޒުވާން އަންހެން ކުދިންނެވެ.

މިއީ، ވިޔަފާރިތަކަށް އައި ވަރަށް ބޮޑު ބަދަލެކެވެ. ކޮވިޑަށް ފަހު، ފިހާރަތަކާއި އައުޓްލެޓްތަކާއި ކެފޭތަކާއި ރެސްޓޯރަންޓްތަކުގެ ކުރީ ސަފު މުޅިންހެން ބަދަލުވެއްޖެ އެވެ. ވަރަށް ގިނަ ތަންތަނުން މިހާރު ފެންނަ އާންމު މޫނުތައް އަނެއް ފުށަށް ޖަހާލައިފި އެވެ.

"މީގެ އެއް ސަބަބަކީ ވިޔަފާރިތަކުގެ ކޮންސެޕްޓަށް އައި ބަދަލު. އެ ބަދަލާ އެކު، ކުރީ ސަފަށް މީހުން ނެރެން ޖެހޭ ގޮތް ވެސް ބަދަލުވީ،" ރެސްޓޯރަންޓް ހިންގުމުގައި އެތައް އަހަރެއް ހޭދަކޮށްފައިވާ ތަޖުރިބާކާރު ނުޒެއިރު އަލީ ބުންޏެވެ.

އޭގެ މިސާލުތައް ޖަހަމުން އޭނާ ބުނި ގޮތުގައި، ވިޔަފާރިތަކުގެ ކުރީ ސަފަށް މެދުއިރުމަތީ އޭޝިޔާގެ މޫނުތައް އިތުރުވި އަނެއް ސަބަބަކީ، ދިވެހިން އާންމުކޮށް މުދާ ބަލާ ގޮސް އުޅޭ ގައުމުތަކުން ހިދުމަތް ދޭ ގޮތްތައް ފެނުމެވެ.

"މެލޭޝިޔާ، އިންޑޮނޭޝިޔާ އަދި ތައިލެންޑް ކަހަލަ ގައުމުތަކުގައި ވެސް ފިހާރަތަކުގައި ވެސް ގިނައިން ފެންނާނީ އަންހެނުން ކުރީސަފުގައި. އެއީ ރާއްޖޭގެ ވިޔަފާރިތަކަށް އޮތް ވަރަށް ބޮޑު ނުފޫޒެއް،" އޭނާ ބުންޏެވެ.
އެ ބަދަލު، އަދި އެ ނުފޫޒު މިހާރު ރާއްޖޭގެ ހުރިހާ ވިޔަފާރިއެއްގެ ކުރީ ސަފަށް ވަނީ ފޯރައިފަ އެވެ. އަދި، ވިޔަފާރިއެއް ފަށާއިރު ބޭރުން މީހުން ގެންނަން ޖެހޭ ނަމަ، މިހާރު ބަންގްލަދޭޝް، އިންޑިއާ ނުވަތަ ލަންކާގެ ބަދަލުގައި ކިޔަން ޖެހޭ ނަމަކަށް އިންޑޮނޭޝިޔާ އާއި ފިލިޕިންސް އަދި ނޭޕާލް ހިމެނިއްޖެ އެވެ.
މީގެ މަދު އަހަރުތަކެއް ކުރިން ކެފޭތަކަށް ވެސް ގެނެސް އުޅުނީ މުޅިންހެން ބަންގްލަދޭޝް، ލަންކާ ނުވަތަ އިންޑިއާ މީހުންނެވެ. އަންހެން ކުދިން ކަމަށް ވިޔަސް، އެކަން އޮތީ އެގޮތަށެވެ. އެހެން ނަމަވެސް، ކެފޭ/ ރެސްޓޯރަންޓަކަށް އެއިން ގައުމަކުން މީހަކު ގެނައުމަކީ މިހާރު ވަރަށް ނާދިރު ކަމެކެވެ. އޭގެ ބަދަލުގައި އެންމެންގެ ވެސް ލޯ ހުރީ ހާއްސަކޮށް އިންޑޮނޭޝިޔާ އަށެވެ.
ވިޔަފާރިވެރިން ބުނާ ގޮތުން އޭގެ އެއް ސަބަބަކީ މި ސަރުކާރު އައި ފަހުން ބަންގްލަދޭޝް އިން މީހުން ގެނައުމަށް ކުރިމަތިކުރި ހުރަސްތަކެވެ.
"މީގެ ހަތަރު ވަރަކަށް އަހަރު ކުރިން ފެށިގެން ވެސް މިކަހަލަ ކަންތައްތަކަށް ބަންގްލަދޭޝް އިން ބިދޭސީންނެއް ނުގެނެވޭ. އެކަމަކު އިންޑިއާ އިން ގެނެވޭ. ދެން ހުރި ގައުމުތަކުން ވެސް ގެނެވޭ. އަނެއްކޮޅުން ކުޑަކޮށް އަގު ބޮޑުވިޔަސް އިންޑޮނޭޝިޔާ އިން ވަޒީފާ އަށް އަންހެންކުއްޖަކު ހޯދުން އެއީ އެހެން ހުރިހާ ގައުމަކަށް ވުރެ ވެސް ފަސޭހަ ކަމެއް،" ވިޔަފާރިވެރިޔަކު ބުންޏެވެ.
ބަންގްލަދޭޝް އިން މީހުން ނުގެނެވޭ މައްސަލަ ކުރިމަތިވި އިރު، ތިމަންނާމެން ދެން ވިޔަފާރި ކުރާނީ ކިހިނެއް ހެއްޔޭ ބުނެ އެތައް ވިޔަފާރިވެރިންނެއް ޝަކުވާކުރި އެވެ. އެކަމަކު، އެ ޝަކުވާ އަށް ނިމުމެއް އައީ، އެހެން ގައުމުތަކުން މީހުން ގެނެސް އެކަން ތަޖުރިބާކުރަން ފެށުމުންނެވެ. ކުރިން މުޅިން ބަންގްލަދޭޝްގެ ވެއިޓަރުން ލައިގެން ހިންގަމުން އައި ތަންތަން އިންޑޮނޭޝިޔާ/ ފިލިޕިންސަށް ބަދަލުވެ ވިޔަފާރި މުޅިން ބަދަލުކޮށްލައިފައި ވެސް އެބަހުއްޓެވެ. ބައެއް ވިޔަފާރިވެރިން ބުނާ ގޮތުގައި ވިޔަފާރި ވީ ރަނގަޅެވެ.
"ބަންގްލަދޭޝް މީހުންނާ އިންޑޮނޭޝިޔާ ނުވަތަ ފިލިޕިންސް ނުވަތަ ތައިލެންޑް މީހުންނާ ދެމެދު ހުރި ތަފާތަކީ ސާފުތާހިރު ކަމާއި ކަމަށް ކަމޭހިތުން. އެކަމަކު، ބަންގްލަދޭޝް މީހުން މަސައްކަތް ކުރާނެ އެ މީހުންނަށް ބަރާބަރަށް މުސާރަ ދެންޏާ އިތުރަށް ވެސް. ބޭނުންވާހާ އިރަކު އެ މީހުން މަސައްކަތް ކުރާނެ. އެކަމަކު، އެހެން ގައުމުތަކުގެ މީހުން މަސައްކަތް ކުރާނީ ކަނޑައެޅިފައި އޮތް ވަގުތެއްގައި އެކަނި،" ވިޔަފާރިވެރިޔަކު ބުންޏެވެ.
ވިޔަފާރީގެ މި އާ ސަފާގަތް ގޮސް ފިހާރަތަކާއި އައުޓްލެޓްތަކަށް ވެސް މިހާރު ވަދެއްޖެ އެވެ. ވަރަށް ގިނަ ފިހާރަތަކުން އެ މަންޒަރު މިހާރު އަންނަނީ ފެންނަމުންނެވެ. ކުރިއަށް އޮތްތާނގައި ވެސް އެ މަންޒަރު ފެންނާނެ ކަމަށް ވިޔަފާރިވެރިން ބުނެ އެވެ.
"ދިވެހިން ނުލިބޭހާ ހިނދަކު ދެން އޮންނާނެ ގޮތަކީ ބޭރުން މީހުން ގެނައުން. މިކަހަލަ ވަޒީފާތަކަކީ ދުވަހަކު ވެސް ދިވެހިން އަދާކުރަން ބޭނުންވާ ވަޒީފާއެއް ނޫން،" ވިޔަފާރިވެރިޔަކު ބުންޏެވެ.
ވެލާނާ ބިލްޑިންގު ކުރިމަތީގައި ހުރި އިމާރާތުގެ އެންމެ މަތީގައި ހުޅުވާފައި ހުރި ސޮލައިޓް ރެސްޓޯރަންޓް ފުރަތަމަ ފެށީ މުޅިން ވެސް ދިވެހިންނާ އެކު އެވެ. އެކަމަކު އެ މީހުން އެ ކޮންސެޕްޓްގައި ފުރަތަމަ ކުރީ ވަރަށް ހިތި ތަޖުރިބާއެކެވެ.
"އަޅުގަނޑުމެން ފުރަތަމަ މިކަން ފަށަން ތިރީހަކަށް ދިވެހިން ނަގައިގެން އެ މީހުން ތަމްރީނުކޮށްގެން އެކަން ފެށީ. އެކަމަކު ދިވެހިންނެއް ނުވެއް ހިފެހެއްޓުނު. ދެން އަޅުގަނޑުމެން ޖެހުނީ މުޅި ކޮންސެޕްޓް ބަދަލުކުރަން،" އެ ރެސްޓޯރަންޓްގެ އޮފިޝަލަކު ބުންޏެވެ.
ރެސްޓޯރަންޓް/ ކެފޭތަކަށް ބޭރުން މީހުން ގެންނަން ޖެހޭ އަސްލު ސަބަބަކީ އޮޅިފައި އޮތް އެއްޗެއް ނޫނެވެ. ދިވެހިން ނުލިބުމެވެ. ނުވަތަ ލިބޭ ދިވެހިން ހަރުނުލުމެވެ. އެހެން ނޫން ނަމަ، ސޮލައިޓުން ބުނާ ގޮތަށް، މިކަން ވަރަށް ސަޅިކޮށް ދިޔައީހެވެ.
"އެކަމަކު އެހެނެއް ނުވޭ،" އޮފިޝަލް ބުންޏެވެ.
އެ ރެސްޓޯރަންޓަށް ވެސް އެންމެ ފަހުން ޖެހުނީ ބޭރު މީހުން ގެންނާށެވެ. ކުރިއަށް އޮތް ހަފުތާގެ ތެރޭގައި އިންޑޮނޭޝިޔާ އިން އަންނަ އިތުރު ވެއިޓަރުންނާ އެކު، އެތަނުގައި ވެއިޓަރުންގެ ގޮތުގައި ހިދުމަތް ދޭ މީހުންގެ އަދަދު އަށަކަށް އަރާނެ އެވެ.
ދާދިފަހުން މާލޭގައި ހުޅުވި އަވިސްޓާގައި 29 މުވައްޒަފުން ހިމެނޭއިރު، މުޅިންހެން ވެސް ހިދުމަތް ދެނީ ބިދޭސީންނެވެ. އޭގެ ތެރެއިން ވެއިޓަރުންގެ ގޮތުގައި ޖުމްލަކޮށް ތިބީ އިންޑޮނޭޝިޔާގެ އަންހެންކުދިންނެވެ.
"ހަރަދު ބޮޑު. އެކަމަކު ދިވެހިން ނުލިބޭތީ މިހެން ހަދަން މި ޖެހެނީ،" އެތަނުން ވާހަކަ ދެއްކި އޮފިޝަލަކު ބުންޏެވެ.
އިންޑޮނޭޝިޔާ އަދި ފިލިޕިންސް އިން ގެންނަ ކޮންމެ މީހަކަށް ޓިކެޓާއި ޑިޕޮސިޓަށް 20،000ރ. ހޭދަވެ އެވެ. ވެއިޓަރެއް ނަމަ އޭނާގެ މުސާރަ މަހަކު 350 ޑޮލަރުން މައްޗެވެ. އަހަރަކު އެއްފަހަރު، އަނބުރާ ގައުމަށް ޗުއްޓީ އަށް ފޮނުވަން ޖެހެ އެވެ. އަދި ހަތަރު މީހުންނަށް ވުރެ ގިނައިން އެއް ކޮޓަރީގައި އެ މީހުން ޝެއާއެއް ނުކުރެ އެވެ. ކެއުން ލިބެން ޖެހެ އެވެ. ކޮޓަރީގައި ދޮވެ އިސްތިރި ކުރެވޭ ގޮތަށް ހުންނަން ޖެހެ އެވެ. ހަފުތާއަކު އެއް ދުވަހު އޮފް ލިބެން ޖެހެ އެވެ.
"މަހަކު ކޮންމެ މީހަކަށް ގާތްގަނޑަކަށް 15،000ރ. ހަރަދުވާނެ. އޭގެ މާނައަކީ އެ އަގުގައި ވެސް ދިވެހިންނެއް ނުލިބެއޭ. އަޅުގަނޑުމެން މިއީ ރެސްޓޯރަންޓެއް ހިންގާ ބަޔެއް. މިކަމެއް ނުކުރެވޭނެ ހިތަށް އެރި ދުވަހަކު އައިސް ވާނުވާ ނޭނގޭ ބަޔަކު ލައިގެނެއް. ބޭރުން މީހުން ގެނައިމަ އެބަ އެނގޭ ވާގޮތް،" އަވިސްޓާގެ އޮފިޝަލް ބުންޏެވެ.
ސޮލައިޓަށް ވެސް އޮތް މައްސަލައަކީ އިތުބާރެވެ؛ ދިވެހިން ލައިގެން ކުރި ހިތި ތަޖުރިބާތައް އެއީ އެކަހަލަ ބިޒީ ރެސްޓޯރެންޓެއްގައި ދެން ކުރެވެން އޮތް ކަމެއް ނޫނެވެ.
އެންމެން ވެސް ގަބޫލުކުރާ ކަމަކީ، އަދި ބޭނުން ވެސް ވާ ގޮތަކީ ދިވެހިން ލައިގެން އެކަން ކުރުމެވެ. ދިވެހިންނަށް ބޮޑު އެއްޗެއް ދީގެން ވިޔަސް އެކަން ވޭތޯ ވަރަށް ގިނަ ކެފޭ/ ރެސްޓޯރަންޓް އަދި ފިހާރަތަކުން ވެސް މަސައްކަތްކޮށްފި އެވެ. އެކަމަކު އެކަން ކާމިޔާބު ވަނީ ވަރަށް މަދުތަނެއްގަ އެވެ. އެކަމަކު، ހަމައެއާ އެކު ގަބޫލުކުރާ އަނެއް ކަމަކީ، ބަންގްލަދޭޝްގެ މީހުން ލައިގެން ކެފޭ/ ރެސްޓޯރަންޓްތައް ހިންގުމަށް ވުރެ، ހަރަދު ބޮޑަސް އެހެން ގައުމުތަކުން މީހުން ލައިގެން ވިޔަފާރި މާ ކާމިޔާބު ކަމެވެ.