02 ޖެނުއަރީ 2023 - 15:22

އެމްޑީޕީގެ ދަފްތަރުން އުނިވެފައިވާ މެންބަރުން ރިޔާސީ ޕްރައިމަރީގެ ވޯޓާސް ލިސްޓުގައި އަލުން ހިމެނުމުގެ ވިސްނުމެއް ނެތް ކަމަށް އިންތިހާބާ ބެހޭ ކޮމިޓީން މިއަދު ބުނެފި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އާ ގުޅޭ ގޮތުން އެ އިންތިހާބުގައި ވާދަ ކުރަައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެ ޕާޓީގެ ދަފްތަރުގައި ކުރިން އޮތް 39،000 އެއްހާ މެންބަރުން ޕާޓީން ވަކި ކޮށްފައިވާތީ އެ މެންބަރުންނަށް ވޯޓު ލުމުގެ ހައްގު ގެއްލިފައިވުމެވެ.
ޕްރައިމަރީގެ ކަންކަން އިންތިޒާމް ކުރުމަށް އެކުލަވާލާފައިވާ ފަސް މެންބަރުންގެ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މެންބަރު އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވީ ވަކި ކެނޑިޑޭޓަކަށް ތާއީދު ކުރައްވާ މެންބަރުންތަކެއް ވަކި ކޮށްފައިވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިއްޔެ ބަންދުވި އިރު 900 އެއްހާ މީހުންގެ ޝަކުވާއެއް ލިބިފައިވާ ކަމަށް އިބުރޭ ވިދާޅުވި އެވެ. އޭގެ ތެރެއިން 683 މީހުން އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ދަފްތަރުގައި އެއްވެސް ޕާޓީއެއްގައި ނުހިމެނޭ ކަމަށާއި 212 މީހުންނަކީ އެހެން ޕާޓީތަކުގެ މެންބަރުން ކަމަށް އިބުރޭ ވިދާޅުވި އެވެ.
އޭގެ ތެރެއިން މިދިޔަ އަހަރު ޑިސެމްބަރު 18 ގެ ނިޔަލަށް އީސީގެ ދަފްތަރުގައި އެމްޑީޕީގައި ރަޖިސްޓާ ކޮށްފައި ތިބި މެންބަރުން ފިޔަވައި އެހެން އެއްވެސް މެންބަރަކު ވޯޓާސް ލިސްޓަށް އިތުރު ކުރުމުގެ ވިސްނުމެއް ނެތް ކަމަށް އިބުރޭ ވިދާޅުވި އެވެ.
"ޑިސެމްބަރު 18 އާ ހަމައަށް އީސީގެ ދަފްތަރުގައި ނެތް ބޭފުޅަކު ދާއިމީ ލިސްޓަކަށް އިތުރެއް ނުކުރެވޭނެ،" އިބުރޭ ވިދާޅުވި އެވެ.
އެ މައްސަލާގައި ކަންބޮޑުވުން ފާޅު ކުރައްވައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވީ ދަފްތަރުން ވަކި ކޮށްފައި ވަނީ އެމަނިކުފާނުގެ ބޭބޭފުޅު ޑރ. އިބްރާހިމް ނާޝިދާއި، އަނބިކަނބަލުން ލައިލާ އަލީ އަދި ހާމިދު އަބްދުލް ގަފޫރު ފަދަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓު ނުދޭނެ މެންބަރުން ކަމަށެވެ.
އެކަމަށް އިޝާރަތް ކުރައްވައި އިބުރޭ ވިދާޅުވީ ހާމިދު ވަކިވެފައި ވަނީ އޭނާ އަމިއްލަ އަށް އެދިގެން ކަމަށެވެ. އެމްޑީޕީގެ ދަފްތަރުން އުނިވެފައިވާ 39،000 މެންބަރުންގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެއްބަނޑު އެއްބަފާ ބޭބޭފުޅުން ތިއްބެވި ކަމަށާއި ނަމަވެސް ލިބުނު ފުރުސަތުގައި އެ ބޭފުޅުން އަލުން ޕާޓީގެ ފޯމް ފުރައިގެން ވަދެފައިވާ ކަމަށް އިބުރޭ ވިދާޅުވި އެވެ.
"ހާމިދު ޕާޓީން ކަނޑާލަދިނުން ލަސްވާތީ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް އޭރުގެ ސެކެޓްރީ ޖެނަރަލް އަށް ގުޅުއްވާފައި އިލެކްޝަނަށް ގުޅައިގެން އަވަސް ކޮށްދޭން ވެސް ވަނީ އެދިފައި،" އިބުރޭ ވިދާޅުވި އެވެ.
އިބުރޭ މިހެން ވިދާޅުވި ނަމަވެސް ހާމިދު ފަހުން ކުރެއްވި ޓުވީޓެއްގައި އޭނާ ވަނީ އިބުރޭގެ ވާހަކަތައް ދޮގު ކުރައްވައިފަ އެވެ.
ނަޝީދުގެ ފަރާތުން އެ ކޮމިޓީ އަށް ވަނީ ތިން ޝަކުވާއެއް ހުށަހަޅައިފަ އެވެ. ދަފްތަރާ ބެހޭ ޝަކުވާގެ އިތުރުން އެމަނިކުފާނު ހުށަހަޅާފައި ވަނީ ޕްރައިމަރީގެ ހުރިހާ ކަމެއް އެ ކޮމިޓީން ކުރަން ޖެހޭއިރު އޭގެ ކުރިން ޕާޓީން އިއުލާން ކުރުން ފަދަ މަސައްކަތް ކުރުމެވެ.
އެ ޝަކުވާ އާ ގުޅިގެން އިބުރޭ ވިދާޅުވީ ކޮމިޓީން ބެލީ މީގެ ކުރިން ރިޔާސީ ޕްރައިމަރީގެ ކަންކަން ކޮށްފައި ހުރި ގޮތަށް ކަމަށެވެ.
އެގޮތުން ކުރިން ބޭއްވި ޕްރައިމަރީއެއް އިއުލާން ކޮށްފައި ވަނީ ޕާޓީގެ ޗެއާޕާސަނަކަށް އޭރު ހުންނެވި މާރިޔާ އަހުމަދު ދީދީ ކަމަށާއި ކޮމިޓީ އެކުލަވައިލީ އިއުލާން ކުރުމަށް ފަހުގައި ކަމަށެވެ. އޭގެ ފަހުން ހަސަން ލަތީފް އެ މަގާމުގައި ހުންނެވި އިރު އޭނާ ވެސް އިންތިހާބު އިއުލާން ކުރެއްވި ކަމަށާއި ނަމަވެސް ވަކި ކޮމިޓީއެއް އެކުލަވައިނުލާ ކަމަށް އިބުރޭ ވިދާޅުވި އެވެ.
ތިން ވަނަ ޝަކުވާއެއް ގޮތުގައި ނަޝީދުގެ ފަރާތުން ހުށަހަޅާފައި ވަނީ ކެނޑިޑޭޓުންނަށް ދޭ ތާއީދު ފޯމް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މާ ކުރިން ލިބިވަޑައިގެންނެވި ކަމަށާއި ޑިސެމްބަރު މަހު ފަހެއްގައި ވެސް ތާއީދު ފޯމް ފުރާކަމުގެ ސޯޝަލް މީޑިއާ ޕޯސްޓުތައް އެމަނިކުފާނުގެ ކެމްޕެއިން ޓީމުން ހާމަ ކުރަމުން ދިޔަ ކަމަށެވެ.
އިބުރޭ ވިދާޅުވީ ފަސް ވަނަ ދުވަހު އެ ފޮޓޯތައް ހުރުމަކީ މައްސަލައެއް ކަމަށް ނުފެންނަ ކަމަށާއި ދެ ކެނޑިޑޭޓުންނަށް ޑިސެމްބަރު އެކެއްގައި ތާއީދު ފޯމް ހަވާލު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.