ލަންކާގެ ސަރުކާރުގެ ވަޒީފާތަކަށް މުވައްޒަފުން ނެގުން ހުއްޓުވާލައިފި
ލަންކާގެ ސަރުކާރުގެ ވަޒީފާތަކަށް މުވައްޒަފުން ނެގުން ހުއްޓުވާލައިފި

ކޮލަމްބޯ (ޖެނުއަރީ 3) - ސްރީ ލަންކާގެ ސަރުކާރުގެ ވަޒީފާތަކަށް މުވައްޒަފުން ނެގުން އެ ގައުމުގެ ރައީސް ރަނިލް ވިކްރަމް ސިންހަ ހުއްޓުވާލައްވައިފި އެވެ.

ބޭރުގެ ލޯނުތަކަށް ފައިސާ ނުދެއްކިގެން މިދިޔަ އަހަރު ބަނގުރޫޓް ވި ގައުމުގެ އިގްތިސޯދު ޑީފޯލްޓް ވުމުން ބައިނަލްއަގުވާމީ އިދާރާތަކުން ވަނީ ލަންކާ އަށް އިތުރަށް ލޯނުދިނުން ހުއްޓާލައިފަ އެވެ.

ލަންކާގެ ސަރުކާރުގެ އާމްދަނީ އަށް ވުރެ ކުރަން ޖެހޭ ހަރަދުތައް ބޮޑުވުމުން އައިއެމްއެފުން އެންގީ ލަންކާގެ ސިވިލް ސާވިސްގެ ހަރަދު ކުޑަ ކުރުމަށެވެ. އެ ގައުމުގައި ސަރުކާރު ވަޒީފާތަކުގައި 1.6 މިލިއަން މުވައްޒަފުން އުޅެ އެވެ.

އިގްތިސޯދީ ދަށް ހާލަތަކަށް ވެއްޓުމުން އޭރު ރައީސްކަމުގައި ހުންނެވި ގޮތަބަޔާ ރާޖަޕަކްސަ މަގާމުން އިސްތިއުފާ ދެއްވުމުން، ޖުލައި މަހު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި ރަނިލް ވަނީ ސިވިލް ސާވިސްގެ ހަރަދު ކުޑަ ކުރުމުގެ ގޮތުން ފިޔަވަޅުތަކެއް އަޅުއްވައިފަ އެވެ. އެގޮތުން ލަންކާގެ ސަރުކާރު ވަޒީފާތަކުން ރިޓަޔާ ކުރާ އުމުރަކީ 60 އަހަރު ކަމަށް ނިންމި އެވެ. ކުރިން ރިޓަޔާ ކުރާ އުމުރުގެ ގޮތުގައި ހަމަޖައްސާފައި ވަނީ 65 އަހަރެވެ.

ރިޓަޔާ ކުރާ އުމުރު ދަށް ކުރުމުން މިދިޔަ މަހު އެކަނި ވެސް 20،000 ވުރެ ގިނަ މީހުން ވަޒީފާތަކުން ވީއްލުނެވެ. އެ މަގާމުތަކަށް އާ މުވައްޒި'ަފުން ނުނެގުމަށް ރަނިލް ވަނީ އަންގަވައިފަ އެވެ.

ޑީސަލާއި ޕެޓްރޯލް އަދި ފިއުލް ގޭހުން ނަގާ ޓެކްސް ވެސް ލަންކާއިން ވަނީ ބޮޑު ކޮށްފަ އެވެ. އެހެންވެ އެ ތަކެތީގެ އަގުތައް ވެސް ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ. ކަރަންޓްގެ އަގު 65 ޕަސެންޓް ވަނީ އުފުލިފަ އެވެ.

އާ އަހަރުގެ ބަންދަށް ފަހު އިއްޔެ މަސައްކަތަށް ނުކުންނަވައި ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލު ކުރައްވައި ރަނިލް ވިދާޅުވީ ލަންކާގެ އިގްތިސޯދީ މައްސަލަތަކަށް ހައްލު ލިބުނީ ކަމަށް ބަލައިގެން ތިބެވެން ނެތް ކަމަށެވެ.

"އަހަރެމެން ކުރިއަށްދާނަމަ ދަރަނީގެ ގެއްލުން ކުޑަ ކުރަން ޖެހޭ،" ރަނިލް ވިދާޅުވި އެވެ.

ލަންކާ އަށް އެންމެ ގިނަ ލޯނުތައް ދޫކުރި ގައުމުތަކަކީ ޗައިނާ އާއި އިންޑިއާ އެވެ. އެކަމަކު ލޯނު އަދާ ކުރުމުގައި ލަންކާ އަށް ލުއިތަކެއް ދިނުމުގެ ވިސްނުމެއް އެ ދެ ގައުމުން ގެންގުޅޭ މަންޒަރު ނުފެންނަކަމަށް އިގްތިސޯދީ ތަޖުރިބާކާރުން ބުނެ އެވެ.