30 ޑިސެމްބަރ 2022 - 15:00

މެޑްރިޑް (ޑިސެމްބަރު 30) - ވޯލްޑް ކަޕަށް ފަހު ސްޕެނިޝް ލީގުގެ ކުޅުން ރޭ އަލުން ފަށާފައި ވާއިރު، އެތުލެޓިކޯ މެޑްރިޑުން ކުޅުނު ފުރަތަމަ މެޗުގައި 2-0 އިން އެލްޗޭ ބަލިކޮށްފި އެވެ.

ލީގު މެދުކަނޑާލުމުގެ ކުރިން ޑިއޭގޯ ސިމިއޯނީގެ އެތުލެޓިކޯ މެޑްރިޑަށް އެންމެ ފަހުން ކުޅުނު ފަސް މެޗުން ހޯދުނީ އެންމެ މޮޅެކެވެ. އަދި އެންމެ ފަހު ތިން މެޗުގެ ތެރެއިން ދެ މެޗުން ބަލި ވެފައި ވާއިރު އެއް މެޗު ނިމުނީ އެއްވަރު ވެގެންނެވެ.
ރޭ ކުޅުނު ފޯރި ގަދަ މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެލްޗޭގެ ޑިފެންޑަރު ގޮންޒާލޯ ވާޑޫ އަށް ރެފްރީ ވަނީ ވީއޭއާރު ބެލުމަށް ފަހު ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ. އަދި ދެ ވަނަ ހާފު ފެށިގެން އަށް މިނިޓު ތެރޭ އެތުލެޓިކޯގެ ޑިފެންޑަރު މާރިއޯ ހާމޯސޯ އަށް ދެވަނަ ރީނދޫ ކާޑަލާ އެކު ރަތް ކާޑެއް ދެއްކުމުން ދެ ޓީމަށް ވެސް ކުޅެން ޖެހުނީ އެކަކު މަދުކޮށެވެ.
އެތުލެޓިކޯ އިން ލީޑު ނެގީ ހާމޯސޯ އަށް ރަތް ކާޑު ދެއްކިތާ ތިން މިނިޓު ފަހުން، އެންޓޮއިން ގްރީޒްމަން ތަނަވަސްކުރި ފުރުސަތަކުން ޔާއޯ ފީލިކްސް ބޮލުން ޖަހައިދިން ގޯލުންނެވެ. އަދި 74 ވަނަ މިނިޓުގައި ދެވަނަ ގޯލު ޖަހައިދިނީ އަލްވަރޯ މޮރާޓާ އެވެ.
މެޗުގެ އެންމެ ފަހު މިނިޓުގައި ކައުންޓާ އެޓޭކެއްގައި މޮރާޓާ ބޯޅަ ހިފައިގެން ކުރިއަށް އަރަނިކޮށް އޭނާ އަށް ފައުލް ކޮށްގެން އެލްޗޭގެ މިޑްފީލްޑަރު ޑޮމިންގޯސް ކުއިނާ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ. މިއާ އެކު އެލްޗޭ މެޗު ނިންމާލީ ނުވަ ކުޅުންތެރިންނާ އެކު އެވެ.
ޓްރާންސްފާ މާކެޓުގައި ޕްރިމިއާ ލީގަށް ބަދަލުވާން އުޅޭކަމުގެ އަޑުތައް ފެތުރިފައިވާ ފީލިކްސް ވަނީ ރޭގެ މެޗުގެ ފުރަތަމަ 11 ގައި ހިމެނިގެން މޮޅަށް ކުޅެފަ އެވެ. ފީލިކްސް ގެންދަން ހިފާ ޓީމުތަކުގެ ތެރޭގައި މެންޗެސްޓާ ޔުނައިޓެޑާއި އާސެނަލް އަދި ޗެލްސީ ވެސް ހިމެނޭކަމަށް މީޑިއާތަކުން ރިޕޯޓް ކުރެ އެވެ. އަދި ސީޒަން ނިމެންދެން ލޯނު އުސޫލުން މޮރާޓާ ގެންދަން ވެސް ޔުނައިޓެޑުން މަސައްކަތް ކުރާކަމަށް މީޑިއާތަކުން ދާދި ފަހުން ރިޕޯޓް ކޮށްފައިވެ އެވެ.
މި މޮޅާ އެކު އެތުލެޓިކޯ ވަނީ 15 މެޗުން 27 ޕޮއިންޓް ހޯދައިގެން ލީގު ތާވަލްގެ ތިން ވަނައަށް ޖެހިލައިފަ އެވެ. ހަތަރު ވަނައިގައި އޮތީ 14 މެޗުން 26 ޕޮއިންޓް ހޯދާފައިވާ ރެއާލް ސޮސިއެޑާޑެވެ.
ވޯލްޑް ކަޕަށް ލަ ލީގާ މެދުކަނޑާލި އިރު އެއްވަނައިގައި އޮތީ 14 މެޗުން 37 ޕޮއިންޓް ހޯދާފައިވާ ބާސެލޯނާ އެވެ. އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް އޮތީ 14 މެޗުން ހޯދި 35 ޕޮއިންޓާ އެކު ދެ ވަނައިގަ އެވެ.
ވޯލްޑް ކަޕަށް ފަހު ރެއާލް މެޑްރިޑް ލީގުގައި ކުޅޭ ފުރަތަމަ މެޗުގައި މިރޭ ދަންވަރު ރާއްޖެ ގަޑިން 1:30 ގައި ރަށުން ބޭރުގައި ވަލަޑޮލިޑާ ދެކޮޅަށް ކުޅޭނެ އެވެ. އަދި ބާސެލޯނާގެ ފުރަތަމަ މެޗުގައި މާދަމާ ހަވީރު 6 ޖަހާއިރު އަމިއްލަ ދަނޑުގައި ނުކުންނާނީ އެސްޕަންޔޯލާ ދެކޮޅަށެވެ. އެތުލެޓިކޯގެ ފަހަތުގައި ތާވަލްގެ ހަތަރު ވަނައިގައި ވިއްދާފައި އޮތް ސޮސިއެޑާޑް އަމިއްލަ ދަނޑުގައި މާދަމާ ރޭ 8:15 ގައި އޮސަސޫނާއާ ދެކޮޅަށް ކުޅޭނެ އެވެ.