16 ޖެނުއަރީ 2017 - 06:21

މިދިޔަ އަހަރު ރިލީޒް ކުރި އެންމެ ކާމިޔާބު ފިލްމް ކްރިސްޓަލް އެންޓަޓައިންމަންޓްގެ ބިރުވެރި ފިލްމް 4426 (ފޯފޯޓޫސިކްސް) ގެ އިތުރު ޝޯއެއް އަނެއްކާ ވެސް އޮލިމްޕަހުގައި ދައްކަން ނިންމައިފި އެވެ.
ޕްރޮޑިއުސަރު/ޑައިރެކްޓަރު ފާތުމަތު ނަހުލާ ބުނީ ފިލްމްގެ އިތުރު ޝޯއެއް ދައްކާ ގޮތަށް ނިންމީ ވަރަށް ގިނަ ބައެއްގެ އެދުމުގެމަތިން ކަމަށެވެ.
އޮކްޓޯބަރު މަހުގެ 18 ގައި ރިލީޒްކޮށް، އޮލިމްޕަހުގައި ހައުސްފުލް 25 ޝޯ ދެއްކި "4426" ކުރިއަށް އޮތް ޝޯ އޮންނާނީ އަންނަ މަހުގެ 3 ވަނަ ދުވަހުގެ ރޭގަ އެވެ.
ޓިކެޓް ހޯދަން ބޭނުންވާ މީހުންނަށް "4426" ގެ ވެބްސައިޓުން މިހާރު، ޓިކެޓް ބުކް ވެސް ކުރެވޭނެ އެވެ.
"މިހާރު ހަމަ ވެބްސައިޓަށް ވަދެލާފައި ޓިކްޓް ބުކްކޮށްލެވޭނެ. އަދި ދުވަސް ކައިރިވީމަ އޮލިމްޕަހުން ވެސް ޓިކެޓް ވިއްކަން ފަށާނެ،" ޓިކެޓް ވިއްކާނީ 100ރ. އަށް ކަން ފާހަގަކޮށް ނަހުލާ ބުންޏެވެ. "އެންމެ ޝޯއެއް މި އަޅުވަނީ. އެހެންވީމާ ކުރީ ބައިގައި ޓިކެޓް ބުކްކޮށްލުން ރަނގަޅު."
ނަހުލާގެ ސްކްރީންޕްލޭއަކަށް، އޭނާ އާއި އަހުމަދު ޝިނާން ޑައިރެކްޓް ކުރި "4426" ވަނީ ރާއްޖޭގެ ވަރަށް ގިނަ ރަށްރަށާއި ރިސޯޓްތަކުގައި ވެސް ދައްކައިފަ އެވެ. އަދި މި ފިލްމް ސްރީ ލަންކާގައި ވެސް ދެއްކި އެވެ.
ފަޅު ގެއެއްގެ ތެރޭގައި ތާށިވާ ބަޔަކަށް ދިމާވާ ބިރުވެރި ހާދިސާތަކެއް ދައްކުވައިދޭ "4426" ގެ ކާސްޓުންގެ ތެރޭގައި ޔޫސުފް ޝަފީއު (ޔޫއްޕެ)، ޝީލާ ނަޖީބް، އިބްރާހީމް ޖިހާދު (ޖިމީ)، ޖުމައްޔިލް ނިމާލް (ޖުމަލް) އަދި މުހައްމަދު ފައިސަލް ހިމެނެ އެވެ.