28 ޑިސެމްބަރ 2022 - 15:32

ޕެރިސް (ޑިސެމްބަރު 28) - ފްރާންސްގެ ޕީއެސްޖީ އަށް ކުޅޭ ލިއޮނެލް މެސީ، ވޯލްޑް ކަޕަށް ފަހު ޓީމާ އަލުން ގުޅޭނީ އާ އަހަރަށް ކަމަށް ޕީއެސްޖީގެ ކޯޗު ކްރިސްޓޯފް ގަލްޓިއޭ ބުނެފި އެވެ.
ވޯލްޑް ކަޕަށް ފަހު ފްރާންސް ލީގުގެ ކުޅުން މިރޭ އަލުން ފަށާނެ އެވެ. މި އަހަރު ޕީއެސްޖީ ކުޅޭ ފަހު މެޗުގައި އެ ޓީމު ނުކުންނާނީ ސްޓްރާސްބޯގާ ދެކޮޅަށެވެ. އެ މެޗުގައި މެސީ ނުފެންނާނެ އެވެ.
މެސީ ވަނީ އޭނާގެ ޓީމްމޭޓް ކިލިއަން އެމްބާޕޭ ކުޅުނު ފްރާންސާ ދެކޮޅަށް 4-2 އިން ޕެނަލްޓީގައި ކުރި ހޯދައިގެން މި އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބު ކޮށްފަ އެވެ.
މެސީ އަދިވެސް ހުރީ ވޯލްޑް ކަޕްގެ ކާމިޔާބީއާ ގުޅިގެން އޭނާގެ އުފަން ގައުމު އާޖެންޓީނާގަ އެވެ. ނަމަވެސް އެމްބާޕޭ ވަނީ މުބާރާތް ނިމުނުތާ ތިން ދުވަސް ފަހުން އެނބުރި ކުލަބުގެ ފަރިތަކުރުންތަކަށް ނުކުމެފަ އެވެ.
"އެބަތިބި ވަރަށް ކުރީބައިގައި މުބާރާތުން ކެޓި ކުޅުންތެރިން، 10 ނޫނީ 12 ދުވަހަށް ފަހު އެނބުރި ޓީމާ ގުޅުނު ކުޅުންތެރިން،" ކޯޗު ގަލްޓިއޭ ބުންޏެވެ.
"މުބާރާޓުގައި ވަރަށް ދުރަށް ދިޔަ ކުޅުންތެރިން ވެސް އެބަ އުޅޭ، މިސާލަކަށް [އަޝްރަފް] ހަކީމީ. ދެން މި ވިސްނަނީ ކިލިއަން [އެމްބާޕޭ] އާއި ލިއޯ [މެސީ]. ކަހީމީ އާއި ކިލިއަން ބޭނުންވީ އަވަހަށް އައިސް ޓީމާ ގުޅެން.
"ޖިއޮގްރަފިކަލީ ވެސް ވަރަށް ދުރުގައި ލިއޯ އުޅެނީ، އޭނާ ހުރީ އުފާފާޅުކުރުންތަކަށް ގައުމުގައި. އޭނާ ޓީމާ ގުޅޭނީ އާ އަހަރަށް. ގާތްގަނޑަކަށް 10 ނޫނީ 11 ދުވަސް ވަރު ފަހުން."