15 ޖެނުއަރީ 2017 - 14:55

މިދިޔަ ހަފުތާގައި ހުވަދޫ ކަނޑުން "ސަބްމެރިން"އެއް ފެނިގެން ބަޔަކު އެކަން އެމްއެންޑީއެފަށް ރިޕޯޓް ކުރި އެވެ. އެކަމަކު ފަހުން އެމްއެންޑީފުން ކަށަވަރުކޮށް ދިން ގޮތުގައި ބަޔަކަށް ސަބްމެރިންއެއް ކަމަށް ހީކުރެވުނު އެއީ ސަބްމެރިންއެއް ނޫނެވެ. އެއީ ސުޕަ ޔޮޓެކެވެ.
އޭތި އޮތް ސިފަ އަށް ބަލާ އިރު، ސަބްމެރިންއަކާ ވައްތަރު ގޮތެއް ހުއްޓަސް، ސަބްމެރިންއާ ހިލާފަށް އެ އުޅަނދަކީ ހަމަ ފެންމަތީގައި ދުވާ ޔޮޓެކެވެ. އޭގެ ޑިޒައިން ތަފާތުކަމުން އެހެން ގޮތަކަށް ބަޔަކަށް ލަފާ ކުރެވުނީ އެވެ.
މި ޔޮޓް މިހާރު އޮތީ އައްޑޫގަ އެވެ. އޭތި ފޭދޫ ބަނދަރަށް އިއްޔެ ކައިރި ކުރުމުން، ބައެއް މީހުން އޭތި ބަލަން ގޮސް، ފޮޓޯ ނަގައި ވެސް ހެދި އެވެ. ބަނދަރަށް ކައިރި ކުރީ ކަސްޓަމްސްގެ ހުއްދައާ ވެސް އެކު ތެޔޮ އެޅުމަށްޓަކަ އެވެ. ޔޮޓް މިހާރު އޮތީ ގަން އެއާޕޯޓާ ދިމާލުގަ އެވެ.
މި ޔޮޓަކީ މޮނާކޯގެ ވެއިލީން ކުންފުނިން އުފައްދާފައިވާ، ގަޑިއަކު 65 މޭލު ބާރުމިނުގައި ދުވާ ޔޮޓެކެވެ. ޔޮޓްގެ ނަމަކީ ވެލީ ޕަވާ 18 އެވެ. މީގެ ކެޕޭސިޓީއަކީ 12 މީހުންނެވެ.
ކަސްޓަމްސްގެ އޮފިޝަލަކު ބުނީ އެ ޔޮޓަކީ ކްރޫޒިންއަށް ނިކުމެގެން އުޅޭ ޔޮޓެއް ކަމަށެވެ. އެހެންވެ ރާއްޖެ އަށް ޒިޔާރަތް ކުރާ އެހެން ޔޮޓްތަކާ ހިލާފަށް، އެހެން ހާއްސަ ވަކި ބޭނުމެއް ވެލީ ޕަވަ 18 އަކު ވެސް ނެތެވެ.
އައްޑުއަކީ އާންމުކޮށް ޔޮޓްފަހަރު ޒިޔާރަތް ކުރާ ސަރަހައްދެކެވެ. މި ޔޮޓަކީ ވެސް ހަމަ އެ އުސޫލުން ޒިޔާރަތް ކުރި ޔޮޓެކެވެ.