ރެއިންބޯ ފިހާރައިން ފައިސާތައް ފޭރުނު މައްސަލާގައި ހަތަރު މީހުން ހައްޔަރުކޮށްފި
ރެއިންބޯ ފިހާރައިން ފައިސާތައް ފޭރުނު މައްސަލާގައި ހަތަރު މީހުން ހައްޔަރުކޮށްފި

މި މަހުގެ ދެ ވަނަ ދުވަހު ރެއިންބޯ ފިހާރައަކުން ދެ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ފޭރުނު މައްސަލައިގައި ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި އެ ފޭރުމާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 17 އަހަރާއި 19 އަހަރާއި 21 އަހަރާއި 23 އަހަރުގެ ހަތަރު ފިރިހެނުންނެވެ.

އެ މީހުން ހައްޔަރުކޮށްފައި ވަނީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހުން ފެށިގެން އިއްޔެއާ ހަމައަށް ފުލުހުން ހިންގި އެކި އޮޕަރޭޝަންތަކުގަ އެވެ. އެ މީހުންގެ ތެރެއިން 17 އަހަރުގެ ކުއްޖާގެ ބަންދަށް ވަނީ 10 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ދީފަ އެވެ. އަދި 19 އަހަރުގެ މީހާގެ ބަންދަށް ކޯޓުން 15 ދުވަހުގެ މުއްދަތެއް ދީފައިވާއިރު 23 އަހަރުގެ ޒުވާނާ އަށް 13 ދުވަހުގެ ބަންދުގެ މުއްދަތެކެވެ. އެ މީހުންގެ ތެރެއިން 21 އަހަރުގެ ޒުވާނާ ހައްޔަރުކުރިތާ 24 ގަޑިއިރު ނުވާތީ، ބަންދުގެ މުއްދަތު ޖަހަން އަދި ކޯޓަކަށް ނުގެންދެ އެވެ.

ފުލުހުން ބުނީ ފޭރުނު ފައިސާތައް ހޯދުމުގެ މަސައްކަތާއި އެ މައްސަލާގައި ތުހުމަތުކުރެވޭ އިތުރު މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެެ.

ރެއިންބޯގެ ފިހާރަައަކަށް ލިބުނު އެ ފައިސާތައް ފޭރިގަތީ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު ދެ ސައިކަލެއްގައި ގޮސް މަގުމަތިންނެވެ. ފައިސާ ފޭރިގަތީ ސައިކަލެއްގައި ރެއިންބޯގެ ހެޑް އޮފީހަށް އެ ފައިސާ ގެންދަނިކޮންނެވެ.