28 ޑިސެމްބަރ 2022 - 22:16

ރާއްޖޭގައި ޗުއްޓީ ހޭދަކުރެއްވުމަށް ފަހު، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މިރޭ ފުރާވަޑައިގެންފި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ޕްރައިވެޓް ޖެޓެއްގައި ރާއްޖެ ވަޑައިގެންނެވި އިންފަންޓީނޯ ޗުއްޓީ ހޭދަ ކުރެއްވީ އިތާފުށި ރިސޯޓްގައި ކަން އެނގިފައިވެ އެވެ. ލުބުނާންގެ ބޭކަނބަލާކާ ކައިވެނި ބައްލަވައިގެން އުޅުއްވާ އިންފަންޓީނޯ އާއެކު އޭނާގެ އާއިލާގެ ބައެއް މެންބަރުން ވެސް ވަޑައިގެންނެވި އެވެ. އެ އާއިލާ ފަސް ދުވަހު ރާއްޖޭގައި ޗުއްޓީ ހޭދަ ކުރެއްވި އެވެ.
ޗުއްޓީ ހޭދަ ކުރެއްވި މުއްދަތުގައި އިންސްޓަގްރާމްގައި ފުޓްބޯޅައިގެ ވާހަކަތައް ހިއްސާ ކުރެއްވި ނަމަވެސް ޗުއްޓީ ދަތުރުގެ އެއްވެސް މަންޒަރެއް ސޯޝަލް މީޑީއާގައި ހިއްސާ ކުރައްވައިފައެއް ނުވެ އެވެ.
ގަތަރުގައި ނިމިގެންދިޔަ ވޯލްޑް ކަޕުގައި އިންފަންޓީނޯ އަށް ހުޅަނގުގެ މީޑީއާގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވި އެވެ. އެއީ ގަތަރުގައި ބައެއް ހައްގުތައް ހަނިކޮށް ވޯލްޑް ކަޕު ކުރިއަށް ގެންދިޔަ އިރު ވެސް އިންފަންޓީނީ އެކަމަށް ސަމާލުކަން ދެއްވާފައި ނުވުމުންނެވެ.
އޭގެ ބަދަލުގައި އޭނާ ވަނީ ގަތަރުން ވޯލްޑް ކަޕަށް ވީ ތައްޔާރަކަށް ތައުރީފް ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ އެ މުބާރާތަކީ މިހާތަނަށް ބޭއްވި އެންމެ ފުރިހަމަ ވޯލްޑް ކަޕް ކަމަށެވެ. އަދި ސްޓޭޑިއަމްތަކުގައި ބަނގުރަލާއި ބިޔަރު އާންމުކޮށް ބޭނުން ނުކުރެވޭ ގޮތަށް ހެދުމުން އެކަން ދިފާއުކޮށް އޭނާ ވާހަކަ ދެއްކެވި އެވެ. ހުޅަނގުގެ ނުރުހުން އަމާޒުވި ނަމަވެސް ސަބަބުން އަރަބި އިސްލާމީ ގައުމުތަކުން އޭނާ އަށް ތައުރީފް ކުރި އެވެ.
އަންނަ މާޗް މަހު ބާއްވާ ފީފާގެ އިންތިހާބުގައި ތިންވަނަ ދައުރަކަށް އިންފަންޓީނޯ ވަނީ ކުރިމަތި ލައްވައިފަ އެވެ. މާޗް މަހު ރުވާންޑާގައި ބާއްވާ ކޮންގްރެސްގައި އޭޝިއާ އާއި އެފްރިކާގެ ގިނަ ގައުމުތަކުގެ ފުޓްބޯޅަ އިދާރާތަކުން އޭނާ އަށް ވޯޓް ދޭނެ ކަމަށް ބެލެވެ އެވެ.