08 ޖެނުއަރީ 2023 - 06:54

އިންސާނުންނަށް ރަނގަޅަށް ތަސައްވަރު ވެސް ނުކުރެވޭހާ ދުރުގައިވާ ތަރިތައް މިހާ ހިސާބަށް ދިއްލެން މެދުވެރިވާ ނިއުކްލިއާ ރިއެކްޝަން؛ "ނިއުކްލިއާ ފިއުޝަން" ސައިންސްވެރިންގެ ޝައުގުވެރިކަން ދަމައިގަންނަނީ ވަރަށް މުހިންމު ސަބަބުތަކާ ހެދި އެވެ. އެ ރިއެކްޝަން ދުނިޔޭގައި ނަކަލު ކުރެވިއްޖެ ނަމަ، އިމެއް ނެތި ސާފު ހަކަތަ އުފައްދައި މުޅި އިންސާނިއްޔަތު އެހެން ހަރުފަތަކަށް ގެންދެވިދާނެތީ އެވެ. އަދި ފޮސިލް ފިއުލް އާ ދުރަށް ގޮސް ދުނިޔެ ހޫނުވުން ބޮޑު ތަނުން ކުޑަކުރެވިދާނެތީ އެވެ.

އެމެރިކާގެ ނޭޝަނަލް އިގްނިޝަން ފެސިލިޓީގެ، ލޯރަންސް ލިވަމޯ ނޭޝަނަލް ލެބޯޓަރީގައި މިދިޔަ ޑިސެމްބަރު 5ގައި ސައިންސްވެރިން ނަކަލު ކުރީ އިރާއި ތަރިތަކުގައި ހިނގާ އެ ރިއެކްޝަނެވެ. އަދި އެކަމުން އިންސާނުންނަށް ބޭނުންކުރެވިދާނެ ހަކަތަ އުފެއްދޭނެކަން އެ މީހުން ސާބިތުކޮށްދީފި އެވެ.

ނަވާރަސަތޭކައިގެ އަހަރުތަކުން ފެށިގެން ދުނިޔޭގެ ބޮޑެތި ބާރުތައް ގެންދިޔައީ ނިއުކްލިއާ ފިއުޝަން ޓެކްނޮލޮޖީ ހާސިލު ކުރުމުގެ ހުވަފެން ދެކެމުންނެވެ. ބާރުގަދަ ސަރުކާރުތަކުންނާއި މަހުޖަނުން
އެތައް ބިލިއަން ޑޮލަރެއް އެކަމުގެ އިލްމީ މަސައްކަތަށް އިންވެސްޓު ކުރި އެވެ. އިރުގައި އެ ރިއެކްޝަން ހިނގާ ވަރަށް ވުރެ މާ ބޮޑަށް ވެސް ކުޑަ ދާއިރާއެއްގެ ތެރޭގައި އެކަން ހާސިލު ކުރެވުނަސް، އެކަަން ކުރަން ބޭނުންކުރި ހަކަތައަށް ވުރެ އިތުރަކަށް ހަކަތައެއް ނުއުފެއްދެ އެވެ. އެކަމަކު، އެއީ މިދިޔަ ޑިސެމްބަރާ ހަމައަށެވެ.

ކުރިން ނުކުރެވޭ ކަމަކަށް އެމެރިކާގެ ސައިންސްވެރިން ކުރީ، އެ ނިއުކްލިއާ ރިއެކްޝަން އުފައްދަން ބޭނުންކުރި ހަކަތައަށް ވުރެ ގިނައިން އެ ރިއެކްޝަނުން ހަކަތަ ނެރުމެވެ. މިއީ ކުރިއަށް އޮތް ގަރުނު އޭގެ މައްޗަށް ބިނާވެގެން ހިނގައިދާނެ ވަރުގެ ކާމިޔާބީއެކެވެ.

އިރުގެ ތެރޭގައި އާދައާ ހިލާފު ހޫނުމިންތަކުގައި ހައިޑްރޮޖެންގެ ބާވަތްތައް ނުވަތަ އައިސޮޓޯޕްތަކުގެ އެއް އެޓަމް އަނެއް އެޓަމްއާ އެއްވެ، ހިނގާ ރިއެކްޝަންގައި އެ ހައިޑްރޮޖަން އެޓަމްތަކުން ހީލިއަމް އެޓަމްތައް އުފެދި، އެއާއެކު ގިނަ އަދަދެއްގެ ހަކަތަ ބޭރުކުރެ އެވެ. ހައިޑްރަޖަންގެ އެ ބިޔަ ބޯޅަ އެތައް ބިލިއަން އަހަރެއް ވަންދެން އަނދަމުން އެދަނީ އޭގެ، "ކޯ" ނުވަތަ އެންމެ އެތެރޭގައި ހިނގަމުންދާ އެ ނިއުކްލިއާ ފިއުޝަން ރިއެކްޝަނުންނެވެ. ދުނިޔެ އާއި މުޅި ސޯލާ ސިސްޓަމް ދިއްލިފައި މި އޮންނަނީ އޭގެ ހަކަތައިންނެވެ.

އެކަން ދުނިޔޭގައި ވެސް ހާސިލުކުރެވިދާނެކަން އެންމެ ފުރަތަމަ ސާބިތުކޮށްދިނީ ނިއުކްލިއާ ފިޒިކްގެ ބައްޕަގެ ލަގަބު ލިބިފައިވާ ނިއުޒިލެންޑުގެ ސައިންސްވެރިޔާ އާނަސްޓް ރުތަފޯޑް 1934 ހިންގި އެކްސްޕެރިމެންޓެއްގަ އެވެ. އޭނާގެ މަސައްކަތަކަށް ބިނާވެ، ސައިންސްވެރިން އަދިވެސް އަންނަނީ ނިއުކްލިއާ ފިއުޝަންއިން ދިރާސާ ކުރަމުންނެވެ.
އެހެން ގައުމުތަކުގައި ވެސް އެކި ގޮތްގޮތަށް އެކްސްޕެރިމެންޓްކޮށްގެން ހާސިލު ކުރަން އުޅުނު ނަތީޖާ އެމެރިކާގެ ސައިންސްވެރިން ހޯދީ، ބިލިއަން ޑޮލަރުގެ މެޝިނެއްގައި ކުޑަ ސިލިންޑަރެއްގެ ތެރޭގައި ގަނޑު ހައިޑްރޮޖެން ކޮޅެއް ބަހައްޓައިގެން، ދުނިޔޭގެ އެންމެ ބާރުގަދަ ލޭޒަރުން 192 ލޭޒަރު ބްލާސްޓު ދީގެން އިރާ އެއްވަރަށް އެ ހައިޑްރޮޖަން ހޫނުކޮށްގެންނެވެ.
ފަޅި ސިކުންތެއްގެ ތެރޭގައި އެ ލޭޒަރުތަކުން 2.05 މެގަޖޫލްގެ ހަކަތަ އެ ކުޑަ ހައިޑްރޮޖެންކޮޅު އަޅާފައި ހުރި ޕެލެޓަށް އަމާޒުވުމުން ހައިޑްރޮޖަން އެޓަމްތައް ހޫނުވެ، ހިނގި ނިއުކްލިއާ ފިއުޝަން ރިއެކްޝަނުގައި ހައިޑްރިޖަންއިން ހީލިއަމް އުފެދި، 3 މެގަޖޫލްގެ ހަކަތަ ބޭރުކުރި އެވެ. އެއީ އެކަން ހާސިލު ކުރަން ލޭޒަރުތަކުން ބޭނުންކުރި ހަކަތައާ އަޅާބަލާއިރު، 1.5 ގުނަ އިތުރު ހަކަތަ އެވެ.
ނިއުކްލިއާ ފިއުޝަން ހާސިލުކުރަން ބޭނުންކުރާ ހަކަތައަށް ވުރެ އިތުރަށް ހަކަތަ ނެރެވުނަސް، ސައިންސްވެރިން ބުނާ ގޮތުގައި ނިއުކްލިއާ ފިއުޝަން ރިއެކްޓަރެއް ގާއިމްކޮށް، އެއިން އިންސާނުން ބޭނުންކުރާނެ ހަކަތަ އުފެއްދޭނީ އަދި އެތައް އަހަރެއް ފަހުންނެވެ. އެކަމަށް ބޭނުންވާ މުހިންމު ޓެކްނޮލޮޖީތަކެއް ނެތެވެ.
ސައިންސްވެރިންގެ ކާމިޔާބީ އިއުލާނުކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ލޯރަންސް ލިވަމޯ ލެބޯޓަރީގެ ޑިރެކްޓަރު ކިމްބަލީ ބުޑިލް ވިދާޅުވީ، ނިއުކްލިއާ ފިއުޝަން ހަކަތަ ބޭނުންކުރަން ފަށަން 50 އަކަށް އަހަރު ނަގާނެ ކަމަށް ކުރިން ބެލެވުނަސް މިހާރު ލިބިފައިވާ ކުރިއެރުމާއެކު ކުރިއަށް އޮތް ދެތިން ދަހަރުގެ ތެރޭގައި އެކަން ހާސިލުކުރެވިދާނެ ކަމަށެވެ. އަދި އެކަށީގެންވާ އިންވެސްޓްމެންޓާއި ދިރާސީ މަސައްކަތާއެކު ޕަވާޕްލާންޓެއް ގާއިމްކުރާނެ ޓެކްނޮލޮޖީ ހާސިލުކުރެވިދާނެ ކަމަށް ލަފާކުރެއްވި އެވެ.
ކެމްބްރިޖް ޔުނިވާސިޓީގެ ނިއުކްލިއާ އެންޖިނިއާއެއް ކަމަށްވާ ޓޯނީ ރޯލްސްޓޯން ލަފާ ކުރާ ގޮތުގައި މިއަށް ވުރެ ބޮޑު ކުރިއެރުމެއް ނުލިބޭހާ ހިނދަކު އާންމު ބޭނުމަށް ނިއުކްލިއާ ފިއުޝަންއިން ހަކަތަ އުފެއްދުން ފެނިގެންދާނީ ގާތްގަނޑަކަށް 2060 ހިސާބުގަ އެވެ.
ނިއުކްލިއާ ޕަވާޕްލާންޓުތަކުގައި މިހާރު ބޭނުންކުރަނީ، އެޓަމްތައް ވީރާކޮށްގެން ހަކަތަ ނެރޭ ނިއުކްލިއާ ފިޝަން ރިއެކްޝަނެވެ. އެކަމަށް ބޭނުންކުރަނީ ރޭޑިއޯއެކްޓިވް އަދި އިންސާނުންނަށް ނުރައްކާތެރި ޔޫރޭނިއަމް މާއްދާ އެވެ. މި ޓެކްނޮލޮޖީ އިން ވެސް އާދައާ ހިލާފު މިންވަރަކަށް ހަކަތަ އުފެއްދޭ ނަމަވެސް، އެއީ ރައްކާތެރި ގޮތެއް ނޫނެވެ.
ނިއުކްލިއާ ފިޝަން ރިއެކްޓަރެއްގައި ބޮޑު މައްސަލައެއް ޖެހި ނުވަތަ ގުދުރަތީ ކާރިސާއެއްގައި ގެއްލުމެއް ވެއްޖެ ނަމަ އެ ސަރަހައްދެއް އެއްކޮށް ފަނާކޮށްލުމުގެ ފުރުސަތު ބޮޑެވެ. އެގޮތުން 2011 ވަނަ އަހަރު ޖަޕާނަށް ކުރިމަތިވި 9.0 މެގްނިޓިއުޑްގެ ބިންހެލުމާއި އޭގެ ފަހުން އެރި ސުނާމީގައި އެ ގައުމުގެ ފުކޫޝިމާ ޑައިޗީ ނިއުކްލިއާ ޕަވަ ޕްލާންޓަށް ގެއްލުންވެ، މިއަދާ ހަމައަށް ވެސް އެ ޕްލާންޓުގެ ވަށައިގެން 30 މޭލުގެ ސަރަހައްދެއް ވަނީ ރޭޑިއޭޝަނުން ތަޣައްޔަރުވެފަ އެވެ. އަދި 1986 ވަނަ އަހަރު ސޮލްވިއެޓް ޔުނިއަންގެ ޗާނޮބިލް ނިއުކްލިއާ ރިއެކްޓަރަށް ދިމާވި މައްސަލައެއްގައި ހިނގި ކާރިސާގައި، ނުރައްކާތެރި މާއްދާތައް ކޯރުތަކުގެ ތެރެއަށް ދޫވެ، ޔޫރަޕުގެ ގިނަ ގައުމުތަކެއް ސަލާމަތްވީ ހަމަ ކިރިޔާ އެވެ.
ނިއުކްލިއާ ފިޝަން ރިއެކްޓަރުތަކުން އުފައްދާ ހަކަތައާއެކު، ނަައްތާނުލެވޭ، އިންސާނުންނަށް ނުރައްކާތެރި ރޭޑިއޯއެކްޓިވް މާއްދާތައް އުފެދެ އެވެ. އެ ތަކެތި ޖެހެނީ އެތައް ހާސް އަހަަރެއް ވަންދެން ބިންގަރާސްތަކުގައި ވަޅުލާށެވެ. ނުވަތަ އެހެން ގޮތްގޮތަށް ނުރައްކާ ކުޑަކޮށްގެން ގެންގުޅޭށެވެ.
ސައިންސްވެރިން ބުނާ ގޮތުގައި ނިއުކްލިއާ ފިއުޝަންއިން ހަކަތަ އުފެއްދުމަކީ ނިއުކްލިއާ ފިޝަންއަށް ވުރެ ރައްކާތެރި ގޮތެކެވެ. މައްސަލައެއް ޖެހިއްޖެ ނަމަ ކުރިމަތިވެދާނެ ނުރައްކާ ކުޑަވެފައި އެކަމުން ބޭރުކުރާ މާއްދާތަކުގެ ނުރައްކާ ކުޑަވާނެ އެވެ. ބޭނުންކުރާ ފިއުލްގެ ބަރުދަނުގެ ރޭޓުން އެންމެ ގިނައިން ހަކަތަ ނެރެވޭނެ ކަމަށް ލަފާ ކުރަނީ ވެސް ފިއުޝަންއިންނެވެ. އެގޮތުން ނިއުކްލިއާ ފިޝަންއަށް ވުރެ ދެތިން ގުނަ އަދި ފޮސިލް ފިއުލްއަށް ވުރެ އެތައް މިލިއަން ގުނައެއް އިތުވާނެ ކަމަށް ވެ އެވެ.
ނިއުކްލިއާ ފިއުޝަންއަށް ބޭނުންކުރާ ފިއުލްއަކީ ދުނިޔެއިން އަދި ދުނިޔެއިން ބޭރުން ވެސް ވަރަށް ފަސޭހައިން ލިބެން ހުންނަ މާއްދާއެއް ކަމަށްވާ ހައިޑްރޮޖެންގެ ދެ ބާވަތެއް؛ ޓްރިޓިއަމް އަދި ޑިއުޓިރިއަމް އެވެ. އޭގެ މަދު ގްރާމުކޮޅަކުން އިންސާނެއްގެ މުޅި ހަޔާތުގައި ބޭނުންކުރާނެހާ ހަކަތަ އުފެއްދިދާނެ ކަމަށް ސައިންސްވެރިން ބުނެ އެވެ. މިއީ "އިންފިނިޓް" ނުވަތަ އިމެއް ނެތި ސާފު ހަކަތަ އުފެއްދިދާނެ ގޮތެއް ކަމަށް ބައެއް ސައިންސްވެރިން ސިފަ ކުރަނީ އެހެންވެ އެވެ.
އަށާރަސަތޭކައިގެ އަހަރުތަކުގައި ހަކަތަ އުފައްދަން ސްޓީމް އިންޖީނު ބޭނުންކުރަން ފެށި ހިސާބުން ފެށިގެން އިނގިރޭސިވިލާތުގައި ފެށުނު "އިންޑަސްޓްރިއަލް ރިވެލިއުޝަނަން" ނުވަތަ ސިނާއީ އިންގިލާބާ އެކު ކޮންމެ އަހަރަކު އިންސާނުން ޖައްވަށް ބޭރުކުރަމުން އަންނަ ވިހަ ގޭސްތައް ދިޔައީ އިތުރުވަމުންނެވެ. އެ ވިހަ ގޭސްތައް ބޭރުކުރާތާ ދެ ގަރުނު ފަހުން އިންސާނިއްޔަތު މިވަނީ ދުނިޔެ ނުރައްކަލެއްގެ ތެރެއަށް ވައްޓާލާފައި ކަމަށް ސައިންސްވެރިން ބުނެ އެވެ. އެހެންވެ، ޖައްވު ހޫނު ނުވާނެ ގޮތަކަށް ސާފު ހަކަތަ އުފައްދާނެ ތަފާތު ގޮތެއް ހޯދުން މުހިންމެވެ.
އެ ގޭސްތައް ތާށިވެ ހިނގާ ގްރީން ހައުސް އިފެކްޓުގައި އިރުގެ ޔޫވީ ލައިޓް ދުނިޔޭގެ އެޓްމޮސްފިއާގައި ތާށިވެ، ދުނިޔެ އަހަރަކަށް ފަހު އަހަރެއް ހޫނުވެ އެވެ. އެކަމުގެ ސަބަބުން، ދުނިޔޭގެ ދެކޮޅުގައި ހުންނަ ޕޯލްތަކުގެ ގަނޑުފެންތައް ގިރި، ކަނޑުގެ ލޮނުގަނޑު އުފުލި، ރާއްޖެ ފަދަ ތިރި ގައުމުތަކަށް މޫސުމީ ނުރައްކާތައް ކުރިމަތިކުރެ އެވެ. އަދި ގުދުރަތީ އެކި ނިޒާމުތަކަށް ބަދަލު އައިސް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މޫސުމާ ގުޅޭ ކާރިސާތައް ކުރިމަތިކުރެ އެވެ.
އިންޑަސްޓްރިއަލް ރެވޮލޫޝަންގެ ކުރިން ދުނިޔޭގެ ހޫނުމިން ހުރި ވަރަށް ވުރެ 1.5 ޑިގްރީ ސެލްސިއަސް މައްޗަށް ހިިނގައްޖެ ނަމަ އިންސާނުން ދިރިއުޅެން ދަތިވާ ވަރަށް ކަންތައްތައް ގޯސްވާނެ ކަމަށް ސައިންސްވެރިން ވަނީ ކުރިން ލަފާކޮށްފަ އެވެ. އަދި ވިހަ ގޭސްތައް ޖައްވަށް ދޫކުރާ މިންވަރު މިހާރުން މިހާރަށް މަދުނުކޮށްފި ނަމަ، މިހިނގާ ގަރުނު ނިމޭއިރު، 3.2 ޑިގްރީއަށް ދުނިޔޭގެ ހޫނުމިން މައްޗަށް ދާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އދ.ގެ އިންޓަގަވަރްމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް (އައިޕީސީސީ) އިން ޝާއިއުކުރި ރިޕޯޓްގައި ބުނެފައިވާ ގޮތުން، ދުނިޔޭގެ ތިމާވެށި މިހާރު އޮތީ ސަލާމަތްކުރަން ދަތި މިންވަރަކަށް ނުރައްކަލަށް ހުށަހެޅިފަ އެވެ. އެ ރިޕޯޓުގައިވާ ގޮތުން ސިނާއީ އިންގިލާބު ފެށުނު އިރު ހުރި މިންވަރަށް ވުރެ، 1.5 ސެލްސިއަސް ދަރަޖަ މަތިވުމާ ވަރަށް ކައިރިއަށް ގޮސްފައިވާއިރު، އެކަން އަނބުރާލަން އޮތީ ވިއްސަކަށް އަހަރެވެ.
ފާއިތުވި ގަރުނުުގެ ތެރޭގައި ތިމާވެއްޓާ ރައްޓެހި ގޮތަކަށް ހަކަތަ އުފެއްދުމަށް ފޮސިލް ފިއުލްގެ ބަދަލެއްގެ ގޮތުގައި ބޭނުންކުރަން ފަށާފައި ވަނީ ސޯލާ ފަދަ އިއާދަކުރަނިވި ހަކަތަ އެވެ. އެކަމަކު، އެކަމަށް ގައުމުތަކުން މުޅިން ބަރޯސާ ނުވާ ނަމަވެސް، ފިއުޝަންއިން ހަކަތަ އުފައްދަން ފެށިއްޖެ ނަމަ އެއީ އިއާދަކުރަނިވި ގޮތްގޮތަށް އުފައްދާ ހަކަތައަށް ވުރެ ފަސޭހައިން މާ ގިނަ ހަކަތަ އުފެއްދޭނެ ގޮތަކަށް ވާނެ އެވެ.
ސައިންސްވެރިން ބުނާ ގޮތުގައި ނިއުކްލިއާ ފިއުޝަންއިން ހަކަަތަ އުފައްދަން ފެށިއްޖެ ނަމަ ގައުމުތަކުގެ ނެޓް-ޒީރޯ ލަނޑުދަނޑުތައް ހާސިލުކޮށް ދުނިޔެ ހޫނުވުން ހުއްޓުވުމަށް ބޮޑު އުންމީދެއް ލިބޭނެ އެވެ.
މިހާރު އެންމެ ބޮޑަށް ފޮސިލް ފިއުލް ބޭނުންކުރަނީ އިގްތިސާދީ ބޮޑެތި ބާރުތައް ކަމަށްވާ ޗައިނާ، އެމެރިކާ، އިންޑިއާ އަދި ރަޝިއާ ފަދަ ގައުމުތަކުންނެވެ. ދުނިޔެ ހޫނުވުން ހުއްޓުވުމަށް އެންމެ ބޮޑު ބަދަލެއް ގެންނަން ޖެހޭނީ ވެސް އެ ގައުމުތަކުންނެވެ. ލޯރަންސް ލިވަމޯގައި ހާސިލު ކުރެވުނު ނަތީޖާއާ އެކު އަހަރުތަކެއް ވަންދެން ބޮޑު ކުރިއެރުމެއް ނުލިބި އޮތުމަށްފަހު، މިހާރު ގައުމުތަކާއި އިންވެސްޓަރުންގެ ޝައުގުވެރިކަން ވެސް އެކަމަށް ވަނީ އަލުން ހުއްޓިފަ އެވެ.
ޕެރިސް އެގްރީމަންޓުގައި ސޮއިކޮށް 2015 ވަނަ އަހަރު 196 ގައުމަކުން ވަނީ އެ މިންވަރަށް ހޫނުވިޔަ ނުދޭން ގެންނަން ޖެހޭ ބަދަލުތައް ގެންނަން އެއްބަސްވެފަ އެވެ. އަދި ކޮންމެހެން ވެސް ދެ ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް ދިޔަ ނުދިނުމަށް އެއްބަސްވެފަ އެެވެ. އެއީ ގައުމުތަކުން ޖައްވަށް ބޭރު ކުރާ ވިހަ ގޭސްތައް މަދުކޮށް، ފޮސިލް ފިއުލްގެ ބަދަލުގައި އިއާދަކުރެވޭނެ ގޮތަކަށް ހަކަތަ އުފައްދައިގެންނެވެ.
ފިއުޝަން ޓެކްނޮލޮޖީ އަށް ކުރާ އިންތިޒާރު އަދި އަހަރުތަކެއް ވަންދެން ކުރަން ޖެހޭނެ އެވެ. ލޯރަންސް ލިވަމޯގައި ހާސިލު ކުރެވުނު ނަތީޖާ ބައެއް ސައިންސުވެރިން އެއްގޮތް ކުރަނީ އެމެރިކާގެ ރައިޓް ބްރަދާސް 1903 ވަނަ އަހަރު ފުރަތަމަ ފަހަރަށް މަތިންދާބޯޓެއް އުފައްދައި އުދުހުމާ އެވެ. އެކަމަކު، އިންސާނުންނަށް މަތިންދާބޯޓު ބޭނުންކުރަން ފެށުނީ ފަހުން އައި ކުރިއެރުންތަކާއެކުކަން އެ މީހުން ފާހަގަކުރެ އެވެ.