ނަސްލީ ދިމާކުރުންތަކާ ދެކޮޅަށް ލީގުން މަސައްކަތެއް ނުކުރޭ: ވީނިޝިއަސް
ނަސްލީ ދިމާކުރުންތަކާ ދެކޮޅަށް ލީގުން މަސައްކަތެއް ނުކުރޭ: ވީނިޝިއަސް

މެޑްރިޑް (ޖެނުއަރީ 1) - ސްޕެނިޝް ލީގުގައި ކުޅުންތެރިންނަށް ކުރިމަތިވާ ނަސްލީ ދިމާކުރުންތަކާ ގުޅޭގޮތުން އެ ލީގުން ފިޔަވަޅު ނާޅާ ކަމަށް ރެއާލް މެޑްރިޑުގެ ބްރެޒިލް ފޯވާޑް ވިނީޝިއަސް ޖޫނިއާ ބުނެފި އެވެ.

ރެއާލުން ހުކުރު ދުވަހުގެރޭ ރެއާލް ވަލަޑޮލިޑް ބަލިކުރި މެޗުގައި ސަޕޯޓަރުންގެ ފަރާތުން ވިނީޝިއަސް އަށް ވަނީ ނަސްލީ ދިމާކުރުންތަކާ ކުރިމަތިލާން ޖެހުނެވެ. މިދިޔަ ސެޕްޓެމްބަރު މަހު އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް އޭނާ އަށް އެކަން ދިމާވި އެވެ. އެތުލެޓިކޯ އިން ވަނީ މެޗަށް ފަހު ސަޕޯޓަރުންގެ އެ އަމަލު ކުށްވެރިކޮށްފަ އެވެ.

"ނަސްލީގޮތުން ދިމާކުރާ މީހުން ހަމަޖެހިލައިގެން. ދުނިޔޭގެ އެންމެ މޮޅެތި ކްލަބުތައް ކުޅޭ މެޗުތައް ބަލަން ދަނޑަށް ވަދޭ، އެކަމަކު ލީގުން އެކަމަށް އެއްވެސް ފިޔަވަޅެއް ނާޅާ،" ވިނީޝިއަސް ބުންޏެވެ.

"މި ހުރިހާ ކަމަކާ އެކު ވެސް އަހަރެން އިސް އުފުލައިގެން އަހަރެންނާއި ރެއާލްގެ ކާމިޔާބީތައް ފާހަގަ ކުރާނަން. އެކަމަކު އާހިރުގައި ގޯސްވަނީ އަހަރެން."

ލީގުގެ ތަރުޖަމާނަކު ބުނީ ނަފްރަތާއި ނަސްލީ ދިމާކުރުންތަކަށް އެ ލީގުގައި އެއްވެސް ޖާގައެއް ނޯންނާނެ ކަމަށެވެ. އަދި ރެއާލާއި ވަލަޑޮލިޑް ކުޅުނު މެޗުގައި ހިނގާދިޔަ ކަންތައްތައް ވެސް ތަހުގީގު ކުރަމުން ގެންދާ ކަމަށް އޭނާ ބުންޏެވެ.

"އަހަރެމެން މިދަނީ ރޭގެ މެޗުގެ ކަންކަން ތަހުގީގު ކުރަމުން. އަބަދުވެސް އަހަރެމެން ކަންކުރާ އުސޫލުން ކްލަބުތަކާއި ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން އެކަމުގައި ޝާމިލުވާ މީހުން ދެނެގަނެ، ފިޔަވަޅު އަޅާނަން،" އޭނާ ބުންޏެވެ.

"ލީގުން ވަނީ ސޯޝަލް މީޑީއާގައި އަޕްލޯޑް ކޮށްފައިވާ ވީޑިއޯތަކުން ކުޅުންތެރިންނާ ދިމާކުރާ މީހަކު ހޯދާފައި. އެއީ ގްރޫޕަކުން ކުރި ކަމެއް ނޫން. ކުރީގެ މައްސަލަތަކޭ އެއްގޮތަށް އޭނާއާ މެދު ވެސް ފިޔަވަޅު އަޅާނަން."

ސްޕެނިޝް ލީގުން ވަނީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ވިނީޝިއަސް އަށް ކުރިމަތިވި ނަސްލީ ދިމާކުރުމުގެ މައްސަލައެއް ސްޕެއިންގެ ޕީޖީ އޮފީހާ ހަމައަށް ގެންގޮސްފަ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު އެތުލެޓިކޯއާ ދެކޮޅަށް ކުޅުނު މެޗުގެ މައްސަލަ ވެސް ޕީޖީ އޮފީހާ ހަމައަށް ގެންދިޔަ ނަމަވެސް، އެކަމުގައި ބައިވެރިވި މީހުން ފާހަގަ ނުކުރެވިގެން އެ މައްސަލަ ވަނީ ފައިލްކޮށްފަ އެވެ.