ވޯލްޑް ކަޕް ގައި މެސީ ހުރި ކޮޓަރި މިއުޒިއަމަކަށް ހަދަނީ
ވޯލްޑް ކަޕް ގައި މެސީ ހުރި ކޮޓަރި މިއުޒިއަމަކަށް ހަދަނީ

ވޯލްޑް ކަޕުގައި އާޖެންޓީނާ އިން ގަތަރުގައި ތިބި އެ ގައުމުގެ ޔުނިވާސިޓީ ހޮސްޓެލްގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ހުރި ކޮޓަރި، ކުޑަ މިއުޒިއަމް އަކަށް ހަދަން ޔުނިވާސިޓީން ނިންމައިފި އެވެ.

ވޯލްޑް ކަޕް ގައި މެސީ ހުރި ކޮޓަރި މިއުޒިއަމަކަށް ހަދަނީ
ވޯލްޑް ކަޕް ގައި މެސީ ހުރި ކޮޓަރި މިއުޒިއަމަކަށް ހަދަނީ

ވޯލްޑް ކަޕް ގައި ވާދަކުރި އާޖެންޓީނާގެ ސްކޮޑް މުބާރާތް ނިމެންދެން ތިބީ ގަތަރު ޔުނިވާސިޓީގެ ސްޓޫޑެންޓް ކުއާޓާސްގަ އެވެ. ރިޕޯޓްތައް ބުނާގޮތުން މެސީއާ އެކު މި ކޮޓަރި ހިއްސާކުރީ އޭނާގެ ޒަމާންވީ ރަހުމަތްތެރިޔާ، އަދި އާޖެންޓީނާގެ ކޯޗިން ޓީމުގައި މި އަހަރު ހިމެނުނު ސާޖިއޯ އަގުއެރޯ އެވެ.

ޔުނިވާސިޓީގެ ކޮމިއުނިކޭޝަންސް އަދި ޕަބްލިކް ރިލޭޝަންސް ޑިރެކްޓަރު ގަތަރުގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ބުނެފައި ވަނީ، މެސީ ބޭނުންކުރި ރޫމް 'ބީ 201'، ކުރިއަށް އޮތް ތަނުގައި ގެސްޓުންނަށް ދޫ ނުކުރާނެ ކަމަށެވެ.

"އާޖެންޓީނާގެ ގައުމީ ޓީމުގެ ކުޅުންތެރިޔާ ލިއޮނަލް މެސީގެ ކޮޓަރިއަށް ބަދަލެއް ނާންނާނެ. އެ ކޮޓަރި ހުންނާނީ ހަމައެކަނި ދެކިލާ ޒިޔާރާތް ކޮށްލަން، ދިރިއުޅޭ މީހުންނަކަށް ނޫން،" ގަތަރުގެ ނޫހެއް ކަމަށްވާ އަލް ޝަރްގް އަށް ދިން އިންޓަވިއު އެއްގައި އޭނާ ބުނެފައި ވެއެވެ.

"މެސީގެ ތަކެއްޗަކީ ދަރިވަރުންނާއި އަންނަން އޮތް ޖީލުތަކަށް ލިބޭނެ ތަރިކައެއް. އަދި އެ ތަކެއްޗަކީ ވޯލްޑް ކަޕްގެ ތެރޭގައި މެސީ ހާސިލްކުރި ބޮޑެތި ކާމިޔާބީތަކުގެ ހެއްކަކަށް ވާނެ."

އުމުރުން 35 އަހަރުގެ މެސީ އަކީ، އާޖެންޓީނާ އިން 36 އަހަރު ފަހުން ވޯލްޑް ކަޕް ކާމިޔާބު ކުރި ޓީމުގެ މުހިއްމު ކުންތެރިޔެކެވެ. އޭނާ ވަނީ ފައިނަލް މެޗުގައި ދެ ގޯލު ޖަހައި، 4-2 އިން މޮޅުވި ޕެނަލްޓީ ޝޫޓައުޓް ގައި ވެސް އޭނާގެ ޕެނަލްޓީ ކާމިޔާބު ކޮށްފަ އެވެ. އަދި މުބާރާތުގައި ދެ ވަނައަށް އެންމެ ގިނަ ގޯލު ޖެހުމުގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދީ އޭނާ އެވެ.

ވޯލްޑް ކަޕް ފެށުމުގެ ކުރިމް މެސީ ވަނީ ގަތަރު ވޯލްޑް ކަޕަކީ އޭނާގެ އެންމެ ފަހު ވޯލްޑް ކަޕް ކަމަށް ނިންމައިފަ އެވެ. އެތައް ރެކޯޑެއް ހަދައި، ވޯލްޑް ކަޕްގެ ތަށްޓާ އެކު މެސީ ވަނީ އޭނާގެ ޓްރޮފީ ކެބިނެޓުން މަދުވާ ހަމައެކަނި ތަށި ވެސް ހޯދައި، ކެރިއަރު ފުރިހަމަ ކޮށްފަ އެވެ.