31 ޑިސެމްބަރ 2022 - 10:53

ލަންޑަން (ޑިސެމްބަރު 31) - ޗައިނާގެ ބޯޑަރު ހުޅުވާލައި، ދަތުރު ކުރުމުގެ މިނިވަންކަން ދިނުމަށް އެ ގައުމުގެ ސަރުކާރުން ނިންމިޔަސް، ބޮޑެތި ގައުމުތަކުން ޗައިނާގެ ދަތުރުވެރިންނަށް ހާއްސަކޮށް ފިޔަވަޅުތައް ވަރުގަދަކޮށްފި އެވެ.
ޗައިނާއިން އިނގިރޭސިވިލާތަށް ދަތުރު ކުރާ ޓޫރިސްޓުންނަށް މަޖުބޫރުކޮށްފައި ވަނީ ބޯޓަށް އެރުމުގެ ކުރިން ހައްދާފައިވާ ކޮވިޑް ޓެސްޓްގެ ނެގެޓިވް ނަތީޖާ އަކާ އެކު ނޫން ގޮތަށް އެތެރެ ނުވެވޭނެ ކަމަށެވެ. ޗައިނާގެ ގިނަ އަދަދެއްގެ ޓޫރިސްޓުން ދަތުރު ކުރާ ޔޫރަޕްގެ މަގުބޫލު މަންޒިލުގެ ގޮތުގައި ހިމެނޭ ސްޕެއިން އިން ވެސް ވަނީ ޗައިނާގެ ދަތުރުވެރިންނަށް އިތުރު ފިޔަވަޅުތައް އަޅައިފަ އެވެ.
އެކަމަކު އިނގިރޭސިވިލާތުގެ ފިޔަވަޅުތަކަށް ވުރެ ސްޕެއިންގެ ފިޔަވަޅުތައް ޗައިނާގެ ޓޫރިސްޓުންނަށް ލުޔެވެ. ސްޕެއިން ބުނީ ކޮވިޑުން ރައްކާތެރިވުމަށް ޖަހާ ވެކްސިން ފުރިހަމަކޮށްފައި ވާނަމަ ކޮވިޑް ޓެސްޓްގެ ނަތީޖާ ބޭނުން ނުވާނެ ކަމަށެވެ. ފްރާންސުން އަންގައިފައި ވަނީ ފުރުމުގެ 48 ގަޑިއިރު ކުރިން ހައްދާފައިވާ ކޮވިޑްގެ ނެގެޓިވް ނަތީޖާ އަކާ އެކު ނޫނީ ޗައިނާގެ ޓޫރިސްޓުންނަށް ފްރާންސަށް އެތެރެ ނުވެވޭނެ ކަމަށެވެ. އިޓަލީން ވަނީ އެއާޕޯޓްގައި ހުންނަ ޓެސްޓިން ސްކްރީނުން ޗައިނާގެ ޓޫރިސްޓުންގެ ބަލީގެ ހާލަތު ދެނެގަންނަން ނިންމައިފަ އެވެ.
ޗައިނާގެ ސަރުކާރުން ބުނީ އަންނަ ހަފުތާގައި މުޅި ޗައިނާގެ ބޯޑަރު ހުޅުވާލާނެ ކަމަށެވެ. އެއީ މާޗް 2020 ގެ ފަހުން ޗައިނާގެ ބޯޑަރު ހުޅުވާލާ ފުރަތަމަ ފަހަރެވެ.
ޗައިނާގެ ބޯޑަރު ހުޅުވާލަން ނިންމިކަން އިއުލާން ކުރި ހިސާބުން، އެ ގައުމުގެ ދަތުރުވެރިންނަށް ފިޔަވަޅުތައް ވަރުގަދަކުރި ފުރަތަމަ ގައުމަކީ އެމެރިކާ އެވެ.
ޑަބްލިއުއެޗްއޯ އިން ބުނީ ގައުމުތަކުން އަޅަމުންދާ ފިޔަވަޅުތައް އެ ޖަމިއްޔާ އަށް ގަބޫލު ކުރެވޭ ކަމަށެވެ. އަދި އެ ޖަމިއްޔާއިން ވަނީ ކޮވިޑްގެ ހާލަތު އާންމުކޮށް ހިއްސާ ކުރުމަށް ޗައިނާ އަށް އަންގައިފަ އެވެ. އަދި އެކަމުގައި ޑަބްލިއުއެޗްއޯ އާއި ޗައިނާގެ ސައިންސްވެރިން ގުޅިގެން މަސައްކަތް ކުރުމަށް ތައްޔާރަށް އޮތް ކަމަށް ވެސް ޑަބްލިއުއެޗްއޯއިން ބުންޏެވެ.
ކޮވިޑްގެ ސައްހަ މައުލޫމާތު ޗައިނާއިން އޮޅުވާލާފައިވާ ކަމަށް ބައެއް ފަރާތްތަކުން ވަނީ އެ ގައުމުގެ ސަރުކާރަށް ތުހުމަތުކޮށްފަ އެވެ. އެކަމަކު ޗައިނާގެ ފޮރިން މިނިސްޓްރީން މި ހަފުތާގައި ބުނީ ބަލި ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުން ނަތީޖާ ފެންނަމުންދާ ކަމަށެވެ. ކޮވިޑް ނުރައްކާ މިހާރު ކުޑަ ކުރެވިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.