ވިހާ ދަރިންގެ ޖިންސާ މައިމީހާގެ ލޭގެ ޕްރެޝަރާ ގުޅުމެއްވޭ: ސައިންސްވެރިން
ވިހާ ދަރިންގެ ޖިންސާ މައިމީހާގެ ލޭގެ ޕްރެޝަރާ ގުޅުމެއްވޭ: ސައިންސްވެރިން

ފޮނިއެއްޗެހި ކާހިތްވުމާއި ހެނދުނު ގަޑީގައި މޭ ނުބައިކޮށް ހޮޑުލެވުން އަދި ކަރައެއްގެ ބައްޓަމަށް ބަނޑު ހުރުމަކީ ބަނޑުގައި އޮތީ އަންހެން ކުއްޖެއްކަން އަންގައިދޭ ނިޝާނެއް ކަމަށް ބައެއް މީހުން ބުނެ އެވެ.

ވިހާ ދަރިންގެ ޖިންސާ މައިމީހާގެ ލޭގެ ޕްރެޝަރާ ގުޅުމެއްވޭ: ސައިންސްވެރިން
ވިހާ ދަރިންގެ ޖިންސާ މައިމީހާގެ ލޭގެ ޕްރެޝަރާ ގުޅުމެއްވޭ: ސައިންސްވެރިން

ނަމަވެސް ސައިންސްވެރިން ވަރަށް ފަހުން ކޮށްފައިވާ ދިރާސާއަކުން އާދަޔާޚިލާފު ކަމެއް ފާހަގަ ކުރެވިއްޖެ އެވެ. މި ދިރާސާ ބުނާ ގޮތުގައި މައިމީހާގެ ބަނޑުގައި ކުއްޖާ ގަރުބަ ގަތުމުގެ ކުރިން ވެސް ލިބޭނީ ކޮން ޖިންސެއްގެ ކުއްޖެއްކަން ލަފާކުރެވިދާނެ އެވެ.

ވިހާ ދަރިންގެ ޖިންސާ މައިމީހާގެ ލޭގެ ޕްރެޝަރާ ގުޅުމެއްވޭ: ސައިންސްވެރިން
ވިހާ ދަރިންގެ ޖިންސާ މައިމީހާގެ ލޭގެ ޕްރެޝަރާ ގުޅުމެއްވޭ: ސައިންސްވެރިން

ކެނެޑާގެ ސައިންސްވެރިންގެ މި ހޯދުމުން ދައްކާ ގޮތުން ކުއްޖާ ގަރުބަގަތުމުގެ 26 ހަފުތާ ކުރިން މައިމީހާގެ ލޭގެ ޕްރެޝަރު ހުރި މިންވަރަށް ބަލައިގެން، ލިބޭނީ ކޮން ޖިންސެއްގެ ކުއްޖެއްތޯ ލަފާކުރެވޭނެ އެވެ.

މައިމީހާގެ ސިސްޓޯލިކް ޕްރެޝަރު މަތި ނަމަލިބޭނީ ފިރިހެން ކުއްޖެއްކަމުގެ ސިގްނަލެއް ކަމަށް ދިރާސާގައި ބުނެފައިވެ އެވެ. ދަށް ނަމަ އަންހެން ކުއްޖެކެވެ.

ޓޮރޮންޓޯގެ މައުންޓް ސިނާއީ ހޮސްޕިޓަލުގެ އެންޑޮކްރިނޮލޮޖިސްޓް ޑރ. ރަވީ ރަތުނަކަރަން ވިދާޅުވި ގޮތުގައި ބަލިވެ އިނުމުގެ ކުރިން އަންހެންމީހާގެ ލޭގެ ޕްރެޝަރު ހުރި މިންވަރާއި ބަލިވެ އިނދެ ވިހާނެ ކުއްޖާގެ ޖިންސާ ގުޅުމެއް ވާކަން އެއީ މީގެ ކުރިން ފާހަގަކުރެވިފައިވާ ކަމެއް ނޫނެވެ.

ސައިންސްވެރިންގެ ޓީމަށް މިކަން ހޯދުނީ އާބާދީއެއްގައި އަންހެންކުދިންނާއި ފިރިހެންކުދިންގެ ރޭޝިއޯ ކަނޑައެޅެނީ ކިހިނެއްކަން ހޯދުމަށް ކުރި ދިރާސާތަކުންނެވެ.

ވަރަށް ގިނަ ދިރާސާތަކުން ދައްކާފައިވާ ގޮތުގައި ގިނައިން ސްޓްރެސްވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ، ހަނގުރާމަ އާއި ގުދުރަތީ ކާރިސާތައް އަދި އިގްތިސާދީގޮތުން އަންނަ ލޮޅުންތަކުން އެ ގައުމެއްގެ އަންހެނުން ވިހާ ފިރިހެންކުދިންނާއި އަންހެންކުދިންގެ ޕްރޮޕޯޝަނަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ.

އާ ދިރާސާއިން ދެއްކީ ބަލިވެ އިންނަން ކައިރިވެފައިވާ ދުވަސްވަރު އަންހެންމީހާގެ ސިސްޓޮލިކް ބްލަޑް ޕްރެޝަރު 106 އެމްއެމް އެޗްޖީގައި ހުންނަ މީހުންނަށް ލިބިފައިވަނީ ފިރިހެންކުދިން ކަމާއި ސިސްޓޮލިކް ލޭގެ ޕްރެޝަރު 103 އެމްއެމްއެޗްޖީ ހުރި މީހުންނަށް ލިބިފައިވަނީ އަންހެން ކުދިން ކަމެވެ.

"އަންހެނަކު ބަލިވެ އިންނައިރު ބަނޑުގައި ގަރުބަގަންނަ ކުއްޖާއަކީ ކޮން ޖިންސެއްގެ ކުއްޖެއްކަން ކަނޑައަޅަނީ ބައްޕަގެ ދަރިފަނިން ފޯރުކޮށްދެނީ އެކްސް ނުވަތަ ވައި ކްރޮމޮޒޯމް އަށް ބިނާކޮށް. އަދި އިންސާނުންނަށް މިނޫން ގޮތަކަށް މިކަންތައް ދިމާވާކަން އެނގޭނެ އެއްވެސް ހެއްކެއް ނެތް،" ޑރ. ރެތުނަކަރަން ވިދާޅުވި އެވެ.

"ހަމައެކަނި ދިމާވާ ކަމަކީ ބަލިވެ އިނުމަށްފަހު އަންހެން ނުވަތަ ފިރިހެން ދަރިފަނި މަރުވާތީ ދިމާވާ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ޑޮކްޓަރު ވިދާޅުވި ގޮތުގައި ލޭގެ ޕްރެޝަރު ދަށްވެފައިވާ މަންމައެއްގެ ހަށިގަނޑުގެ ބައިތައް މަސައްކަތްކުރާ ގޮތުން ފިރިހެން ދަރިފަންޏެއް ސަލާމަތްވާން އުނދަގޫވުމާއި ބަލިވެ އިނުމުގެ ކުރިން ލޭގެ ޕްރެޝަރު މަތި ނަމަ އަންހެން ދަރިފަންޏަށް ސަލާމަތްވާން އުނދަގޫވުމެވެ.

މި ދިރާސާ ކުރުމަށް ޗައިނާގެ އަންހެނުންގެ ތެރެއިން ކައިވެނިކޮށްގެން އުޅޭ 1،411 މީހުން ހޯދި އެވެ. މި އެންމެންނަކީ ވެސް ބަލިވެ އިންނަން މަސައްކަތް ކުރަމުން ދިޔަ މީހުންނެވެ. މި މީހުންގެ ލޭގެ ޕްރެޝަރު ފުރަތަމަ ޗެކް ކުރީ ބަލިވެ އިނުމުގެ 26 ހަފުތާ ކުރިންނެވެ. އަދި އޭގެ ފަހުން ބަލިވެ އިނދެ ވިހަންދެން ޕްރެޝަރު ޗެކް ކުރަމުން ގެންދިޔަ އެވެ. މި މީހުންނަށް ލިބިފައިވަނީ 739 ފިރިހެން ކުދިންނާއި 672 އަންހެން ކުދިންނެވެ.

މި މީހުންގެ އުމުރު ބެލުމަށްފަހު، ތައުލީމީ ފެންވަރާއި ދުންފަތުގެ އިސްތިއުމާލު ކުރޭތޯ އާއި ބޮޑީ މާސް އިންޑެކްސް (ބީއެމްއައި) އާއި އުނަގަނޑުގެ ސައިޒު، ކޮލެސްޓްރޯލް، ޓްރައިގްލިސަރައިޑްސް އާއި ގުލްކޯޒް އަދި ސިސްޓޮލިކް ބްލަޑް ޕްރެޝަރު ހުރި ވަރު ބެލި އެވެ. ޕްރެޝަރު މަތިކޮށް ހުރި އަންހެނުން ބަލިވެ އިނދެ ވިހާފައިވަނީ ފިރިހެން ކުދިންނެވެ. ޕްރެޝަރު ދަށްކޮށް ހުރި މީހުން ވިހެއީ އަންހެން ކުދިންނެވެ.

ލިވަޕޫލް ވިމެންސް ހޮސްޕިޓަލްގެ ފާޓިލިޓީ އެކްސްޕާޓް ޕްރޮފެސާ ޗާލްސް ކިންގްސްލޭންޑް ވިދާޅުވި ގޮތުގައި އަންހެން ދަރިފަންޏަށް ވުރެ ފިރިހެން ދަރިފަނި މާ ގިނައިން ބައިގެން ދާކަން ވެސް ވަނީ އެނގިފަ އެވެ. އަންހެންކުދިން ގިނައިން އުފަންވަނީ ބަޔޮލޮޖިކަލް ސަބަބުތަކެއް ހުރެގެން ކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މިސާލަކަށް ދުނިޔޭގައި ކުދިން ގިނަކުރަން ބޭނުން ނަމަ ގިނަ އަންހެނުން ބޭނުންވާނެ އެވެ.

"ތިމާވެށީގެ ތަފާތު މައްސަލަތަކާއި ސިއްހީ މައްސަލަތައް ދިމާވެފައިވާ މީހުން ފިރިހެން ކުއްޖަކަށް ބަލިވެ އިންނަމަ ބައިގެން ދިއުން މާ ކައިރިކަމުގެ ހެކިތައް ވަނީ ލިބިފައި. އެހެންވެ އަހަންނަށް ހީވަނީ މިފަދަ ހާލަތު ދިމާވެފައިވާ މައިންގެ ލޭގެ ޕްރެޝަރަށް އަންނަ ބަދަލުތަކުން ގަރުބަގަނެފައިވާ ކުދިންގެ ޖިންސަށް ތަފާތު ބަދަލު އަންނަން މެދުވެރިވަނީ،" ޕްރޮފެސަރު ވިދާޅުވި އެވެ.

މި ހޯދުންތަކަށް ބަލައި މި ދިރާސާ ވަނީ ވަރަށް ޝައުގުވެރި އެއްޗަކަށް ވެފަ އެވެ. ނަމަވެސް މީގެ މާނައަކީ ފިރިހެންކުއްޖަކު ބޭނުންވާތީ ސްޓްރެސް އިތުރުވާ ކަހަކަ ކަންކަން ކުރުން ނޫން ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

ބައެއް ސައިންސްވެރިން މި ދިރާސާއާ އެއްބަހެއް ނުވެ އެވެ. އެ ބޭފުޅުން ވިދާޅުވަނީ މިފަދަ ކަމެއް ދުވަހަކު ވެސް ފާހަގަވެފައި ނެތް ކަމަށެވެ.

މި ދިރާސާ ޝާއިއުކޮށްފައިވަނީ އެމެރިކަން ޖާނަލް އޮފް ހައިޕަޓެންޝަން ގައެވެ.