17 ޖެނުއަރީ 2017 - 06:07

ދިވެހި ފިލްމީ ދާއިރާގައި މާ ދިގު ތާރީހެއް ނެތް ނަމަވެސް، މި ދާއިރާގައި ވެސް ވަރަށް ފަންނުވެރި އަދި އެހާމެ ކުޅަދާން ފަންނާނުން އެބަ ތިއްބެވެ. ހާއްސަކޮށް ފިލްމެއް ބެލުންތެރިންނާ ހަމައަށް ގެނެސް ދިނުމުގައި އެންމެ ބޮޑު ޒިންމާއެއް ނަގާ މީހަކީ ޑައިރެކްޓަރު ކަމަށްވާ އިރު، ރާއްޖޭގައި ވެސް މި ފަންނުގައި ހަމަ ވަރަށް ކުޅަދާނެ މީހުން ފެނިފައިވެ އެވެ.

އޭގެ ތެރެއިން ބައެއް ޑައިރެކްޓަރުން މިހާރު ފިލްމީ ދާއިރާ ދޫކޮށްލި ނަމަވެސް، އެ ޑައިރެކްޓަރުންގެ ފިލްމުތަކެއް ބެލުންތެރިން ހަނދާނެއް ނުނެތޭނެ އެވެ. މީގެ އިތުރުން ދާއިރާގައި ތިބި ނަމަވެސް، ފިލްމް ޑައިރެކްޓްކުރުމާ ތަންކޮޅެއް ދުރުގައި ތިބި، އެކަމަކު ވަރަށް ގިނަ ބަޔަކު އެ ޑައިރެކްޓަރުންގެ ފިލްމުތަކަށް އުންމީދު ކުރެވޭ ޑައިރެކްޓަރުން އެބަ ތިއްބެވެ.

މިއީ ދިވެހި ފިލްމީ ދާއިރާ އުފަންވެގެން އައި އިރު، މި ދާއިރާގައި މަސައްކަތް ކުރެއްވި އެންމެ ނަން ހިނގާ އެއް ޑައިރެކްޓަރެވެ. ހުސައިން ޝިހާބަކީ ހަމައެކަނި ޑައިރެކްޓަރެއް ވެސް ނޫނެވެ. އޭރުގެ ފިލްމުތަކަށް ލަވަ ވެސް ކިޔައިދެއްވި އެވެ.

އޭނާ ކިޔުއްވާފައިވާ ހިތްގައިމު ލަވަތަކަކީ އެ ލަވަތައް މިހާރު ވެސް އަޑު އަހާލުމުން މާޒީގެ ތެރެއަށް ގެންގޮސްދޭ ހިތްގައިމު ލަވަތަކެވެ. އޭގެ ތެރޭގައި ދެން ލަލާ، ކައިވެނީގެ އަމާޒު، އަންގާދޭށޭ އަދި އުޅެން ފެށީހެ ދެން ފަދަ ލަވަތައް ވަކިން ބޮޑަށް މަޝްހޫރެވެ.

ހުސައިން ޝިހާބް ޑައިރެކްޓް ކުރި ބައެއް ފިލްމުތަކުގެ ތެރޭގައި ރިހުން، ކުލުނު، ހާލި އަދި ލޭކަރުނަ ފަދަ ފިލްމްތައް ފާހަގަކޮށްލެވެ އެވެ.

މިއީ ޑައިރެކްޓަރެއްގެ އިތުރުން އެކްޓަރެއް ވެސް މެ އެވެ. ގިނަ ފިލްމުތަކެއްގައި ސަޕޯޓިން ރޯލްތަކެއް ކުޅެފައިވާ އިރު، އީސާ ޝަރީފް ކުޅެފައިވާ ވީޑިއޯ ލަވަތައް ވެސް މަދެއް ނުވާނެ އެވެ. އެކްޓަރަކަށް ވުރެ ބޮޑަށް ގިނަ ބަޔަކު އޭނާ ބަލައިގެންފައި ވަނީ ޑައިރެކްޓަރެއްގެ ގޮތުގަ އެވެ.
އީސަ ޑައިރެކްޓްކޮށްފައިވާ ފިލްމުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމަކަށް ޔަގީނުން ވެސް ވާނީ ކަލްޓެއްގެ ދަރަޖަ ލިބިފައިވާ ލޯބީގެ ބިރުވެރި ފިލްމް "ފަތިސްހަނދުވަރު" އެވެ.
ބިންމާ އިބްރާހީމް ވަހީދު، އެ ހަމަ އެ ނަމުގައި ލިޔުނު ވާހަކަ އަށް 1997 ގައި ގެނެސް ދިން މި ފިލްމަކީ އީސަގެ ކުޅަދާނަކަން ޑައިރެކްޓަރެއްގެ ގޮތުގައި ދައްކާލި ވަރުގަދަ ފިލްމެކެވެ. އެއީ އެ ފިލްމެއްގެ މަތިން ދިވެހިން އަބަދު ވެސް ހަނދާން ހުންނަ ވަރުގެ ފިލްމެކެވެ.
އީސަ ޑައިރެކްޓް ކުރި ބައެއް އެހެން ފިލްމުތަކުގެ ތެރޭގައި "ލަވް 90"، "ހިތް އެދެނީ"، "ގިނިހިލަ" އަދި "2000 ވަނަ އުފަން ދުވަސް" ފާހަގަކޮށްލެވެ އެވެ. އީސައަކީ އަދިވެސް އެ ޑައިރެކްޓަރަކަށް ބެލުންތެރިން އިންތިޒާރު ކުރާ ޑައިރެކްޓަރެކެވެ.
މުހައްމަދު ނިޔާޒް (ޓެޑްރީ) އަކީ އެ ޑައިރެކްޓަރެއްގެ ދެވަނަ ފީޗާ ފިލްމަކަށް އެތައް ބަޔަކު އިންތިޒާރު ކުރަމުން އަންނަ ޑައިރެކްޓަރެކެވެ.
ޓެޑްރީ 1994 ގައި ގެނެސް ދިން "ދެރިޔާ" އިން، ބެލުންތެރިންގެ ހިތްތައް ފަތަހަ ކުރި ގޮތަށް އަދިވެސް ޓެޑްރީ ހުނަރު ދައްކާނެ ކަމުގެ އުންމީދުގައޮ ތިބި މީހުން ގިނަ އެވެ.
އޭނާ ފަހުން ޕްރޮޑިއުސްކޮށް، މަހުދީ އަހުމަދު ޑައިރެކްޓް ކުރި "އަމާނާތް" އަކީ ޓެޑްރީގެ ޓަޗް ވަރަށް ބޮޑަށް ފެނިގެން ދިޔަ ފިލްމެކެވެ.
ޑައިރެކްޝަނާ ދުރުގައި ހުންނަތާ 22 އަހަރު ފަހުން، ޓެޑްރީ ދެން ގެނެސް ދިނީ މިދިޔަ އަހަރު ގެނެސް ދިން އޭސީސީގެ ޑްރާމާ "ބިތުފަންގި 2" އެވެ. ބެލުންތެރިން އެދެނީ އޭނާގެ އިތުރު ފީޗާ ފިލްމަކަށެވެ.
ޔޫސުފް ރަފީއު ބޮޑަށް މަޝްހޫރީ ކޮމީޑިއަންއެއްގެ ގޮތުގަ އެވެ. އެކަމަކު އޭނާއަކީ ކުޅަދާނަ ޑައިރެކްޓަރެއްކަން ފިލްމް "ހައްގު" އިން ވަނީ ސާބިތުކޮށް ދީފަ އެވެ. ބިންމާގެ ވާހަކައަކަށް ހެދި އެ ފިލްމަކީ އާންމުންގެ ތެރޭގައި ވަރަށް މަގުބޫލުވި ފިލްމެކެވެ. ހާއްސަކޮށް "ހައްގު" ގައި މަރިޔަމް ނިޝާ އާއި ރީކޯ މޫސާ މަނިކު ފެނިގެންދާ ލަވަ "މޫނޭ ތިއީ ހިތް އެދޭ" އަކީ އަބަދަށް ފެހި ލަވައެކެވެ.
ޔޫސޭ ޑައިރެކްޓްކޮށްފައިވާ އެހެން ބައެއް ފިލްމުތަކުގެ ތެރޭގައި "އޮޅުނުވި ހިތް" އަދި "މަސްތު" ފާހަގަކޮށްލެވެ އެވެ. މާ ގިނަ ފީޗާ ފިލްމުތަކެއް ޔޫސޭ ހަދައިފައި ނެތަސް "ހައްގު" ކަހަލަ ފިލްމްތަކުގައި އޭނާ ދައްކުވައި ދިން ކުޅަދާނަކަން، ފަހުން ޑައިރެކްޓަރެއްގެ ގޮތުގައި ދެއްކިފައެއް ނެތެވެ.
މުހައްމަދު ޝަރީފް (ބާރު) އަކީ ވަރަށް ކާމިޔާބު ޑްރާމާތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސް ދީފައިވާ ޑައިރެކްޓަރެކެވެ. މީގެ އިތުރުން އޭނާ ހަދާފައިވާ ހިތްގައިމު ވީޑިއޯ ލަވަތަކެއް ވެސް އެބަ ހުއްޓެވެ.
ބާރު ޝަރީފްގެ މަސައްކަތްތަކަށް ބަލާ އިރު، އޭނާ ޑައިރެކްޓް ކުރި "އަހަރެން" އަކީ ވަރަށް ފާހަގަކޮށްލެވޭ ފިލްމެކެވެ. އެ ފިލްމަށް ފަހު، މިހާތަނަށް އޭނާގެ އެއްވެސް ޑައިރެކްޝަނެއް ފެނިފައެއް ނުވެ އެވެ.
މިއީ ދިވެހިން މިހާރު އެންމެ ލޯބިވާ ޑައިރެކްޓަރުންގެ ތެރެއިން އެކެކެވެ. އެހެން ނަމަވެސް ފައްތާހުގެ ފިލްމެއް ބެލުންތެރިންނާ ހަމައަށް ނާންނަތާ މިހާރު ދެ އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. އެހެންވެ އޭނާގެ ފިލްމަކަށް ކުރެވޭ އިންތިޒާރު ވަރަށް ބޮޑެވެ.
"ހިމޭން ދުނިޔެ" އިން ފީޗާ ފިލްމް ހަދަން ފެށި ފައްތާހުގެ ފިލްމުތަކުގެ ތެރޭގައި "އޭނާ"، "ޖިންނި"، "އާނ! އަހަރެން ވެސް ލޯބިވިން" އަދި "ވެހޭ ވާރޭތެރެއިން" ހިމެނެ އެވެ.
"ތިއޭ މިހިތުގެ ވިންދަކީ" އާއި "ދޯޕައްޓާ" އަދި "ހިނިތުން ވެލާށޭ ކަލާ" ފަދަ ޑްރާމާތައް ވެސް ބެލުންތެރިންނާ ހަމައަށް ގެނެސް ދިން ފައްތާހު އެންމެ ފަހުން ޑައިރެކްޓް ކުރި ފިލްމަކީ 2014 ގައި ރިލީޒް ކުރި "އާދޭސް" އެވެ. އޭގެ ކުރިން އޭނާ ގެނެސް ދިނީ "ލަވް ސްޓޯރީ" އެވެ.
މިދިޔަ އަހަރުގެ ތެރޭގައި "1962 ތެނަދޫ" ގައި ނަމުގައި ހިސްޓޮރިކަލް ޑްރާމާއެއް ގެނެސް ދޭން ވެސް އޭނާ މަސައްކަތް ކުރި އެވެ. އެކަމަކު އެކަން ކާމިޔާބުވާ ގޮތެއް ނުވި އެވެ. ފައްތާހު ދާދި ފަހުން ބުނި ގޮތުގައި އޭނާ މިހާރު އަންނަނީ ފިލްމަކަށް އަނެއްކާ ވެސް ތައްޔާރުވަމުންނެވެ. އެކަމަކު އެއީ އަދި ސަޕްރައިޒެއް ކަމަށް ބުންޏެވެ.
މިއީ ފިލްމެއް ޑައިރެކްޓްކޮށްފި ނަމަ، އެވޯޑް ސެޓެއް ގެންދާނެކަން ކަށަވަރުވާ ޑައިރެކްޓަރެކެވެ. ފިލްމް "ހޭލާ" އިން ފިލްމީ ދާއިރާ އަށް ހޭލި މޫމިންގެ މާ ގިނަ ފިލްމްތަކެއް ބެލުންތެރިންނާ ހަމައަށް އައިސްފައެއް ނެތެވެ.
އެކަމަކު އޭނާގެ ކޮންމެ ފިލްމަކީ ކްރިޓިކުންގެ ތައުރީފު އޮހޭ، ގިނަ އެވޯޑްތަކެއް ގެންގޮސްފައިވާ ފިލްމުތަކެވެ. ދާދި ފަހުން ބޭއްވި ހަތް ވަނަ ގައުމީ ފިލްމް އެވޯޑްސްގައި، މޫމިން 2011 ގައި ގެނެސް ދިން ފިލްމް "ލޫދިފާ" ވަނީ ނުވަ އެވޯޑެއް ހޯދައިފަ އެވެ. ހަމަ އެގޮތަށް އޭނާގެ "ހެޕީ ބާތުޑޭ" އަކީ ވެސް އެހާމެ ކާމިޔާބު ފިލްމެކެވެ.
ދާދި ފަހުން މޫމިން ދިން އިންޓަވިއުއެއްގައި އޭނާ ބުނީ މި އަހަރުގެ ތެރޭގައި އޭނާގެ ފިލްމެއް ސްކްރީނެއް އައުން ގާތް ކަމަށެވެ. އެއީ ގައިމު ވެސް މޫމިންގެ ފޭނުން އުފާ ކުރާނެ ކަމެކެވެ.