އުސޫލާ ހިލާފަށް އެޗްޑީސީން 250 މިލިއަން ރުފިޔާ ބޭނުންކުރި: އޮޑިޓް
އުސޫލާ ހިލާފަށް އެޗްޑީސީން 250 މިލިއަން ރުފިޔާ ބޭނުންކުރި: އޮޑިޓް

އެޗްޑީސީގެ އެކި ޕްރޮޖެކްޓްތައް ހިންގުމުގައި، 2017-2018 ގައި ގަވައިދާ ހިލާފަށް 253 މިލިއަން ރުފިޔާ ބޭނުން ކުރިކަން އޮޑިޓް ރިޕޯޓުން ދައްކައިފި އެވެ.

އުސޫލާ ހިލާފަށް އެޗްޑީސީން 250 މިލިއަން ރުފިޔާ ބޭނުންކުރި: އޮޑިޓް
އުސޫލާ ހިލާފަށް އެޗްޑީސީން 250 މިލިއަން ރުފިޔާ ބޭނުންކުރި: އޮޑިޓް

އެ ދުވަސްވަރަކީ، ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ކެމްޕެއިނަށް ތައްޔާރުވަމުން ދިޔަ ދުވަސްވަރެވެ. އަދި، އެޗްޑީސީން ގަވައިދާ ހިލާފަށް ހަރަކާތްތައް ހިންގާ ވާހަކަތައް ވެސް އާންމުންގެ ތެރޭގައި ދެކެވެމުން ދިޔަ އެވެ.

އޮޑިޓް އޮފީހުން އިއްޔެ އާންމުކުރި ރިޕޯޓުގައިވާ ގޮތުން ހުޅުމާލޭ ވޯޓާ ތީމް ޕާކު ސަރަހައްދު ސާފުކުރަން ހަވާލު ކުރުމުގައި ސިންގަލް ސޯސް އުސޫލުން އިއުލާނުކޮށް އެ މަސައްކަތަށް ބައެއް އަމިއްލަ ކުންފުނިތަކަށް 18.4 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. މިކަން ކޮށްފައިވަނީ ޕްރޮކިއުމެންޓް އުސޫލާ ހިލާފަށް ކަމަށް ރިޕޯޓްގައި ވެ އެވެ.

އޭގެ އިތުރުން އެ ސަރަހައްދު ސާފު ކުރުމަށް ހަވާލު ކުރި ފަރާތުން ކަނޑައެޅި ތާރީހަށް މަސައްކަތް ނުނިންމުމުން، އެކަން ކުރަން އިތުރު 60 ދުވަހުގެ މުއްދަތެއް ދީ އިތުރު 6.9 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. އަދި އެކަން ކުރީ ޕްރޮޖެކްޓްގެ "ސްކޯޕް އޮފް ވޯކް" އަށް ބަދަލު ނުގެނެސް އެވެ.

ވޯޓަ ތީމް ޕާކު ސަރަހައްދު ސާފުކުރަން އަމިއްލަ ކުންފުންޏަކާ ހަވާލު ކުރީ ޖެނުއަރީ 2018 އިން އެ އަހަރުގެ އޮގަސްޓާ ހަމައަށެވެ. ބިޑް ކުރުމަކާ ނުލައި، އެ މަސައްކަތް ހަވާލު ކުރީ ޕްރޮސެސިން ޓައިމް ކުޑަ ކުރުމަށް ކަމަށް ބޯޑުގެ އޭރުގެ މަޝްވަރާތަކުން ކަން އެނގޭ ކަމަށް ރިޕޯޓްގައި ވެ އެވެ.

އެޗްޑީސީގެ ޕްރޮކިއުމެންޓް އުސޫލުގައިވާ ގޮތުން މުދަލާއި ހިދުމަތެއްގެ އަގު ތިން މިލިއަން ރުފިޔާ އަށް ވުރެ އިތުރުވެއްޖެ ނަމަ އެ މުދަލެއް ނުވަތަ ހިދުމަތެއް ހޯދަން ޖެހޭނީ އާންމުކޮށް އިއުލާނުކޮށްގެންނެވެ. އަދި ވޯޓަ ތީމް ޕާކު ސަރަހައްދު ސާފުކުރުމަށް ދެ އަހަރުގެ މުއްދަތެއް އެޗްޑީސީ އަށް ލިބުނު އިރު އެ މުއްދަތަކީ ވާދަވެރި ބީލަމުގެ އުސޫލުން ބަޔަކާ ހަވާލު ކުރެވޭނެ މުއްދަތެއް ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ވޯޓަ ތީމް ޕާކު ސަރަހައްދު ސާފު ކުރުމަށް އަމިއްލަ ކުންފުންޏަކާ ހަވާލު ކުރުމުގެ ކުރިން އެޗްޑީސީން އެންމެ ފުރަތަމަ އެކަން ހަވާލު ކުރީ ވެމްކޯއާ އެވެ. އެ ކުންފުންޏާ އެތަން ހަވާލުކުރީ ސެޕްޓެމްބަރު 26، 2017 އިން ޑިސެމްބަރު 9، 2017 އަށެވެ. އެ މުއްދަތުގައި އެ މަސައްކަތް ކުރުމަށް 12.3 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

އޮޑިޓް ރިޕޯޓުގައިވާ ގޮތުން އެޗްޑީސީން މަގުތަކުގައި ޖަހާ ބައްތި ގަތުމަށް ބޭރު ކުންފުންޏަކަށް 26 މިލިއަން ރުފިޔާ ހޭދަކުރި އެވެ. އަދި އެކަން ކޮށްފައި ވަނީ އިއުލާނު ކުރުމަކާ ނުލައި، ސިންގަލް ސޯސް އުސޫލުންނެވެ. އޮޑިޓް ރިޕޯޓުގައިވާ ގޮތުން އެ ބައްތިތައް ގަތުމުގެ ކުރިން އެ މަސައްކަތުގެ އެސެސްމަންޓެއް ވެސް ނުހަދަ އެވެ. އަދި އިލެކްޓްރިކަލް ކޭބަލް ލޭއައުޓްގެ މަސައްކަތް ވެސް ކޮށްފައެއް ނުވެ އެވެ. އަދި އާންމު އުސޫލުން ބޭރުން އިއުލާނު ކުރުމެއް ނެތި މިކަން ކުރީ އެކަށީގެންވާ ސަބަބެއް ނެތި ކަމަށް އޮޑިޓް އޮފީހުން ބުނެފައިވެ އެވެ.

އޭގެ އިތުރުން އެ މަގުބައްތިތައް ހަރު ކުރަން އެތަކެތި ސަޕްލައި ކުރި ފަރާތަށް 26.9 މިލިއަން ރުފިޔާއަށް ހަވާލު ކުރި އެވެ. އަދި އެކަން ވެސް އިއުލާނު ކުރުމެއް ނެތި ސިންގަލް ސޯސް އުސޫލުން ކުރީ، އެކަށީގެންވާ ސަބަބެއް ނެތި ކަމަށް އޮޑިޓް އޮފީހުން ބުނެފައިވެ އެވެ.

މިކަން ބިޑް އުސޫލުން ބޭރުން ވަކި ފަރާތަކަށް ދިފައިވާ އިރު އެކަން އެގޮތަށް ކުރީ ކޮން ސަބަބުތަކާ ހުރެކަން ލިޔެކިޔުމުން ފެންނަން ނެތް ކަމަށް އޮޑިޓް އޮފީހުން ބުނެފައިވެ އެވެ.

އޭގެ އިތުރުން އެޗްޑީސީން ކުރިއަށްގެންދިޔަ "ހިޔާވަހި" ޕްރޮޖެކްޓަށް އެ ކުންފުނީގެ ކޭޝް ފްލޯއިން 193 މިލިއަން ރުފިޔާ ހޭދަކުރުމުގެ ސަބަބުން ވެސް ކުންފުނީގެ އެހެން ކަންކަން ހަމަޖައްސަން އުނދަގޫވެ، މުޅި ކުންފުނި ހިންގުމަށް ވެސް ދަތިތަކާ ކުރިމަތިވި ކަމަށް ރިޕޯޓްގައި ވެ އެވެ. ކޭޝް ފްލޯ އިން އެންމެ ފުރަތަމަ ފައިސާ ދިނީ އެ ޕްރޮޖެކްޓް ހަވާލު ކުރި ކުންފުންޏަށް ދިން އެޑްވާންސް ފައިސާ އެވެ. އެޑްވާންސްގެ ގޮތުގައި އެ ކުންފުންޏަށް 97 މިލިއަން ރުފިޔާ ދިނެވެ. އަދި އެއަށްފަހު 2018 ވަނަ އަހަރު އިތުރު 96 މިލިއަން ރުފިޔާ އެ ޕްރޮޖެކްޓަށް ހޭދަކޮށްފައިވެ އެވެ.

އެޗްޑީސީން ހިޔާވަހީގެ ނަމުގައި 2016 ވަނަ މަސައްކަތް ފެށީ މެދުފަންތީގެ ފްލެޓްތަކެއް އެޅުމަށެވެ. އެތަނުގައި ހަދާ ފްލެޓްތައް ހާއްސަ ކުރަނީ ސަރުކާރުގެ ހިދުމަތްތެރިންނަށެވެ. އެ ޕްރޮޖެކްޓް އޭރު ކުރިއަށް ގެންދަން ނިންމީ، ޔޫޒާ ފައިނޭންސް އުސޫލުންނާއި ލޯނު ނަގައިގެންނެވެ. އަދި ބީއެމްއެލް މެދުވެރިކޮށް ލޯނެއް ނެގުމަށް އެކި ފަހަރުމަތިން މަސައްކަތް ކުރި ނަމަވެސް، އެކަން ވަނީ ކާމިޔާބު ނުވެފަ އެވެ.

އޮޑިޓް އޮފީހުން ބުނީ، ބަޖެޓުގައި ކަނޑައެޅި އަދަދުތަކަށް ވުރެ 148 މިލިއަން ރުފިޔާ ހިޔާވަހި ޕްރޮޖެކްޓަށް ހޭދަކުރުމުން އެ ކުންފުނިން ކުރިން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށް ވެސް ދަތިތައް ކުރިމަތިވި ކަމަށެވެ.