ރައީސްގެ އާ އަހަރުގެ ހިތާބުގައި ދެއްވީ ސުލްހަމަސަލަސްކަމާއި އެއްބައިވަންތަކަމުގެ މެސެޖެއް!
ރައީސްގެ އާ އަހަރުގެ ހިތާބުގައި ދެއްވީ ސުލްހަމަސަލަސްކަމާއި އެއްބައިވަންތަކަމުގެ މެސެޖެއް!

މި ފެށުނު އާ އަހަރު ރައްޔިތުން އަޒުމު ކަނޑައަޅަންވީ އެއްބައިވުމާއި ދެބަސްވުމާއި ދެކޮޅުވެރިކަމަށް ނޫނެކޭ ބުނެ ހިޔާލު ތަފާތުވުންތަކާ އެކުގައިވެސް، ސުލްހައިގެ މަގު އިހްތިޔާރު ކުރަން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މީލާދީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި ދެއްވި ތަހުނިޔާގެ ހިތާބުގައި ރައީސް ވިދާޅުވީ، ނިމިގެން ދިޔަ އަހަރުގެ ތެރޭގައި ރާއްޖެއަށް ލިބުނު އެންމެ މަތިވެރި އަރުތައަކީ، ދިވެހި މުޖްތަމައުގައި ސުލްހަވެރިކަމާއި ހަމަޖެހުން ގާއިމުވެފައި އޮތުން ކަމަށެވެ. އަދި ވިދާޅުވީ، ގައުމީ ތަރައްގީގެ ދުވެލި ކުރިއަށް ގެންދެވޭނީ ފަރުދުންގެ މެދުގައި ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ގާއިމުވެފައި އޮވެގެން ކަމަށެވެ.

"ގައުމީ ތަރައްގީގެ ދުވެލި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންގޮސްދޭ މައިގަނޑު ބަހާއަކީ، ތަރައްގީގެ މަސައްކަތްތަކަށް ފަހި މާހައުލެއް މުޖްތަމައުގައި ގާއިމުވެފައި އޮތުމެވެ. އެފަދަ މާހައުލެއް ގާއިމުވަނީ، މުޖްތަމައުގެ އެންމެހައި ފަރުދުންގެ މެދުގައި ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ގާއިމުވެފައި އޮވެގެންނެވެ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި ފެށުނު އާ އަހަރު ކޮންމެ މީހަކު އަޒުމު ކަނޑައަޅަންވީ، ކޮންމެ ކަމެއްގައި ވެސް، ސުލްހަމަސަލަސްކަމާއި ހަމަޖެހުމާއި އެއްބައިވަންތަކަން އިސްކުރުމަށް ކަމަށެވެ. ބައިބައިވުމާއި ދެބަސްވުމާއި ދެކޮޅުވެރިކަމަށް ނޫނެކޭ ބުނެ ހިޔާލު ތަފާތުވުންތަކާ އެކުގައިވެސް، ސުލްހައިގެ މަގު އިހްތިޔާރު ކުރަން ގޮވާލި އެވެ.

މިއަދު ދިވެހީން ތިބީ ޑިމޮކްރެސީގެ ވެސް ހެޔޮ ނުބައި ވަކިވާ މިންވަރަށް ސިޔާސީ ގޮތުން ތަސައްރަފު ފުދިފައި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެހެންކަމުން، ގައުމުގެ އެންމެ މަތީ މަސްލަހަތު ރައްކާތެރިކުރެވޭނެ ގޮތަށް ސިޔާސީ ހަރަކާތްތައް ހިންގުމަކީ، ކުރިމަގުގެ ޖީލުތަކަށް ދައްކަން އޮތް އެންމެ ރީތި ނަމޫނާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ގައުމުގެ ސިޔާސީ އަދި އިޖްތިމާއީ މިސްރާބު ކަސިޔާރުވިޔަ ނުދިނުމަށްޓަކައި ވެސް، އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ އެންމެ މަތީ ޒިންމާއަކީ، ގައުމުގެ ހަމަޖެހުމާއި ސުލްހަމަސަލަސްކަމަށް ބުރޫ ނާރާނެ ފަދަ ގޮތަކަށް، ޑިމޮކްރެސީގެ ހަރަކާތްތައް ކުރިއަށް ގެންދިއުމެވެ،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، އިންސާނީ ހައްގުއް ކުރިއަރުވައި، އިޖްތިމާއީ އަދާލަތު ގާއިމުކޮށް، އަދުލު އިންސާފު ގާއިމުކުރުމަށް، މިދިޔަ އަހަރުގެ ތެރޭގައި ވެސް ވަރަށް މުހިންމު މަސައްކަތްތަކެއް ކުރެވި، ރަނގަޅު ނަތީޖާއެއް ހާސިލުކުރެވުނު ކަމަށެވެ. ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާ އެކު އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ވެސް، އެކަށީގެންވާ މުހިންމު މަސައްކަތްތަކެއް ކުރެވުނު ކަމަށާއި ރައްޔިތުންނަށް އެކަމުގެ މަންފާ ލިބެމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ކޮވިޑް-19 ގެ ދަތިތަކުން އަރައިގަނެ ގައުމުގެ އިގްތިސާދީ ދުވެލި ހަލުވިކުރުމަށް މިދިޔަ އަހަރުގެ ތެރޭގައި ކުރި މުހިންމު މަސައްކަތްތަކަށް ފަހު، މިހާރު ކަމަރު ބަންނަންވީ، ކޮވިޑްގެ ކުރިން އޮތް އިގްތިސާދީ ހާލަތަށް ވުރެ ވެސް ރަނގަޅު ހާލަތަކަށް ރާއްޖޭގެ އިގްތިސާދު ގެންދިއުމަށް ކަމަށެވެ. އެގޮތުން ޓޫރިޒަމްއާއި މަސްވެރިކަމުން ނަފާ ހޯދޭނެ ގޮތްތަކާ ބެހޭގޮތުން ވިސްނުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ގައުމީ ތަރައްގީގައި ޒުވާނުންގެ ދައުރު ފުޅާކޮށް، މިންތީ ހަމަހަމަކަމަށް ޖާގަ ދިނުމަކީވެސް، އިގްތިސާދު ހަރުދަނާ ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ކަންކަން ކަމަށެވެ.

މީލާދީ އާ އަހަރު ފެށިފައިވާއިރު، މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ދެވަނަ ދައުރެއް ހޯއްދަވަން ވާދަ ކުރެއްވުމުގެ ޝައުގުވެރިކަން އެމަނިކުފާނު ވަނީ ފާޅުކުރައްވައިފަ އެވެ. އަދި މިހާރު ކުރިއަށްގެންދަނީ އެމްޑީޕީގެ ޓިކެޓު ހޯދުމަށް ޕްރައިމަރީއަށް ކެމްޕެއިން ކުރުމުގެ މަސައްކަތެވެ.