03 ޖެނުއަރީ 2023 - 11:17

މެންޗެސްޓާ (ޖެނުއަރީ 3) - މެންޗެސްޓާ ޔުނައިޓެޑަށް ފޯވާޑެއް ބޭނުންވާ ކަމަށާއި ނަމަވެސް އެކަމަށް ފައިސާ އިސްރާފު ނުކުރާނެ ކަމަށް އެ ކްލަބްގެ ކޯޗު އެރިކް ޓެން ހަގް ބުނެފި އެވެ.
މިދިޔަ ސީޒަންގައި ޔުނައިޓެޑަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކްރިސްޓިއާނޯ ރޮނާލްޑޯގެ ކޮންޓްރެކްޓް ދެފަރާތް އެއްބަސްވެ އުވާލުމުން ޔުނައިޓެޑްގައި މިވަގުތު އެއް ނަންބަރު ފޯވާޑެއް ނެތެވެ. މި ސީޒަންގެ ޕްރިމިއާ ލީގުގައި ބޮޑެތި ޓީމުތަކުގެ ތެރެއިން އެންމެ މަދުން ލަނޑު ޖެހި ޓީމަކީ ޔުނައިޓެޑެވެ. އެ ޓީމުގައި އެންމެ ގިނަ ލަނޑު ޖެހި ފޯވާޑް މާކޯސް ރަޝްފާޑް އަށް ލީގުގައި ޖެހުނީ ހަ ލަނޑެވެ.
ޔުނައިޓެޑުން ޓާގެޓް ކުރި، ނެދަލެންޑްސް ފޯވާޑޤ ކޯޑީ ގަކްޕޯގެ ސޮއި ހޯދީ ލިވަޕޫލުންނެވެ. ބޮރޫޝިއާ ޑޮޓްމަންޑުން ގެނައި ފޯވާޑް ޖާޑަން ސަންޗޯ އަށް އެކަށިގެންވާ ކުޅުމެއް ޔުނައިޓެޑްގައި ނުދެއްކެ އެވެ. މިވަގުތު ފިޓްނަސް ދަށް ވެފައި ހުރުމުން އޭނާ ތަމްރީން ހަދަނީ ވަކިންނެވެ.
ޓެން ހަގް ބުނީ ހުރިހާ ކުޅުންތެރިން ހަމަކޮށް ތިބޭނަމަ ޔުނައިޓެޑްގައި ވަރުގަދަ ޓީމެއް އޮންނާނެ ކަމަށެވެ.
"އަހަރެމެން ބޭނުން ފޯވާޑެއް. އެކަމަކު އަހަރެމެން ބޭނުން ވަނީ އެ ކުޅުންތެރިޔެއްގެ ސަބަބުން ޓީމަށް އެނގުންވާ ވަރުގެ ފޯވާޑެއް. އެވަރުގެ ކުޅުންތެރިޔެއް ނުލިބޭނަމަ ފޯވާޑެއް ގެންނާށޭ ކިޔާފައި އެ ހޭދަ ކުރަނީ ބޭކާރު ފައިސާތަކެއް. އަދި ސްކޮޑް ވެސް ވަރުގަދައެއް ނުވާނެ،" ޓެން ހަގް ބުންޏެވެ.
މިވަގުތު ހަތަރު ވަނައިގައި އޮތް ޔުނައިޓެޑް މިރޭ ނުކުންނާނީ ބޯންމައުތާ ދެކޮޅަށެވެ.