29 ޑިސެމްބަރ 2022 - 10:59

އެމްޑީޕީގެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި އެ ޕާޓީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވާދަވެރި ޕްރައިމަރީގައި 57،000 އަށް ވުރެން ގިނަ މެމްބަރުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.
އެމްޑީޕީން ރޭ އާއްމުކުރި ވޯޓާސް ލިސްޓުގައިވާ ގޮތުން އެ ޕާޓީގެ ޕްރައިމަރީގައި 57،714 މީހުންނަށް ވޯޓު ލެވޭނެ އެވެ. މި ލިސްޓު ހުޅުވާލީ ޝަކުވާއަށެވެ.
ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބްރޭ) ވިދާޅުވީ ޕްރައިމަރީގައި ވޯޓުލެވޭނީ މި މަހުގެ 18އާ ހަމައަށް ޕާޓީގެ މެމްބަރެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ މީހުންނަށެވެ. އާއްމުކުރީ އިލެކްޝަންސް ކޮމިޝަނުގައި އޮތް އެމްޑީޕީގެ ލިސްޓާ އެއްގޮތަށް ސައްހަކުރެވިފައި އޮތް ލިސްޓެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޑިސެމްބަރު 18 އާ ހަމައަށް މެމްބަރުންގެ ގޮތުގައި ތިބި އެންމެންނަށް ވޯޓުލެވޭނެ. ލިސްޓު ފައިނަލް ކުރުމުގެ ކުރިން ޝަކުވާ ހުށަހަޅަން މުއްދަތެއް އަޅުގަނޑުމެން މި ހުޅުވާލީ،" އިބްރޭ ވިދާޅުވި އެވެ.
ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދީފައި ވަނީ އަންނަ އާދީއްތަދުވަހުގެ ހަވީރު ހަތަރެއް ޖެހުމާ ހަމައަށެވެ.
އެމްޑީޕީން ވޯޓާސް ލިސްޓު އާއްމުކުރިއިރު، އެއީ ގަޑުބަޑުކޮށްފައި އޮތް ލިސްޓެއް ކަމަށާއި އެއަށް ބަލައިގެން ވޯޓު ނަގައިފި ނަމަ އިންތިހާބު އިންސާފުވެރި ނުވާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އެކަމަކު ޕާޓީން ވަނީ އެ ތުހުމަތު ދޮގުކޮށް ބަޔާނެއް ނެރެފަ އެވެ.
އެމްޑީޕީން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވާ ގޮތުގައި ލިސްޓު ސައްހަ ކުރަން ޖެހުނީ އެހެން ޕާޓީތަކުގައި ރަޖިސްޓްރީގައި ތިބި ގިނަ ބަޔަކު އެމްޑީޕީގައި ތިބުމުންނެވެ.
ދަފްތަރު ސައްހަކުރީ އެމްޑީޕީގެ ގައުމީ މަޖިލީހުންނެވެ. އެ ދަފްތަރު މިހާރު އޮތީ، ޕާޓީގެ އަސާސީ ގަވާއިދާއި ގައުމީ މަޖިލީހުގެ ނިންމުންތަކާ އެއްގޮތްވާ ގޮތުގެ މަތިން އެކުލަވާލާފައި ކަމަށް އެމްޑީޕީން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.