އެއްވަރުވިޔަސް ބާސެލޯނާ އެއް ވަނައިގައި، ހުރިހާ ސަމާލުކަމެއް ރެފްރީ އަށް
އެއްވަރުވިޔަސް ބާސެލޯނާ އެއް ވަނައިގައި، ހުރިހާ ސަމާލުކަމެއް ރެފްރީ އަށް

ބާސެލޯނާ (ޖެނުއަރީ 1) - ސްޕެނިޝް ލީގުގައި ރޭ އެސްޕަންޔޯލް އާއި ބާސެލޯނާ 1-1 އިން އެއްވަރުވި ނަމަވެސް، އެއް ވަނައިގައި އޮވެ ބާސެލޯނާ އިން އަހަރު ނިންމާލައިފި އެވެ.

އެއްވަރުވިޔަސް ބާސެލޯނާ އެއް ވަނައިގައި، ހުރިހާ ސަމާލުކަމެއް ރެފްރީ އަށް
އެއްވަރުވިޔަސް ބާސެލޯނާ އެއް ވަނައިގައި، ހުރިހާ ސަމާލުކަމެއް ރެފްރީ އަށް

މި މެޗުގައި ރެފްރީކަން ކުރީ، ނިމިދިޔަ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލް ގައި އާޖެންޓީނާ އާއި ނެދަލެންޑްސް ކުޅުނު މެޗުގައި 17 ރީނދޫ ކާޑާއި ރަތް ކާޑެއް ދައްކައިގެން ސަމާލުކަން ހޯދި 45 އަހަރުގެ އެންޓޯނިއޯ މަޓެއޫ އެވެ.

އޭނާ ވަނީ ރޭގެ މެޗުގައި 15 ރީނދޫކާޑާއި ދެ ރަތްކާޑު ދައްކައިފަ އެވެ. އޭގެ ތެރޭގައި ރެފްރީގެ ނިންމުންތަކާމެދު ހިތްހަމަނުޖެހުން ފާޅުކުރި ބާސެލޯނާގެ ކޯޗު ޒަވީ އަށް ގެއްކި ރީނދޫ ކާޑު ވެސް ހިމެނެ އެވެ.

ބާސެލޯނާ އިން ވަނީ މެޗުގެ ހަތް ވަނަ މިނިޓުގައި މާކޮސް އޮލޮންސޯގެ ގޯލަކުން ލީޑު ހޯދައިފަ އެވެ. މިއާ އެކު ހޫނުވި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ރެފްރީ ވަނީ ހަތަރު ރީނދޫ ކާޑު ދައްކައިފަ އެވެ.

ރެފްރީ މަޓެއޫ އަށް ކޮންޓްރޯލް ގެއްލުނު މި މެޗުގެ ފަހު ހާފުގައި އޭނާ ވަނީ ހަ މިނިޓު ތެރޭ ފަސް ރީނދޫ ކާޑާއި ދެ ރަތް ކާޑު ދައްކައިފަ އެވެ.

މެޗު އިތުރަށް ހޫނު ވެގެން ދިޔައީ 72 ވަނަ މިނިޓުގައި އެސްޕަންޔޯލްގެ ފޯވާޑް ޔޮސޭލޫ އަމިއްލައަށް އޭރިއާ ތެރެއަށް ވެއްޓިގަތުމުން ރެފްރީ އެޓީމަށް ދިން ޕެނަލްޓީއާ ގުޅިގެންނެވެ. ޔޮސޭލޫ ވަނީ އެ ޕެނަލްޓީ ކާމިޔާބުކޮށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.

ޕެނަލްޓީ އަށް ފަހު އެސްޕަނިޔޯލަށް ދިން ހިލޭ ޖެހުމަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމުން ބާސެލޯނާގެ ޑިފެންޑަރު ޖޯޑީ އަލްބާ އަށް ވަނީ ދެ ވަނަ ރީނދޫކާޑަކާ އެކު ރަތްކާޑެއް ދައްކައިފަ އެވެ. އަދި އެއަށް ފަހު ރޮބާޓް ލެވަންޑޯސްކީ އަށް ފައުލް ކޮށްގެން އެސްޕަންޔޯލްގެ މިޑްފީލްޑަރު ވިނީޝިއަސް ސޫޒާ އަށް ވެސް ދެ ވަނަ ރީނދޫކާޑަކާ އެކު ރަތްކާޑެއް ވަނީ ދައްކައިފަ އެވެ.

އެސްޕަންޔޯލްގެ ލިއަންޑްރޯ ކަބްރޭރާ އަށް ވެސް ރެފްރީ ރަތް ކާޑެއް ދެއްކި ނަމަވެސް އޭނާ ސަލާމަތްވީ ވީއޭއާރުން އެ ނިންމުން ބަދަލު ކުރުމުންނެވެ.

މެޗު ނިމެނިކޮށް ލެވަންޑޯސްކީ އަށް ބާސެލޯނާ އަށް ލީޑު ހޯދައިދޭން ހުސް ފުރުސަތެއް ލިބުނެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ދިފާއު ކުރީ އެސްޕަންޔޯލްގެ ގޯލްކީޕަރު އަލްވަރޯ ފެނާންޑޭޒް އެވެ.

މިއީ ލީގުގައި ބާސެލޯނާ އެއްވަރުވި ދެ ވަނަ މެޗެވެ. އެ ޓީމު ވަނީ އެއް މެޗުން ބަލިވެފަ އެވެ. ރޭގެ ނަތީޖާއާ އެކު ބާސެލޯނާ ވަނީ 15 މެޗުން 38 ޕޮއިންޓް ހޯދައިފަ އެވެ. ދެ ވަނައިގައި އޮތް ރެއާލް ވެސް ވަނީ 15 މެޗުން 38 ޕޮއިންޓް ހޯދައިފަ އެވެ. ނަމަވެސް ބާސެލޯނާ އެއް ވަނައިގައި އޮތީ ފައިދާ ގޯލުގެ ތަފާތުންނެވެ.

ރެއާލް ސޮސިއެޑާޑް ވަނީ ރޭ 2-0 އިން އޮސަސޫނާ ބަލިކޮށް 29 ޕޮއިންޓް ހޯދައިގެން އަލުން ތާވަލުގެ ތިން ވަނައަށް ޖެހިލައިފަ އެވެ. އަދި މިއާ އެކު 37 ޕޮއިންޓް ހޯދާފައިވާ އެތުލެޓިކޯ މެޑްރިޑް ވަނީ ތާވަލްގެ ހަތަރު ވަނައަށް ވެއްޓިފަ އެވެ.