އަރަބިއްޔާގެ ބެލެނިވެރިންގެ ކަންބޮޑުވުން އަނެއްކާ ވެސް
އަރަބިއްޔާގެ ބެލެނިވެރިންގެ ކަންބޮޑުވުން އަނެއްކާ ވެސް

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުން ލަސްވެ، މިހާރު ބޭނުން ކުރަމުންދާ އިމާރާތުގައި ދަރިވަރުން ކިޔަވަން ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް ބުނެ ބެލެނިވެރިން އަނެއްކާ ވެސް ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އަރަބިއްޔާ ސްކޫލަށް މައްސަލަތައް ކުރިމަތިވީ ޗާންދަނީ މަގުގައި ހިންގި އެ ސްކޫލުގެ ދާއިމީ އިމާރާތުގެ ތަނބުތަކުގައި ރެނދުލައި އެ ތަނުގެ ސްޓްރަކްޗާ ވަރަށް ބޮޑަށް ހަލާކުވެ، އެ ތަން ހުސްކުރަން ޖެހުމުންނެވެ. އެ އިމާރާތް ހަލާކުވާން ފެށީ، އިމާރާތް ކުރިތާ 10 އަހަރު ވެސް ނުވަނީހެވެ.

އެ ސްކޫލު ދޫކޮށްލުމަށް ފަހު، ދާއިމީ ތަނެއް ހަމަޖެހެންދެން ދަރިވަރުންގެ ކިޔެވުން ވަގުތީ ގޮތުން ބަދަލުކުރީ ކުރިން ފޮރިން މިނިސްޓްރީ ހިންގި އިމާރާތުގަ އެވެ. އެ ތަނުގެ ޖާގައިގެ ދަތިކަމުގެ ޝަކުވާ މީގެ ކުރިން ވެސް ބެލެނިވެރިން ކުރި އެވެ.

އަރަބިއްޔާ ސްކޫލުގެ ހައްގުތައް ހޯދުމަށް ސޯޝަލް މީޑިއާގައި ވަކާލާތުކުރަމުން އަންނަ "އަރަބިއްޔާ ފެމިލީ" ޕޭޖުގައިވާ ނެރެފައިވާ ބަޔާނެއްގައި ބުނީ އަރަބިއްޔާ އިމާރާތުގެ މައްސަލައަކީ ދަރިވަރުންގެ ތައުލީމަށާއި ނަފްސާނީ ގޮތުން އަސަރުކުރާނެ ކަމެއް ކަމަށެވެ.

މިހާރު ކިޔަވަމުންދާ އިމާރާތަކީ އޮފީހެއްގެ ގޮތުގައި ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ ތަނަކަށް ވާތީ ލެބޯޓްރީ އާއި ލައިބްރަރީ ފަދަ ހިދުމަތްތައް ނުލިބޭ ކަމުގެ ޝަކުވާ ބަޔާނުގައި ވަނީ ކޮށްފަ އެވެ. އަދި ލެބޯޓްރީގެ ހިދުމަތް ގަވައިދުން ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭން ބަޔާނުގައި، މިނިސްޓްރީ އަށް ވަނީ ގޮވާލައިފަ އެވެ.

"ސީއެޗްއެސްސީގެ ލެބޯޓްރީ އަރަބިއްޔާ ދަރިވަރުންނަށް ބޭނުން ކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެފައިވާ ނަމަވެސް އެ ފުރުސަތެއް ނުލިބޭ. މިހާރު ކިޔަވަމުންދާ އިމާރާތުގައި ކިޔަވާތާ އެއް އަހަރުވެފައިވާއިރު ލެބޯޓްރީ ބޭނުން ކުރަން ލިބިފައި ވަނީ ގްރޭޑް 12ގެ ދަރިވަރުންނަށް އެކަނި. އެ ދަރިވަރުންނަށް ވެސް ގަވައިދުން ނުލިބޭ،" އެ ބަޔާނުގައިވެ އެވެ.

އެ ސްކޫލު ދަރިވަރުން ބޭނުން ކުރުމަށް އިސްލާމީ މަރުކަޒު ނުވަތަ ސަލްމާން މިސްކިތުގެ ލައިބްރަރީ ހަމަޖައްސައިދިނުމަށް ވެސް އެ ބަޔާނުގައި ވަނީ އެދިފަ އެވެ.

އިތުރު ހަރަކާތް ހިންގުމަށް ޖާގަ ނެތް ކަމަށް ވެސް ބަޔާނުގައި ބުންޏެވެ. އެހެން ސްކޫލުތަކުގެ ދަރިވަރުންނެކޭ އެއްގޮތަށް އަރަބިއްޔާ ދަރިވަރުން ވެސް މުބާރާތްތަކުގައި ވާދަ ކުރުމަށް ފަރިތަކުރުންތަކަށް ޖާގައެއް ހަމަޖައްސައިދިނުމަށް ބަޔާނުގައި އެދިފައިވެ އެވެ.

"މިގޮތުން ސްކޫލާ އިންވެގެން އޮތް މާލެ ސިޓީ ކައުންސިލްގެ ބިން، ދަރިވަރުންގެ އިތުރު ހަރަކާތްތަކަށް ފުރުސަތު ފަހިކޮށްދެވޭނެ،" ބަަޔާނުގައި ބުންޏެވެ.

އަންނަ އާދިއްތަ ދުވަހު މި އަހަރުގެ ދެވަނަ ޓާމުގެ ފެށުމުގެ ކުރިން ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމަށް އެދިފައި ވާއިރު، ދަރުމަވަންތަ ސްކޫލު މިހާރު ހިންގަމުންދާ ވަގުތީ އިމާރާތް ހުސްވުމުން އެ ސްކޫލަށް ބަދަލުކޮށްދިނުމަށް އެ ބަޔާނުގައި ވަނީ އެދިފަ އެވެ.

"އަރަބިއްޔާ ދާއިމީ އިމާރާތްގެ މަސައްކަތް ވީއެންމެ އަވަހަކަށް ފެށުން ނުވަތަ ޗާންދަނީ މަގުގައި ހުރި އިމާރާތް އެކަށީގެންވާ ގޮތަކަށް މަރާމާތު ކޮށްދިނުމަށް އެދެން،" އޭގައިވެ އެވެ.

މީގެ އިތުރުން އެ ބަޔާނުގައި ދައުލަތާއި މިނިސްޓްރީ އަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެ އެވެ.

މިކަމާ ގުޅިގެން އަރަބިއްޔާ ސްކޫލާއި މިނިސްޓްރީގެ ބަހެއް ވެސް ނުލިބުނެވެ.

އަރަބިއްޔާ ސްކޫލު އަޅަން ބަޖެޓުން 6.4 މިލިއަން ރުފިޔާ ބަޖެޓް ކޮމެޓީން ވަނީ ފާސްކޮށްފަ އެވެ. އެ ސްކޫލުގެ އިމާރާތާ އެކު، ޖޭއެސްގެ އެނެކްސްގެ އިމާރާތަށް 168 މިލިއަން ރުފިޔާ ހަރަދުވެ އެވެ. އެއީ ދެ އިމާރާތުގެ އަގެވެ.