30 ޑިސެމްބަރ 2022 - 10:30

ގުޖުރާތު (ޑިސެމްބަރު 30) - އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ މަންމާފުޅު ހީރަބެން މޯދީ އުމުރުފުޅުން 99 އަހަރުގައި މިއަދު އަވަހާރަވެއްޖެ އެވެ.
ހީރަބެންގެ ހާލުކޮޅު ގޯސްވުމުން ގުޖްރާތުގެ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދެމުން ގެންދަނިކޮށް އަވަހާރަވީ މިއަދު ހެނދުނު އެވެ. މޯދީ ވެސް މިވަގުތު ހުންނެވީ އޭނާ ޗީފް މިނިސްޓަރުކަން ކުރެއްވި ގުޖުރާތުގަ އެވެ. މަންމާފުޅުގެ ހަށިގަނޑު އެމްބިއުލައިންސްގައި ގެންދިޔައިރު މޯދީ ވެސް އިންނެވި އެވެ.
ޖޫން މަހު 18 ގައި މަންމާފުޅުގެ އުމުރުން 99 އަހަރު ފުރުނު ދުވަހު އުފަންދުވަސް ފާހަގަ ކުރުމުގެ ގޮތުން މޯދީ ލިޔުއްވި ބްލޮގްގައި ވިދާޅުވެފައި ވަނީ ހީރަބެންގެ ގުރުބާނީން އޭނާގެ ހިތްވަރާއި ވިސްނުން ބިނާ ކުރުމަށް މަގުފަހިވެގެން ދިޔަ ކަމަށެވެ.
އިންޑިއާގެ ހާއްސަ ދުވަސް ދުވަހު މޯދީ، މަންމާފުޅު ކައިރިއަށް ވަޑައިގެން އިހުތިރާމް އަދާކުރައްވަ އެވެ. އެ ފޮޓޯތައް ސޯޝަލް މީޑިއާގައި ވައިރަލްވުމުން އިންޑިއާގައި މޯދީގެ މަގުބޫލުކަން އިތުރުވެގެން ދިޔަ އެވެ.
މޯދީ އެންމެ ފަހުން މަންމާފުޅާ އެކު ފެނުނީ މި މަހު ހަތަރުވަނަ ދުވަހު ގުޖުރާތުގެ އިންތިހާބަށް އެ ސްޓޭޓަށް ވަޑައިގެން މަންމަ އާ ބައްދަލު ކުރެއްވި ދުވަހު އެވެ.
ހީރާބެން ދިރިއުޅުއްވީ އޭނާގެ ހަގު ދަރިކަލުންނާ އެކު އެވެ. އޭނާ އުފަންވެވަޑައިގަތީ ގުޖުރާތުގެ ވިސްނަގަރު އަވަށައުގައި 1923 ގަ އެވެ. ފުރާވަރު އުމުރުގައި ދަމޮދަރުދުސާ މުލްޗަންދު މޯދީ އާ ކައިވެނި ބައްލަވައިގެން ގުޖުރާތުގެ އެހެން އަވަށަކަށް ބަދަލުވެވަޑައިގެންނެވި އެވެ. އެ ދެމަފިރިންނަށް ހަ ފިރިހެން ބޭފުޅުން ލިބިވަޑައިގެންނެވި އެވެ. ނަރެންދްރަ މޯދީ އަކީ ތިންވަނަ އަށް ލިބިވަޑައިގެންނެވި ދަރިކަލުންނެވެ.
"މަންމަގެ ކުޑައިރުގެ ދުވަސްވަރަކީ ފަގީރުކަމާއި ބަނޑުހައި ހޫނުކަމުގައި ހޭދަ ކުރި ދުވަސްވަރެކެވެ،" މޯދީގެ ބްލޮގްގައި އޭނާ ލިޔުއްވާފައި ވެއެވެ.
"ވަދްނަގަރުގައި އަހަރެމެންގެ އާއިލާ ކުރިން އުޅުނީ ކުޑަކުޑަ ގެއެއްގަ އެވެ. އެ ގޭގައި ކުޑަދޮރެއް ވެސް ނުހުރެ އެވެ. ފާހާނާއެއް ފަދަ ތަނެއް ވެސް ނުހުރެ އެވެ."