31 ޑިސެމްބަރ 2022 - 07:47

ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ، ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ، އުމުރުން 37 އަހަރުގައި ޔޫރަޕުގެ ފުޓްބޯޅަ ދޫކޮށް، ސައޫދީ އަރަބިއްޔާގެ އައް ނަސްރު އަށް ދެ އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން ބަދަލުވެއްޖެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި، ސައޫދީގެ ވެރިރަށް ރިޔާޒަށް ނިސްބަތްވާ އައް ނަސްރު އިން ރޮނާލްޑޯ އަށް އަހަރަކު 200 މިލިއަން ޔޫރޯ އަށް ވުރެ ބޮޑު މުސާރައެއް ދޭނެ އެވެ. އެއީ މުސާރައިގެ އިތުރުން، ސްޕޮންސާޝިޕް ޑީލްތަކާއި އެންޑޯޒްމަންޓް ޑީލްތަކުން ހޯދައިދޭނެ އާމްދަނީ ހިމަނައިގެންނެވެ. މާނައަކީ ދެ އަހަރުގެ ތެރޭގައި 500 މިލިއަން ޔޫރޯއާ ގާތްކުރާ އަދަދެއްގެ އާމްދަނީ އެއް އޭނާ އަށް ލިބުމެވެ. އެހެންވެއްޖެ ނަމަ މިއީ ފުޓްބޯޅައިގެ ރެކޯޑް އާމްދަނީ އަކަށް ވާނެ އެވެ.

ބެލެވޭ ގޮތުގައި، މި 200 މިލިއަން ޔޫރޯގެ ތެރޭގައި ސައޫދީން 2030 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ހޯސްޓިން ރައިޓްސް ހޯދުމަށް ކުރާ މަސައްކަތުގައި ރޮނާލްޑޯގެ އެހީތެރިކަން ހޯދައިގެން ދޭ ފީ ވެސް ހިމެނޭނެ އެވެ. އެހެންވެއްޖެ ނަމަ އޭނާ މަސައްކަތްކުރާނީ ސައުދީގެ ކެމްޕެއިނުގެ އެމްބެސެޑަރެއްގެ ގޮތުގަ އެވެ.
ރޮނާލްޑޯ އައް ނަސްރުގެ ކޮންޓްރެކްޓުގައި ސޮއިކުރީ ރޭގެ ވަގުތެއްގައި ސްޕެއިނުގެ މެޑްރިޑުގަ އެވެ. އޭނާ ސައޫދީ އަށް ގޮސް ކްލަބާ ގުޅޭނީ ފެށޭ ހަފުތާގަ އެވެ.
އިންގްލެންޑުގެ މެންޗެސްޓާ ޔުނައިޓެޑަށް މިދިޔަ ދޮޅު އަހަރު ކުޅުނު ރޮނާލްޑޯ ކްލަބެއް ނެތި ފްރީ އޭޖެންޓަކަށް ބަދަލުވީ، އެ ކްލަބުގެ ކޯޗާއި މެނޭޖްމަންޓަށް ފާޑުކިޔައި، އިނގިރޭސި ނޫސްވެރިޔާ ޕިއާސް މޯގަން އަށް އިންޓަވިއު ދިނުމުން، ކްލަބުން ކޮންޓްރެކްޓް އުވާލުމުންނެވެ.
މި ސީޒަން ފެށުމުގެ ކުރިން ވެސް ޗެމްޕިއަންސް ލީގުގައި ކުޅޭ ކްލަބަށް ބަދަލުވާން ރޮނާލްޑޯ މަސައްކަތްކުރި އެވެ. އެކަމަކު އޭނާގެ އުމުރާއި ދޭން ޖެހޭ އަގަށް ބަލައި، ބޮޑު ކްލަބަކުން އޮފާއެއް ނުދިނެވެ. އެހެންވެ ޔުނައިޓެޑުގައި މަޑުކުރީ އެވެ. އެކަމަކު އާ ކޯޗު އެރިކް ޓެން ހަގް އޭނާ އަށް އެކަށީގެންވާ ފުރުސަތު ނުދޭތީ އާއި އިހުތިރާމްކުޑަކުރާތީ ކެތްތެރިކަން ކޮޅުން ލައި އިންޓަވިއު ދިނީ އެވެ.
ޔުނައިޓެޑުން 2003 ގައި މަތީ ފެންވަރުގެ ފުޓްބޯޅަ ކެރިއަރު ފެށި ރޮނާލްޑޯ ވަނީ އެ ޓީމާ އެކު، ގިނަ ކާމިޔާބީތަކެއް އޭރު ހޯދައިފަ އެވެ. ފަހުން ސްޕެއިނުގެ ރެއާލް މެޑްރިޑަށް ބަދަލުވެ އެ ކްލަބާ އެކު ވެސް، ގިނަ އަދަދެއްގެ ކާމިޔާބީ ހޯދި އެވެ. އޭނާ ދެން ބަދަލުވީ 2018 ގައި، އިޓަލީގެ ޔުވެންޓަސް އަށެވެ. އެނބުރި ޔުނައިޓެޑަށް ދިޔައީ، މިދިޔަ އަހަރުގެ ޖުލައި މަހު އެވެ. އޭރު އޭނާ ހޯދަން އެންމެ ބޮޑަށް މަސައްކަތްކުރަނީ އިންގްލެންޑުގެ މިހާރުގެ އެންމެ ވަރުގަދަ ކްލަބް ކަމަށްވާ މެންޗެސްޓާ ސިޓީންނެވެ. އެކަމަކު ޔުނައިޓެޑާ ވާދަވެރި ކްލަބަކަށް ބަދަލުވެއްޖެ ނަމަ ސަޕޯޓަރުންގެ ފަރާތުން ކުރިމަތިވެދާނެ ނަފުރަތަށްޓަކައި އެ ކްލަބަށް ނުގޮސް ޔުނައިޓެޑަށް ދިޔައީ އެވެ.
އިންގްލެންޑުގެ ޗެލްސީ އާއި އިޓަލީގެ ނަޕޯލީ އަދި ކެރިއަރު ފެށި ޕޯޗުގަލްގެ ސްޕޯޓިން ލިސްބަން އިން ވެސް ރޮނާލްޑޯ އަށް ޝައުގުވެރިވި ކަމަށް ވާހަކަ ދެކެވުނެވެ. އެކަމަކު ރޮނާލްޑޯ ބަދަލުވާނީ ގިނަ ބަޔަކު ހީކުރި ގޮތުގައި އެމެރިކާގެ މޭޖާ ލީގަށެވެ. ރޮނާލްޑޯގެ ފެންވަރަށް ބަލާއިރު އޭނާ އަކީ އަދިވެސް ޔޫރަޕުގައި ކުޅެވޭނެ ކުޅުންތެރިޔަކަށް ވެފައި، ޔޫރަޕުގައި މަޑުނުކޮށް އަދި އެމެރިކާ އަށް ވެސް ނުގޮސް، ދުނިޔޭގެ ނިސްބަތުން އާދައިގެ ލީގަކަށް ބަދަލުވުމުން ބައެއް މީހުންނަށް ވަނީ ހައިރާންކަން ލިބިފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ރޮނާލްޑޯގެ މި ނިންމުމުގެ ފަހަތުގައި ވަނީ ފައިސާގެ މެގަ ޑީލެވެ. ޔުނައިޓެޑުން އޭނާ އަށް ދިނީ އަހަރަކު 28 މިލިއަން ޔޫރޯ އެވެ. އެހެންވެ އައް ނަސްރު އިން ދޭ އަހަރަކު 200 މިލިއަން ޔޫރޯ އަކީ އެއާ ބަލާއިރު ވަރަށް ބޮޑު އަދަދެކެވެ.
އެކަމަކު އޭނާ ބުނީ މިއީ އާ ލީގެއް ތަޖުރިބާކޮށްލަން ބޭނުން ހިފި ފުރުސަތެއް ކަމަށެވެ.
"ތަފާތު ގައުމެއްގައި އާ ފުޓްބޯޅަ ލީގެއް ތަޖުރިބާކޮށްލަން ކެތްމަދުވެފައި މިހުރީ،" ރޮނާލްޑޯ ބުންޏެވެ.
ރޮނާލްޑޯ އިތުރަށް ބުނި ގޮތުގައި، އައް ނަސްރު އިން ކުރިމަގަށް ކުރާ އުއްމީދުތަކާއި އެކަން ހާސިލްކުރަން ކްލަބް ހިންގާ ގޮތް އޭނާ އަށް ވަރަށް ކަމުދާ ކަމަށެވެ.
އައް ނަސްރު އިން ބުނި ގޮތުގައި ރޮނާލްޑޯ ފަދަ ކުޅުންތެރިޔަކަށް އެ ކްލަބާ ގުޅުމަކީ، ތާރީހީ ކަމަކަށް ވުރެ ވެސް ބޮޑު ކަމެއް ކަމަށެވެ.
"މީގެ ސަބަބުން ހަމައެކަނި ކުރިއަށްދާން ހިތްވަރު ލިބޭނީ މި ކްލަބަކަށް ނޫން. އަހަރެމެންގެ ލީގާއި އަހަރެމެންގެ ގައުމާއި ދެން އަންނަން އޮތް ޖީލުތަކަށް ވެސް މިއީ ހިތްވަރަކަށް ވާނެ."
ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އައް ނަސްރުގެ މި ޑީލުގެ ފަހަތުގައި ހުންނެވީ ސައުދީގެ ބޮޑުވަޒީރު އަދި ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އެވެ. އެމަނިކުފާނު ގެންދަވަނީ ސައުދީގެ އިގްތިސާދު ޑައިވާސިފައިކޮށް، އެ ގައުމު ދުނިޔެ އަށް ހުޅުވާލުމަށް މަސައްކަތްކުރައްވަމުންނެވެ. އެކަމަށްޓަކައި އާޖެންޓީނާގެ ލިއޮނަލް މެސީ ސައުދީގެ ޓޫރިޒަމް އެމްބެސެޑަރަކަށް ހަމަޖައްސައި ދާދި ފަހުން ވަނީ ކެމްޕެއިނެއް ވެސް ފަށައިފަ އެވެ.
މީގެ އިތުރުން އެ ގައުމުގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑުން ދާދި ފަހުން ވަނީ އިންގްލެންޑުގެ ނިއުކާސަލް ޔުނައިޓެޑް ވެސް ގަނެފަ އެވެ. އަދި ބޮކްސިން އާއި ފޯމިއުލާ ވަން ގްރޯން ޕްރީގެ ބޮޑެތި އިވެންޓްތައް ބާއްވާފައިވެ އެވެ. އަންނަ އަހަރު އިޓާލިއަން ސުޕަ ކަޕް ވެސް އޮތީ ސައޫދީގަ އެވެ.
އެ ގައުމުގެ މިހާރު އަމާޒަކީ ވޯލްޑް ކަޕް ބޭއްވުމުގެ ފުރުސަތު ހޯދުމެވެ. އެ މަސައްކަތުގެ ކެމްޕެއިނަށް ރޮނާލްޑޯ އަކީ އެންމެ އެކަށީގެންވާ އެއް ކުޅުންތެރިޔާ ކަމަށް މީޑިއާތަކުން ބުނެ އެވެ. މަޝްހޫރުކަމާއި ކާމިޔާބަށް ބަލާއިރު އޭނާ ހިމެނެނީ ދުނިޔޭގެ އެންމެ ކުރީ ސަފުގަ އެވެ. ޔުނައިޓެޑާއި ރެއާލާ އެކު ޔޫރަޕުގެ ޗެމްޕިއަންކަން ފަސް ފަހަރު އަދި ޕޯޗުގަލްއާ އެކު އެ ޝަރަފް އެއް ފަހަރު އޭނާ ހޯދި އެވެ.
ރޮނާލްޑޯ ބަދަލުވި އައް ނަސްރު އަކީ ނިމުނު ވޯލްޑް ކަޕުގައި ޗެމްޕިއަން އާޖެންޓީނާ 2-1 އިން ބަލިކުރީ ސައޫދީ ގައުމީ ޓީމުގެ ހަ ކުޅުންތެރިން ނިސްބަތްވަނީ ކްލަބެކެވެ.
އިޓަލީގެ ރޯމާގެ ކުރީގެ ކޯޗު ރުޑި ގާސިއާ ކޯޗުކޮށްދޭ އައް ނަސްރު އަކީ ސައުދީގެ އެންމެ ކާމިޔާބު ކްލަބެވެ. އެގޮތުން ސައުދީ ލީގު ނުވަ ފަހަރު، ކިންގްސް ކަޕް ހަ ފަހަރު އަދި އޭޝިއަން ކަޕްވިނާސްކަޕް އެއް ފަހަރު އެ ކްލަބުން ހޯދި އެވެ.
އެ ޓީމަށް ކުޅޭ މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި ވޯލްޑް ކަޕުގައި ސެނެގާލް ޓީމަށް ކުޅުނު ވިންސެންޓް އަބޫބަކުރު އާއި އާސެނަލްގެ ކުރީގެ ގޯލްކީޕަރު ޑޭވިޑް އޮސްޕިނާ ހިމެނެ އެވެ.
ސައޫދީ ލީގަކީ އޭޝިއާގެ އެންމެ ވަރުގަދަ އެއް ލީގެވެ.