16 ޖެނުއަރީ 2017 - 13:50

ރިޔާސީ ބަޔާން އިއްވުމަށް މި އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައްޔިތުން އުންމީދުކުރާ ވަރުގެ ކަންތައްތަކެއް އިވިގެން ނުދާނެ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.
މަޖިލިސް މި އަހަރަށް ފެށުމުގެ ގޮތުން ބާއްވާ ޖަލްސާ އަންނަ މަހުގެ ހައެއްގައި ބާއްވާ ގޮތަށް ވަނީ ނިންމައިފަ އެވެ. މި ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ރިޔާސީ ބަޔާން އިއްވަވާނެ އެވެ.
މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ މީގެ ކުރިން ރައީސް ޔާމީން މަޖިލީހަށް އިއްވެވި ރިޔާސީ ބަޔާންތަކުގައި ރައްޔިތުން އުންމީދު ކުރި އެއްވެސް ކަމެއް ނެތް ކަމަށެވެ.
އެހެންވެ، އިމްތިޔާޒް ވިދާޅުވި ގޮތުގައި ރައީސް ޔާމީން އިއްވަވާ މި އަހަރުގެ ރިޔާސީ ބަޔާނުގައި ވެސް ރައްޔިތުން އެދޭ ކަންތައްތައް ހިމަނުއްވާނެ ކަމަކަށް ނުބެލެވެ އެވެ.
"ރައީސް ޔާމީން ރިޔާސީ ބަޔާނުގައި ދެއްކެވި ވާހަކަތަކާ އަމަލަކާ ދިމާވެފައެއް ނުވޭ، ހުރިހާ ކަމެއް ވެސް (ރައީސް) ކުރައްވަމުން ގެންދަވަނީ ދިމާ އިދިކޮޅަށް،" އިމްތިޔާޒް ވިދާޅުވި އެވެ.
އިމްތިޔާޒް ވިދާޅުވީ ރިޔާސީ ބަޔާން އިއްވުމަށް ބާއްވާ ޖަލްސާގައި އެމްޑީޕީގެ މެމްބަރުން ބައިވެރިވުމާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށެވެ. އެ ގޮތުން މަޖިލިސް ޖަލްސާގައި އެމްޑީޕީ މެމްބަރުން އަމަލު ކުރައްވާނެ ގޮތަކާ މެދު މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގައި، ރިޔާސީ ބަޔާން އިއްވަވަން ޖެހިވަޑައިގަންނަވާނީ ގައުމުގެ ހާލަތު ބަޔާންކޮށްދީ، އިތުރަށް ރަނގަޅު ކުރަން ޖެހޭ ކަންކަމުގެ ގޮތުގައި ރައީސަށް ފެނިވަޑައިގަންނަވާ ކަންކަމުގެ މައްޗަށެވެ.
ތިން ދައުރަކަށް ބަހާލައިގެން އަހަރުގެ ތެރޭގައި މަޖިލީހުގެ ޖަލްސާތައް ބާއްވާއިރު، މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، ފުރަތަމަ ދައުރު ހިނގާނީ ފެބްރުއަރީ މަހުން އޭޕްރީލް މަހުގެ ނިޔަލަށެވެ. ކޮންމެ ދައުރެއްގެ ވެސް ފުރަތަމަ ޖަލްސާ ބާއްވަން ޖެހޭނީ އެ ދައުރެއް ފެށޭ ތާރީހާ ވިދިގެން އަންނަ ހޯމަ ނުވަތަ ބުރާސްފަތި ދުވަހު ކަމަށް ގަވާއިދުގައިވެ އެވެ.
މަޖިލީހުން މިދިޔަ އަހަރު ގިނަ ބިލްތަކަކާއި އިސްލާހުތަކެއް ފާސްކުރިއިރު، އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ އެ ބިލުތަކާއި އިސްލާހުތަކުން ރައްޔިތުންނަށް ފައިދާއެއް ނުވާ ކަމަށެވެ. އޭގެ ބަދަލުގައި އެއީ ރައްޔިތުންގެ ހައްގުތައް ނިގުޅައިގަތުމަށް ފާސްކުރި ބިލްތަކަކާއި އިސްލާހުތަކެއް ކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވެ އެވެ. އެ ފާޑުކިޔުންތަކަށް ރައްދު ދީ، ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުން ވިދާޅުވެފައި ވަނީ، އެ ބިލްތައް ފާސްކުރީ ހުރިހާ ރައްޔިތުންގެ ހައްގުތައް އިތުރަށް ކަށަވަރުކޮށް، ރައްކާތެރިކޮށް ދޭން ކަމަށެވެ.
ރިޔާސީ ބަޔާން އިއްވުމަށް ކުރިން ބޭއްވި ޖަލްސާތަކުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައި ބައެއް މެމްބަރުންނަށް އަނިޔާވެފައިވެ އެވެ.