ކިޔަވާ ހިތުން އަފްޣާނިސްތާންގެ އަންހެން ދަރިވަރު ސްކޫލަށް ދިޔައީ "ފިރިހެނަކަށް" ހެދިގެން
ކިޔަވާ ހިތުން އަފްޣާނިސްތާންގެ އަންހެން ދަރިވަރު ސްކޫލަށް ދިޔައީ "ފިރިހެނަކަށް" ހެދިގެން

ކާބުލް (ޑިސެމްބަރު 30) - ފާއިތުވި 15 މަސް ދުވަހުގެ ތެރޭގައި އަފްޣާނިސްތާނުގެ އަންހެނުންނާއި އަންހެން ކުދިން ހާލަތު އޮތީ އިންތިހާ އަށް ކަންބޮޑުވާން ޖެހޭ ހާލަތެއްގަ އެވެ.

ސްކޫލްތަކާއި ކޮލެޖް، ޔުނިވަސިޓީތަކަށް އަންހެން ކުދިން ކިޔަވަން ދިއުން ތޯލިބާނުން ހުއްޓުވުމުން އެ ކުދިންގެ ކުރިމަގާ މެދު އުފެދިފައިވާ އަނދިރިކަމުގެ ފުންމިން ވިސްނަން ވެސް ދައްޗެވެ. ތޯލިބާނުން އަފްޣާނިސްތާންގައި ބާރުވެރިކަން ހޯދި ކޮންމެ ފަހަރަކު އަންހެނުންނާއި އަންހެން ކުދިންނަށް ސްކޫލްތަކާއި ކޮލެޖްތަކަށް ދިއުން މަނާ ކުރެ އެވެ. ކުރިމަގަށް އުންމީދުކޮށްގެން ތިބި އެތައް އަންހެން ދަރިންނެއްގެ މުސްތަގުބަލު އަނދިރިވެފައި ވަނީ ހީވެސް ނުކުރާ މިންވަރަށެވެ.

ތޯލިބާނުން، އަފްގާނިސްތާންގެ ވެރިކަމާ 1990 ގައި ހަވާލުވެ 2001 އަށް ވެރިކަން ކުރި ދުވަސްވަރު ބައެއް އަންހެނުން ވަނީ ކިޔެވުމުގެ އުންމީދު ހާސިލު ކުރަން ބޮޑެތި ގުރުބާނީތަކެއް ވެފަ އެވެ. އޭގެ ތެރެއިން އެކަކަކީ ޒަހްރާ ޖޯޔާ އެވެ. ލަންޑަންގައި މިހާރު ދިރިއުޅެމުން އަންނަ ނޫސްވެރިޔާ ބުނި ގޮތުގައި 90 ގެ އަހަރުތަކުގައި އޭނާ ކިޔަވަން ބޭނުންވެގެން ސްކޫލަށް ދިޔައީ ފިރިހެން ހެދުން އަޅައިގެން "ފިރިހެނަކަށް" ވެގެންނެވެ.

"އަފްޣާނިސްތާނުގެ ގިނަ އަންހެން ކުދިން ފަދައިން އަހަރެންގެ ދިރިއުޅުމަކީ ފުރަތަމަ ދުވަހުން ފެށިގެން ވެސް އުނދަގޫ ދިރިއުޅުމެއް. އަހަރެން ކުޑައިރު ތޯލިބާނުންގެ ފުރަތަމަ ވެރިކަމުގައި، 1990 ގެ އަހަރުތަކުގައި ސްކޫލަށް ދިއުމުގެ ހުއްދައެއް ނުދިން. ތަޢުލީމުގެ އަސާސީ ހައްގު ތޯލިބާނުން އަހަރެންގެ އަތުން ނިގުޅައިގަތީ ހަމައެކަނި އަންހެން ކުއްޖަކަށް ވީ އެކަމަކު މާނާކޮށްފައި އޮތް އޮތުމުން ބޭރަށް ނުކުމެ ފިރިހެން ކުއްޖެއްގެ ހެދުން އަޅައިގެން އަހަރެން ސްކޫލަށް ދިޔައިން،" އަފްގާނިސްތާންގެ އަނެހެނުންގެ ހައްގުގައި "ރުކްޝާނާ މިޑިއާ"ގެ ނަމުގައި ނޫހެއް ހިންގާ ޒަހްރާ ބުންޏެވެ.

އޭނާ ބުނީ ތޯލިބާނުންގެ ބާރުވެރިކަމަށް އެމެރިކާއިން 2001 ގައި ނިމުމަކަށް ގެނައި ހިސާބުން އެ ގައުމުގައި އުޅުނު އެންމެ ނަސީބު ގަދަ ޖީލަށް އޭނާގެ ޖީލު ވާނެ ކަމަށެވެ އަފްގާނިސްތާނުގައި ޔުނިވަސިޓީގައި އާންމުކޮށް ކިޔެވުމުގެ ފުރުސަތު ލިބުނު ޖީލުގައި އޭނާ ހިމެނުނެވެ. އޭނާ އެކަން ސިފަ ކުރަނީ ނަސީބުވެރި ކަމެއްގެ ގޮތުގަ އެވެ.

"ތައުލީމު އުނގެނުމަކީ ހައްދެއް ނެތް މިންވަރަށް އުފާވެރިކަން ލިބޭ ކަމެއް ކަމަށް އިހްސާސް ކުރެވުނު. އަހަރެމެންނަށް ލިބުނީ އާދަޔާ ހިލާފް އުފަލެއް. ޔުނިވަސިޓީގައި ކިޔަވަން އުޅުމަކީ އިންތިހާ ދަރަޖައިގެ އުފަލެއް ލިބޭ ކަމެއް،" އޭނާ ބުންޏެވެ.

އޭނާ ބުނީ 20 އަހަރަށް ފަހު އަފާގާނިސްތާންގެ ބާރުވެރިކަން ތޯލިބާނުން އަލުން ހޯދުމުގެ ފުރުސަތު ހުޅަނގުގެ ބާރުތަކުން ދިނީ، ތޯލިބާނުންގެ ބަހަށް ހެއްލިގެން ކަމަށެވެ. މިދިޔަ އަހަރު އެމެރިކާއިން އަގްގާނިސްތާނުން ފޭބި ފަހުން އެ ގައުމުގެ ބާރު ތޯލިބާނުން އަލުން ހޯދި އެވެ. ފުރަތަމަ ދުވަސް ވަރު އަންހެން ވަޒީފާ އަދާ ކުރުމުގެ ފުރުސަތު ވެސް ދިނެވެ. އޭރު ސްކޫލްތަކުގައި ކިޔެވުމުގެ ފުރުސަތު ވެސް ދީފައި އޮތެވެ.

"ތޯލިބާނުން ދުނިޔެ މޮޔަ ހެއްދީ،" ޒަހްރާ ލިޔެފައި ވެއެވެ.

އަންހެނުންނަށް ސްކޫލްތަކާއި ޔުނިވަސިޓީތަކުގައި ކިޔެވުމުގެ ފުރުސަތު ތޯލިބާނުން ނުހުއްޓުވާނެ ކަމަށް ހުޅަނގުގެ ބާރުތަކުން އުންމީދު ކުރަމަކީ މޮޔަކަމެއް ކަމަށް ޒަހުރާ ބުންޏެވެ.

ޒަހްރާ ބުނީ އޭނާ ފަދައިން ފިރިހެން ހެދުން އަޅައިގެން ސްކޫލަށް ދާނެ ހިތްވަރު ހުރިހާ އަންހެން ކުދިންގެ ކިބައިގައި ނުހުންނާނެ ކަމަށެވެ.

އޭނާ ބުނީ އަފްޣާނިސްތަންގެ އަންހެން ކުދިންގެ މެދުގައި ނަފުސާނީ މައްސަލަތައް ވެސް ދަނީ އިތުރުވަމުން ކަމަށެވެ. ސްކޫލް ޔުނިވިސިޓީ މާހާއުލާއި ކްލާސް ރޫމާއި އެކުގައި ކިޔެވަމުން ދިޔަ ކުދިންނާ ވަކިވާން ޖެހުމުން އަންހެން ކުދިންގެ ތޮބީއަތަށް ވެސް ނުރަނގަޅު އަސަރުކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.

އަންހެން ކުދިން ކިޔަވަން ދިއުން މަނާ ކުރުމުން އެކަމާ ދެކޮޅަށް ޝުއޫރުފާޅު ކުރަން ނުކުތް އަންހެނުންނާ ދެކޮޅަށް މި ހަފުތާގައި ތޯލިބާނުން ވަނީ ބާރުގެ ބޭނުންކޮށް އެ ހަރާކްތް ހުއްޓުވައިފަ އެވެ،